ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފަށްވާރާ" މަރާމާތުކޮށް ނިންމުމަށްފަހު ރަސްމީކޮށް އާންމުންނަށް ހުޅުވައިފިއެވެ.

ޖުމްހޫރީ ފަށްވާރާ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައ،ި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކްވަކްސް އާދަމް ޝަރީފު އުމަރާ، ދައުލަތުގެ އިސްވެރީންނާ، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުالله ޒިޔާދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީ އިން ބުނީ މި މަސައްކަތަކީ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށެވެ. "މިނިވަން 50" މުނާސަބަތާ ގުޅިގެން ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު އޭރުގެ މިނިސްޓަރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުންނެވެ.

އެމްޓީސީސީ އިން ބުނީ މި ބިނާ ފަރުމާކުރެވުނީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވަރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެން ކަަމަށެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ހުޅުވުނު ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައިވަނ،ީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ގައުމީ އެއްބައިވަންތަކަމާ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތް ފަރުމާކުރެވިފައިވަނީ އާއްމުންގެ ސިއްހަތާ ރައްކާތެރިކަމަށްވެސް ބެލުމަށްފަހުކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

"ޖުމްހޫރީ ފަށްވާރާ" މަރާމާތުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މިގޮތުން މިތަނުގެ ފެން ފިލްޓާކުރާ ނިޒާމް ފަރުމާކޮށްފައިވާނ،ީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީއާއެކު ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ފެންސާފުކުރެވި ބަދަލުކުރެވޭނެ ގޮތަށެވެ. އަދި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފަށްވާރާގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށެވެ. ޖުމްހޫރީ ފަށްވާރާ ފަރުމާކުރެވިފައިވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެއަޑުވެސް އިވޭ ގޮތަށްކަމަށް އެމްޓީސީސީ އިން ބުނެފައިވާއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތްހުރި ސަރަހައްދުކަމުގައިވާތީ މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާއި ދިމާނުވާނެހެން ބަލައިގެން ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނީ ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ބިނާ އޮތީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ފަށްވާރާ އަލުން ހުޅުވިފައި ވަނ،ީ ގައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ހާއްސަ އިރުޝާދާއި ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވަކްސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމުމާއި ގުޅިގެންނެވެ.

އެމްޓީސީސީ އިން ބުނީ މި ފެންއަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެހެން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ ސިޓީގައި ހުޅުވިފައިވާ މާލޭގެ މަލަމަތި ރީތިކޮށްދޭ ހިތްގައިމު ބިނާއެއްކަމަށެވެ. މިބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުވެގެން ދިޔަކަމީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއްކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ ޖުމްހޫރީ ފަށްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒުކޮށް ދިނުމަށް އެ ކުންފުނިން ހެދިފައިވާ މުހިންމު ބިނާއެއް ކަމަށެވެ.

"ޖުމްހޫރީ ފަށްވާރާ" މަރާމާތުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މުޖުތަމައުގެ ކަންކަމަށް ހިއްސާކުރުމުގެ ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް އެ ކުންފުނިން ބުނީ ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަކީ އެކުންފުނިން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ރަށްރަށުގައި އަދި އެނޫންވެސް އެކި ކަހަލަ އިޖުތިމާއީ ކަންކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާ އަދާކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަފާތު މަސައްކަތްތައް ކުރަމުން އަންނައިރު އެމްޓީސީސީގެ އުއްމީދަކ،ީ މުޖުތަމައަށް ނަފާވާ މިފަދަ މަސައްކަތްތައް ކޮށްދޭ ކުންފުންޏެއްގެ ގޮތުގައ،ި ކުންފުނީގެ ނަން ތާރީހުގައި ލިޔެވިގެން ދިއުންކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.