ވަޒީފާތަކުގެ ބިރާއި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީގެ ދަފްތަރު ބޮޑުކުރި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް އިހުލާސްތެރި މެންބަރުން އެ ޕާޓީގައި މަދުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި މެންބަރުން ގިނަ ކުރުމުގެ އަސްލު މަގުސަދަކީ ރައްޔިތުންގެ ތާއީދާ އެކު ވެރިކަމަށް އައިސް، ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ޔަގީންކަން ދިނުން ކަމަށެވެ.
ޔާމީން ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ނުފޫޒާއި ވަޒީފާތަކުގެ ސަބަބުން މިހާރު ޕީއެންސީ އޮތީ ވަރަށް ބޮޑު ޕާޓީއެއްގެ ގޮތުގައެވެ. ނަމަވެސް އެ ޕާޓީގައި ރައީސް މުއިއްޒަށް އޮތް އިހުލާސްތެރިކަމެއް ނެތްކަން މިދިޔަ އެޕްރީލް މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުން ސާފުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސުވާލަކީ ތި ޕާޓީގައި ތިބި މީހުން، ރައީސް މުއިއްޒަށް އޮތް އިހުލާސްތެރިކަން ދައްކައިފިހެއްޔޭ ހިޔާލު ހޯދުމުގެ ވޯޓުގައި. ނުދެއްކިއޭ. އެހެންވީމާ ބޯގިނަވުމަކީ އެއީ އިހުލާސްތެރިވުމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، ޕީއެންސީން ވެރިކަމަށް އައި މަގުސަދު ފުއްދައިދެވިފައި ނުވާ ކަމަށާއި، މިއަދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރަނީ ސަރުކާރުން ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ކޮށްނުދޭ ކަމަށެވެ. އަދި ޕީއެންސީގެ އާންމު މެންބަރުން ތިއްބެވީ އެމަނިކުފާނާ އެކީގައި ކަމަށާއި، އެ މެންބަރުން ރައީސް މުއިއްޒާ އެކު ތިބި ނަމަ ހިޔާލު ހޯދުމުގެ ވޯޓުގައި 30 ޕަސެންޓް އަށް ވުރެ މަތީ ނަތީޖާއެއް ލިބުނީސް ކަމަށް ވެސް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކަމަށްވާ ނަޝީދާއި ސޯލިހާ އެކު މަސައްކަތް ކުރަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެއީ އެމްޑީޕީގެ ސިޔާސީ ފިކުރަށް ތާއީދުކުރާތީ ކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިވަގުތު އިދިކޮޅުގައި އޮތީ އެމްޑީޕީ އާއި ޕީއެންއެފް އެކަނި ކަމަށްވާތީއާއި، "ދެ ނުބައެއް ކުރިމަތީގައި އޮވެ އެއްކަން އިހުތިޔާރުކުރަންޖެހިއްޖެ ނަމަ އިހުތިޔާރުކުރަން އޮންނަނީ އެންމެ ރަނގަޅަށް އޮތް ނުބައި" ކަމަށްވާތީ ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޔާމީން ވަނީ ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެއީ ސަރުކާރަށް އިތުރު ގޮނޑިއެއް ދީގެން "ބޮޑު ނުބަޔަކަށް" ޖާގަ ދޭން ބޭނުންފުޅު ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
