ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ އީދު ސަލާމް ކުރައްވައިފިއެވެ.

އީދު ސަލާން ކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު 9:30 އިން 10:30އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

މި އީދު ސަލާމުގައި ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ އިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންގެ އިތުރުން ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

އީދު ފާހަގަ ކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް މާލެ އާއި ވެރިކަން ކުރާ ރަށްރަށުގެ އިތުރުން ސިޓީ ތަކުގައި ވަނީ ތަފާތު ލައިޓުތަކުން ޒީނަތްތެރި ކޮށްފައެވެ.

ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.