ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތު ހަމަވާން ދެ ދުވަހަށްވެފައިވަނިކޮށް ޕީއެންއެފްއިން 3070 ފޯމު އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެކަމާ ގުޅިގެން އޭރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެ ފޯމުގެ ތެރެއިން 81 ފޯމު އެއްކޮށް ބާތިލުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން 1313 ފޯމުގައި އެކި ވަރުގެ މައްސަލަތައް ހުރުމުން އަލުން ރަނގަޅުކުރަން ފޮނުވާލާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ ހަމައެކަނި ސައްހަވެފައިވަނީ 1976 ފޯމު ކަމަށާއި ޕީއެންއެފްގެ ބޭފުޅުންނަށް ވަކި ވަކި ފޯމުގައި ޖެހިފައި ހުރި މައްސަލަތައް އެނގޭނެ ކަމަށެވެ. އަދި ރަނގަޅުކޮށް އަލުން ހުށަހެޅުމުން އަނެއްކާ ވެސް ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު އީސީއިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އެ މަހުގެ 29 ވަނަ ދުވަހެވެ.

އެ ހިސާބުން ފެށިގެން އެ ޕާޓީ އުފެއްދުމަށް ފޯމު ފުރުމުގެ މަސައްކަތަށް ފެށި ނަމަވެސް އެ ޕާޓީގެ އެއް މުއައްސިސް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "ދަ ޕްރެސް" އަށް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާނީ ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމުން ކަމަށެވެ. އެހެންނަމަވެސް ފޯމު ހުށަހަޅާފައިވަނީ އީސީއިން ދިން މުއްދަތު ހަމަވާން ކައިރިވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައި އުފައްދާ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވަނީ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލުއެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.