މާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުން މިރޭ 21:15ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތަކަށްވާއިރު ތިން މިނެޓެއް ހާއިރަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިންނެވެ. ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.
އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދެނީ މިނެޓަކަށް 1،000 ޑޮލަރަށެވެ.
