ހުސްވި މާޗް މަހުގެ 15 ވަނަ ދުވަހު އުސޫލުން ބޭރުން ވެލާނާ އެއާޕޯޓުން ބޭރުކުރަން އުޅުނު 4.5 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުން މިރޭ ބުނީ, ހެރޮއިން އާއި މެތް ހިމެނޭހެން ޖުމްލަ 4.5 ކިލޯގެ މަސްތުވާތަކެތި ހުރި ލަގޭޖެއް އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރަން އުޅެފައި ވާ ކަމަށެވެ. އެ މައްސަލައިގައި އެމްއޭސީއެލްގެ 2 މުވައްޒަފަކާއި ޕާކިސްތާން މީހެއްގެ އިތުރުން ލަގެޖާ ހަވާލުވާން ދިޔަ މީހާ ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

އެމީހުންގެ ވަނަވަރު ފުލުހުން ހާމަ ނުކުރި ނަމަވެސް މިރޭ ބުނީ, އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ކަމުގައި ހިމެނޭކަމަށް ބެލެވޭ އެންމެ އިސް މީހާ [އެމްއޭސީއެލްގެ ސީނިއާ އޮފިސަރަކު] ދޫކޮށްލާފައި ވާ ކަމަށެވެ. ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް އޭނާ ދޫކޮށްލި ކަމަށާއި ދޫކޮށްލީ ޝަރުތުތަކަކާ އެކު ކަމަށް ވެސް ބުނެފައި ވެއެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގައި ޖިނާއީ ބޮޑޫ ތަހުގީގެއް ކުރަމުން ދާ ކަމަށާއި މި ކަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ކަމަށެވެ. އެހެން ކަމުން މިމައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަނިކޮށް މީގެ ކުރިންވެސް އެއާޕޯޓުން އަތުލާފައި ވެއެވެ. އަދި އެފަދަ އެއް ހާދިސާއެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވޭ ލަގޭޖެއް އެއާޕޯޓުން ގެއްލުނު މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. އެ ކޭސް އަކީވެސް ޕާކިސްތާނުން އައި މީހަކު ގެނައި 30 ކިލޯގެ މަސްތުވާތަކެތި ހުރި ލަގޭޖެއްގެ މައްސަލައެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހިނގި މިހާދިސާގައި ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުންނާ ހަވާލު ކުރި އިރު ލަގެޖް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އައި އިރު 30 ކިލޯގެ އިތުރު ލަގެޖްއެއް ގެނެސްފައިވާ އިރު އެ ލަގެޖް ނުފެންނާތީ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. އެމީހާ ދޫކޮށްލާފައި ވާ އިރު އޮޅުން ބޮޑުވި މި މައްސަލަގައި އޭރު ކަސްޓަމްސް އިން ބުނެފައި ވަނީ, ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު އެބުނާ ލަގޭޖް ނުފެންނަ ކަމަށެވެ.