މިއަދު ފެށުނު ފިތުރު އީދުގެ މުނާސަބަތުގައި ހަވާ އެރުވުން، މިރޭ 22:00 ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލު ކަނޑު މަތީގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެކިއެކި މުނާސަބަތުތަކާ ގުޅިގެން މީގެ ކުރިންވެސް ހަވާ އަރުވާފައި ވާ އިރު، ހަވާ ބަލާލަން ދިޔުމަކީ އާންމުންގެ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން ކުދިބޮޑު އެތައް ބަޔަކު ހަވާއަރުވާ މަންޒަރު ދެކިލައި ފޮޓޯ އާއި ވީޑިއޯ ކޮށް އަދި ސެލްފީ ނެގުމަށް ހަރަކާތްތެރިވެއެވެ.

ރާއްޖޭގައި ހަވާ އެރުވުމަކީ އާންމު ކަމަކަށް ނުވުމާއި ހަވާގެ ރީތި ކުލަތައް ޖައްވުގެ ތެރޭގައި ފެތުރިގެން ދާ ގޮތް ދެކިލައި ހިތްހަމަޖެހުން ލިބގަތުމަކީ ހަވާ ބަލަންދާ އެތައް ބައެއްގެ އިހުސާސެވެ.

ހއ ކެލާގައި ބޮޑުއީދު ފާހަގަ ކުރުމަށް ހަވާ އެރުވާތަން ބަލަން ގިނަބަޔަކު އެއްވެފައި / ފައިލް ފޮޓޯ: ދަ ޕްރެސް

"ހަވާ ދެން ވަރަށް ސަޅި، އަބަދުވެސް ދަން، މިރޭވެސް ކުޅިންކޮޅު ގޮވައިގެން ދާނަން" އާންމުންގެ މީހަކު ބުންޏެވެ.

އާންމުންގެ ޝުއޫރުތައް ހުރިގޮތް ސާފުކޮށްލުމަށް ބައެއް މީހުންނާ ސުވާލު ކޮށްލުމުން ގިނަ ބަޔަކު ބުނެފައި ވަނީ ހަވާ ބަލާލަން ދިޔުމަކީ އުފަލެއް ކަމަށެވެ. ނަމަވެސް ހަވާ ބަލަން ދާން ބޭނުން ނުވާ ބައެއް މީހުންނާވެސް ދިމާވެފައި ވެއެވެ. އޭގެ ތެރެއިން އެކަކު 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ، "މައްސަލަ އަކީ އަރުވާ ވަގުތުކޮޅު ކުޑަވުން ކަމަށާއި ފައިވާޅުވާފަހުން އަރުވަން ފަށާ ހަވާ މިނެޓެއް ދެމިނެޓެއް ހާއިރު ނިމޭ" ކަމަށެވެ.

ހއ ކެލާގައި ބޮޑުއީދު ފާހަގަ ކުރުމަށް ހަވާ އެރުވަނީ / ފައިލް ފޮޓޯ: ދަ ޕްރެސް

ހަވާ އަރުވާ ގަޑި ދުރާލައި އެމްއެންޑީއެފް އިން އިއުލާން ކުރުމާއެކު ހަވާ އަރުވާ ސަރަހައްދުން ޖާގަ ހޯދުމަށް އެތައް ގަޑިއިރެއްގެ ކުރިން ގިނަ ބަޔަކު އެއްވެއެވެ. އާންމުކޮށް އިށީނދެލާނެ ތަންތަން ނުހުންނާތީ އެހާ ގިނަ އިރު ގިނަ ބަޔަކު ތިބެނީ ކޮޅަށެވެ. އެ އިންތިޒާރުގެ ނިމުން އެންމެ 2-3 މިނެޓުން ދިޔުމަކީ ބައެއް މީހުންނަށް ހިތްގައިމު ގޮތަކަށް ނުވެއެވެ.

އެންމެ ފަހުން އެންމެ ދިގުކޮށް (10 މިނެޓް) އަށް ހަވާ އަރުވާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އައިއޯޖީގެ އިވެންޓުގައި ރާއްޖޭގެ އެތްލީޓުން ރަނގަޅު ކާމިޔާއެއް ހޯދާފައި ވާ އިރު އެ އުފަލުގައި ދިވެހިން ވަނީ ބައިވެރިވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވެއެވެ.