ނިސްބަތްވާ ސިޔާސީ ޕާޓީ މުހިންމު ނޫންކަމަށާއި ހުރިހާ ރައްޔިތުންވެސް ހަމަހަމަކަމަށް ވިދާޅުވެ މަގުސަދަކީ ބާރު ސްޕީޑުގައި ތަރައްގީ ގެނައުންކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހައްދުންމައްޗާއި އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރަށަށް އުމްރާނީ ތަރައްގީ ގެނައުމުން އޭގެ ފައިދާ ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ކުރާނެ ކަމަށާއި، އެ މަނިކުފާނުގެ މަގުސަދަކީ ވަކި ޕާޓީއެއްގެ ބަޔަކު ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ހިދުމަތް ކުރުން ކަމަށެވެ. ރައީސް ވިދާޅުވީ މާވަށުގެ ތަރައްގީ އަށް އެތައް ކަމެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އޭގެތެރެއިން އެރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމާއި ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ.

ރައީސް ވިދާޅުވީ މި ފަދަ މަޝްރޫތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި ބާރު ސްޕީޑުގައި ތަރައްގީ ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ރައީސް ވިދާޅުވީ މަޖިލީހުން އެކަށީގެން ވާގޮތަށް ބަޖެޓު ފާސްނުކޮށްދީފިނަމަ މަޝްރޫތައް ނުހިންގޭނެ ކަމަށާއި މިދިޔަ ހަތަރު މަސްދުވަހު މަޖިލީހުން އެއްބާރުލުން ނުލިބި މަޝްރޫތަށް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތި ވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެރަށެއްގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގެދޮރުވެރި ކުރުވުމުން ކޮންމެ ޕާޓީއެއްގައި ހުރިނަމަވެސް ފައިދާ ވާނެ ކަމަށާއި އެހެންކަމުން އުމްރާނީ ތަރައްގީ ހާސިލުކުރުމަށް މަޖިލިސް ކާމިޔާބު ކުރުމަށް އެއްބާރުލުންދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.