ފުލުހުންގެ ހިދުމަތުގެ "ސްޕެޝަލިސްޓް އޮޕަރޭޝަންސް" ނުވަތަ އެސްއޯ ފުލުހުން ނެރެންޖެހޭ ހާލަތްތައް މުރާޖައާކޮށް ކޮމިޝަނަރުގެ ހުއްދައާއި ނުލާ ނުނެރޭވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ހޯއްދަވާފައެވެ. މި ހާދިސާ އާއި ގުޅިގެން ރައީސް ވިދާޅުވީ ތަނަކަށް އެސްއޯ ފުލުހުން ފޮނުވަން ވެއްޖެ ނަމަ އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޕީއެންއެފް ގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ދާހިލީ ވުޒާރާ މެދުވެރިވެ ފުލުހުންގެ ކިބައިން ރިޕޯޓެއް ހޯއްދަވާފައިވާއިރު އެ ރިޕޯޓާއި ގުޅިގެން 5 ފިޔަވަޅެއް އެޅުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މި ގޮތުން ރައީސް މުއިއްޒު، ދާހިލީ ވުޒާރާ މެދުވެރިކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސްއަށް އަންގަވާފައިވާ ފިޔަވަޅުތަކަކީ:

- އެސްއޯ ފުލުހުން ނެރެވޭނެ ހާލަތްތައް މުރާޖައާކޮށް، އެ ހާލަތްތަކުގައިވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ކޮމިޝަނަރުގެ ހުއްދަ ހޯދައިގެ ދަށުން އެކަން ކުރުން

- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުން

- ޣިޔާސުންދީން ސްކޫލަށް އެސްއޯ ފުލުހުން ފޮނުވުނު ގޮތް ބަލައި އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތެއްވާނަމަ ގާނޫނީ ފިޔަވަޅު އެޅުން

- އޮޕަރޭޝަންސް ހާލަތްތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލު މުރާޖައާކޮށް ދެފުއްފެންނަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ދެވޭނެގޮތް ހެދުން.

- ޣިޔާސުންދީން ސްކޫލު ސަރަހައްދުގައި އެސްއޯ ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ފުލުހުންގެ ޔޫޒް އޮފް ފޯސް ރިވިއު ކޮމެޓީން ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.