ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތީގެ ކުށް އަލީ ޒުބައިރުގެ މައްޗަށް އެކެނި ސާބިތުވި ނަމަވެސް މައްސަލައިގައި ތުހުމަތުވާ އިތުރު ފަރާތްތައް ހިމެނޭގޮތަށް މި މައްސަލައިގައި ކުށް ސާބިތުވާ މިންވަރުގެ ތަހުގީގެއް ހިންގިފައިވާކަމަށް ގަބޫލު ކުރެވޭ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ.

ސަބް އިންސްޕެކްޓާ މުހައްމަދު މަމްދޫހު ވިދާޅުވީ މުހައްމަދު އަކްރަމް އަބްދުލް ހަންނާން އަކީވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި އޭނާގެ މައްޗަށްވެސް ކުށް ސާބިތުވާ މިންވަރުގެ ތަހުގީގެއް ހިންގިފައިވާކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގާ ދިޔަ ދުވަހުގެ ހަވީރު އަކްރަމް ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް މިހާތަނަށްވެސް އޭނާ އެނބުރި ރާއްޖެ އައިސްފައިނުވާކަމަށް މަމްދޫހު ވަނީ ވިދާޅުވެފައެވެ.

އޭނާއާއެކު އެ ފްލައިޓުގައި މި ނެޓްވޯކާ ގުޅުންހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދުވެސް ދިޔަކަމަށް ފުލުހުން ބުނެއެވެ. ލަންކާއިން ރާއްޖެއަށް ޑީޕޯޓްކޮށްލުމުން އަރުޝަދު އެނބުރި ރާއްޖެއައުމުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާއިރު، އަކްރަމް އަދިވެސް ރާއްޖެ އައިސްފައެއް ނުވެއެވެ.

މިއަދުގެ ނޫސް ކޮންފެރެންސްގައި ފުލުހުން ވަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ތަހުގީގުގެ މަރުހަލާގައި ހޯދާފައިވާ މައުލޫމާތު ފޮޓޯއާއެކު، ހިއްސާކޮށްފައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުންނާ ކުށާ ގުޅުވާލެވޭ އަމަލުތަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ އަދި މަސްތުވާތަކެތި އެތެރެކޮށްފައިވާ ގޮތާއި ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މަންޒަރުތަކާއެކު ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ/އަލޯރާ، އަހުމަދު މުޖާހިދާ ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯޑެއްދޫ/އިރުމަތީގެ، އަހްމަދު ސުނައިނު އަށެވެ.

މި މައްސަލައަކީ ޑިސެމްބަރު 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން ކައިރިން ފުލުހުން ހިފެހެއްޓި ޓެކްސީއެއްގެ ޑިކީ ތެރޭ އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 24 ރަބަރު ޕެކެޓާއި ބެކްޕެކެއްގެ ތެރެއިން 4 ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މައްސަލައެކެވެ.

މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.