ލ. މާވަށުގެ ބިން ހިއްކާއިރު ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކަވާނެ ކަމަށެވެ. އަދި މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު ހިމާޔަތްކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، 50 މިލިޔަނުން ފެށިގެން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫތައް ޖުލައި މަހު ފަށާނެ ކަމަށެވެ.
މީގެއިތުރުން މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި މާވަށުގެ މަގުތައް ހެދުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ރައްޔިތުން އެދޭގޮތަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށެވެ.