ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މިރޭ 21:30 ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓާއި ދިމާ ބޭރުން ހަވާ އަރުވުމަށް ނިންމާފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ 5 މިނެޓަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދެނީ މިނެޓަކަށް 1،000 ޑޮލަރަށެވެ.