ކުރިއަށް އޮތް މަޖިލިސް އިންތިހާބާ ދިމާކޮށް ކުރަމުންދާ ކެމްޕެއިން ހަރަކާތްތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި އާ މަޝްރޫއުތައް އިއުލާން ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބެއްގެ ކުރިން ވައުދުތަކާއި ވައުދުތަކުގެ ރޫޓިން އާދަޔާ ހިލާފަށް ބަދަލުވެ، މިނިވަންކަމާއެކު ކެންޑިޑޭޓަކު ހޮވުމުގެ ހައްގަށް ނުފޫޒު ފޯރުވާ ކަމަށެވެ. ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، އިންތިހާބުގެ ޑިމޮކްރެޓިކް ވާދަވެރިކަން ނިގުޅައިގަތުމާއި، ވެރިކަން ކުރާ ފަރާތަށް ހަމަހަމަ ކަމުގެ ފުރުސަތު އޮޅުވާލަމުންދާ ތަން ފެނަމުންދާ ކަމަށް އެ ޖަމިއްޔާ ބުނެއެވެ.

އެގޮތުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަށާއި ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް ޓަކައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ޖަމިއްޔާއިން ވަނި ސަރުކާރަށް ގޮވާލާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ރަސްމީ މުއްދަތު މާޗް 21 ވަނަ ދުވަހުން ފަށާފައިވާ އިރު، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް، ވަކިން ހާއްސަކޮށް ކެމްޕެއިން ދަތުރުތަކުގައި، މިފަދަ ކަންކަން އިއުލާނު ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހަމައެއާއެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެޖަމިއްޔާ އިން ހާމަ ކުރި ކަންބޮޑުވުމެއް ކަމަށް ވާ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ތާއީދު ހޯދަން ކުރާ މަސައްކަތް އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖްތިމާއީ އަދި އިގްތިސޯދީ ސިޔާސަތުތަކުގެ ސްކޯޕާއި ސްކޭލް، އިންތިހާބީ ދުވަސްވަރާ ގާތްކޮށް، ސާފު އަދި ދެފުށް ފެންނަ ދުރުރާސްތާ ޕްލޭނެއް ނުވަތަ ތަރައްގީގެ ސްޓްރެޓެޖީއެއް ނެތި ބަދަލުކުރަމުން ދިއުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ. އިންތިހާބެއްގެ ކުރިން ސިޔާސަތުގެ ނިންމުންތައް ބަދަލުކޮށް އިސްލާހު ކުރުމުގެ ޓްރެންޑާއި، ބޭނުންތަކާއި، އިޖްތިމާއީ، އިގްތިސޯދީ އަދި ތިމާވެށީގެ އަސަރުތަކަށް ބެލުމެއް ނެތި، އަދި މަޝްވަރާގެ މަރުހަލާތައް ނެތުމުގެ ސަބަބުން، ވަކިން ހާއްސަކޮށް ހަމަހަމަ އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އިތުރު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

ހަމަހަމަ އިންތިހާބީ މައިދާނެއް ގާއިމު ކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީސް ފަދަ ކަމާބެހޭ އިދާރާތައް ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދައުލަތުގެ ވެރިން ޖަވާބުދާރީ ކުރުވުމުގައި ހުރި ފުށުއެރުންތައް ހައްލުކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި އާ މަޝްރޫއުތައް އިއުލާނު ކުރާނެ މުއްދަތެއް ކަނޑައެޅުމާއި، އިންތިހާބީ މުއްދަތުގައި މަޝްރޫއުތައް ނިންމައި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.