އީދު ދުވަހު އާއިލާގެ ބައެއްގެ ކައިރިއަށް ދާން ގާޒާގެ އުތުރަށް ވެހިކަލްގައި ދަތުރު ކުރަނިކޮށް ހަމާސްގެ ޕޮލިޓިކަލް ލީޑަރު އިސްމާއިލް ހަނިއްޔާގެ 3 ދައިންނާއި 4 ކާފަ ދަރިން، އިޒްރޭލުން މަރާލައިފިއެވެ.
މުރާސިލުން ބުނާގޮތުން މިހަމަލާ ދީފައި ވަނީ، އެ ވެހިކަލް ތިބި މީހުން އިޒްރޭލުން ކޮންފާމް (ޔަގީން) ކުރުމަށް ފަހުއެވެ. އަދި ހަމަލާ ދިނީ މަތީގައި އުދުހެމުން ދިޔަ ޑްރޯން ބޭނުން ކޮށްގެން ކަމަށާއި ޑްރޯނުން 2 މިސައިލް ފޮނުވާލި ކަމަށް ވެސް ބުނެފައި ވެއެވެ.
ވެހިކަލް ގޮވި ސަރަހައްދުގައި ކުދިކުދިވެފަައި ވާ އެތިއެތި ކޮޅު ފިޔަވައި މީހެއްގެ ހަށިގަނޑެއްވެސް ފެންނަން ނެތް ވަރަށް އޮތީ ކުދިކުދި ވެފައެވެ.
މި ހާދިސާ ހިނގި އިރު ހަނިއްޔާ ހުންނެވީ ގަތަރުގައެވެ. އާންމުކޮށް ގަތަރުގައި ދިރިއުޅުއްވާ ހަނިއްޔާ ވިދާޅުވީ، އިޒްރޭލުގެ މިއަލުގެ ސަބަބުން ހަމާސް އިން ކުރަމުން ދާ ޑިމާންޑްތަކަށް ކުޑަވެއް ބަދަލެއް ނާންނާނެ ކަމަށާއި އޮންނާނެ ހަމައެކަނި ގޮތަކީ ގާޒާގެ ބިންތަކުން އިޒްރޭލު ފައިބައިގެން ދިޔުން ކަމަށެވެ.
ހަމާސްގެ 3 ދަރިންނަނީ ހަމާސްގެ އަސްކަރީ ގޮފީގެ މެންބަރުންނެވެ.
ހަނިއްޔާ ވިދާޅުވީ ގާޒާ ހަނގުރާމަ ފެށުނީއްސުރެ އެ 3 ދަރިން ތިބީ ގާޒާގައި ކަމަށާއި އެއީ ހާޒެމް، އާމިރު އަދި މުހައްމަދު ކަމަށެވެ.
މަރުވި ކާފަ ދަރިންނަކީ މޮނާ، އަމާލް އަދި ހާލިދް އާއި ރަޒާން އެވެ.
ޓެލެގްރާމް ޗެނަލްގައި ހަނިއްޔާ ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ވަނީ، ޝަހީދުންގެ ބައްޕައަކަށް އޭނާ ވެވަޑައިގެންފި ކަމަށާއި އެކަމަށް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.
އިޒްރޭލުން މިހަމަލާ ދިން ވަގުތަކީ ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަ ގާއިމު ކުރެވޭތޯ ކުރިއަށް ދާ މަޝްވަރާތަށް މިސްރުގައި ހިގަމުން ދާ ވަގުތެކެވެ. ފުރަތަމަ ބުރުގެ ވާހަކަތަކުން ނަތީޖާއެއް ނުނިކުތް ނަމަވެސް ދެވަނަ ބުރުގެ ވާހަކަތައް ވަނީ ފަށާފައެވެ. މިވާހަތަކުގައި އެމެރިކާގެ ސީއައިއޭގެ ޑައިރެކްޓަރު ވިލިއަމް ބާންސްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މަޝްވަރާގެ މޭޒުގައި އޮތް އެއް ކަމަކީ ހަމާސްގެ އަތްދަށުގައި މިވަގުތު ތިބި 130 ރަހީނުންގެ ތެރެއިން 40 މީހަކު ދޫކޮށްލުމުގެ ބަދަލުގައި އިޒްރޭލުން ރަހީނުކުރި ފަލަސްތީނު މީހުންގެ ތެރެއިން 900 މީހުން ދޫކޮށްލުމެވެ. ގާޒާ ހަނގުރާމަ ފެށިފަހުން އިޒްރޭލުން ވަނީ 8100 އަށް ވުރެ ގިނަ މީހުން ރަހީނު ކޮށްފައެވެ.
އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައި ވާ ހަނިއްޔާ އަކީ، ހަމާސްގެ އެންމެ އިސް އެއްލީޑަރެވެ. އޭނާ ސިޔާސީ ގޮފީގެ އެންމެ ލީޑަރަކަށް އައްޔަން ކުރީ 2017 ގައެވެ.