ބައެއް ކަހަލަ ފަންނުވެރިކަމަކީ އާއިލީ ގޮތުން މީހާއަށް 'ވާރުތަވާ' ހުނަރެކެވެ. ނުވަތަ އެންމެ ކުޑައިރުއްސުރެ އެ މަސައްކަތުގެ މާހައުލުގައި އުޅެ ބޮޑުވުމުގެ ސަބަބުން އުފެދިގެންދާ ޝައުގުވެރިކަމާއެކު އުފެދިގެންދާ ހާއްސަ ހުނަރެކެވެ. މިކިޔައިދެނީ މިފަދަ އެތައް ހުނަރެއް ލިބިފައިވާ ފަންނުވެރިންގެ އާއިލާއަކަށް އުފަން، ހދ. ވައިކަރަދޫ އަލީ ނަބީލު، (ނައްބެ) ގެ ވާހަކައެވެ. ނައްބެއަކީ މަލްޓި ޓާސްކިން މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަރުކާރު ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓިއޯގައި މަސައްކަތްކުރަމުން ދާ ނައްބެ އަކީ މޮޅު ކުރެހުންތެރިއެކެެވެ. ކްރާފްޓުގެ ދުނިޔޭގައި އޭނާގެ ސިކުނޑި މަސައްކަތްނުކުރާ އެއްވެސް ރޮނގެއް ނެތެވެ.

ނައްބެ ކުރަހާފައިވާ ތަސްވީރުތައް

ނައްބެ އާއިލާގައި ތިބީ ހުސް މަސައްކަތްތެރިންނެވެ. މަންމައަކީ މޮޅު ފެހުންތެރިއެކެވެ. ބައްޕައަކީ ވެލްޑިންކުރާ މީހެކެވެ. ނައްބެގެ ދޮންބެއަކީ އައިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ހީވާގި މީހެކެވެ. ނައްބެގެ ދޮންތައަކީ ފެހުމާ، ކޭކު އެޅުމުގެ އިތުރުން ކެއްކުމަށްވެސް އެހާ މޮޅު މީހެކެވެ. އެހެންކަމުން ނައްބެ ބޮޑުވަމުން އައީ މަސައްކަތްތެރި އާއިލާއެއްގެ ތެރޭގައެވެ. މަންމަ ފަހާ އެކި ޑިޒައިންތަކުގެ ރީތި ހެދުމާ، ދައްތަ 'ޑެކަރޭޓްކޮށްލާ' ރީތި ކޭކުތަކާ ބައްޕަގެ ވެލްޑިން މަސައްކަތުގެ ތެރޭގައި އުޅުނު ނައްބެ އެންމެ ފުރަތަމަ ކުރަހަން ފެށީ ގްރޭޑް4 ގައި ކިޔަވަން އުޅުނު އިރުއެވެ.

ނައްބެ ކުރަހާފައިވާ ތަސްވީރުތައް

އޭރު ނައްބެ ކުރަހަނީ ކޮންމެވެސް އެއްޗެއް ބަލައިގެންނެވެ. ކުރެހުމުގެ މާ ބޮޑު އެއްޗެއް އޭރު ނޭގުނު ނަމަވެސް އެކަމަށް އުފެދުނު ޝައުގާއެކު ނައްބެގެ އަމިއްލަ މަސައްކަތުން ވަރަށް ގިނަ އެއްޗެހި ދަސްކުރިއެވެ. ޔޫޓިއުބް ބަލައިގެން ކުރެހުމުގެ ހުނަރު އިތުރަށް ކުރިއެރުމަށް ގިނަ ކަންކަން ދަސްކުރިއެވެ. ޕޯޓްރެއިޓް ޕެއިންޓިން ކުރެހުމަށް ޝައުގުވެރިވާ ނައްބެ މިހާރު ކުރަހަނީ އަމިއްލަ ހިޔާލަށެވެ. އެއްވެސް އެއްޗެއް ނުބަލާ ސިކުނޑީގައި ވާ ތަސްވީރުތައް ފެންކުލަ އާއި ފިހި ބޭނުންކޮށްގެން ހަމަ ލޮލަށް ދައްކާލުމަކީ މިހާރު ނައްބެއަށް އެއްވެސް ކަމެއް ނޫނެވެ.

ނައްބެ ކުރަހާފައިވާ ތަސްވީރުތައް

ކުރެހުމުގެ މަސައްކަތުގެ އިތުރުން ހޭންޑް ކްރާފްޓްގެ މަސައްކަތްވެސް ކުރަމުން އަންނަ ނައްބެ ބުނީ މި މަސައްކަތަށް ޝައުގު އުފެދުނީ މަންމަ އާއި ބައްޕަގެ މަސައްކަތުން ކަމަށެވެ. ކައިވެނީގެ ރަނާ، ކައިވެނީގެ ބެކް ގްރައުންޑްގެ އިތުރުން އުކާލާތަކެތި ބޭނުންކޮށްގެން، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި ހަދަމުން އަންނަ ނައްބެ ބުނީ މިފަދަ މަސައްކަތްތައް އެންމެ ފުރަތަމަ ފެށީ ހޮބީއެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ފަހުން އާއިލާ މީހުންނާ ރަހްމަތެރިންގެ އެދުމާއެކު މެމޮރީ ބުކް، ގިފްޓް ބޮކްސް، ގެސްޓް ބުކް، މޭޒުމަތީގައި ބަހައްޓާ ބައްތިތައް ހަދަން ފެށި ނައްބެގެ މަސައްކަތް މިހާރު ވެފައި ވަނީ ކުޑަކުޑަ ހަފްލާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މަސައްކަތަކަށެވެ.

ނައްބެ ތައްޔާރުކޮށްފައިވާ ކައިވެނީގެ ރަން

ނައްބެގެ މަސައްކަތްތައް ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށް ހަދާފައިވާ 'ބޮޑު ލާރި' ޕޭޖުން އޭނާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާނެއެވެ. ނައްބެގެ ބޭބެގެ އެހީތެރިކަމާއެކު 'ބޮޑު ލާރި' ނަމުގައި އުފެއްދި ވެބްސައިޓާ، ފޭސްބުކް ޕޭޖަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޭނާގެ މަސައްކަތް ބަލާލެވި އަދި އޯޑަރުކޮށްލުމަށް ހުޅުވިގެން ދިޔަ ދޮރެއްކަމުގައި ނައިބެ ފާހަގަކުރިއެވެ. އަބަދުވެސް ކަވި މަސައްކަތްތަކަށް ޝައުގުވެރިވާ ނައްބެ ބުނީ 'ބޮޑު ލާރި' މި ނަމަކީ ވަރަށް ގިނަ މައުލޫމާތުތައް އެއްކޮށް އޭނާގެ ޕޭޖަށް ދޭން ފެނުނު އެންމެ 'ފައްކާ' ނަންކަމުގައެވެ. އިހު ޒަމާނުގައި ރަންކިޔާ އުޅުނު ގޮތާއި، އެކަމާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ ތެރެއިން އެ ޒަމާނުގައި ރަން ކިޔާ އުޅުނީ ބޮޑުލާރި އަށޭ ޓީޗަރަކު ބުނި ހިސާބުން ނައްބެގެ ޕޭޖުގެ ނަންވެސް މަސައްކަތާ ގުޅުވާލީއެވެ.

ނައްބެ ހަދާފައިވާ ކައިވެނީގެ ރަން

މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލެއިން ފަސޭހަކަމާއެކު ހެޔޮ އަގުގައި އެއްޗެހި ލިބެން ނެތުންކަން ފާހަގަކޮށް ނައްބެ ބުނީ މަސައްކަތަށް ބޭނުންވާ ސާމާން ހޯދަން ބައެއް ފަހަރު ވަރަށް އުދަގޫކަމަށެވެ. އެސްޓިއޯ ވިލިމާލެ ފިހާރައިގެ ސޭލްސް ރެޕެއްގެ ގޮތުގައި މަސައްކަތްކުރާތާ 11 އަހަރުވެފައިވާ ނައްބެ ބުނީ، މި މަސައްކަތަށް ވަގުތު ހޯދަނީ ޑިއުޓީ ނިންމާލުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި ކަމަށެވެ. އަދި ފަތިސް ގަޑިއަކީ މަސައްކަތްކޮށްލަން އެންމެ ފަސޭހަ ގަޑިކަން ފާހަގަކޮށް ނައްބެ ބުނީ މިއީ ހިތްވަރު ހުރަގެން ޝައުގުވެރިކަމާއެކު ކޮށްފިނަމަ ރަނގަޅު އާމްދަނީ އެއް ލިބޭނެ މަސައްކަތެއްކަމަށެވެ.

ނައްބެ ތައްޔާރުކޮށްފައިވާ ގަހަނާ އަޅާ އެއްޗެހި

އަބަދުވެސް ކަވި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ނައްބެ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ފެށި ހިސާބުން ކަސްޓަމަރުންނަށް ފަސޭހައިން އޭނާ އާއި މުއާމަލާތުކުރެވޭނެ ގޮތް ހެދުމަށް ހަދާފައިވާ 'ބޮޑު ލާރި' ނައްބެގެ މަސައްކަތުގެ ފުރިހަމަކަން ފެނިގެންދާނެ ޕޭޖެކެވެ. އިހު ޒަމާނުގަ ރަންކިޔާ އުޅުނު ގޮތުގެ މައުލޫމާތު އެއްކުރުމުގެ ތެރެއިން އެ ޒަމާނުގައި ރަންކިޔާ އުޅެނީ 'ބޮޑު ލާރި'އަށްކަމަށް ޓީޗަރަކު ބުނި ހިސާބުން ޕޭޖަށް އެ ނަން ކިޔަން ނިންމި ނައްބެ ބުނީ ކުރެހުމާ، އެކިކަހަލަ ކްރިއޭޓިވް އެއްޗެހި ތައްޔާރު ކުރާއިރު ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރަށް މަސައްކަތްކޮށް ނިންމާލުމަށް އިސްކަންދޭކަމަށެވެ.

ނައްބެ ހަދާފައިވާ ކައިވެނީގެ ރަން

ކުރެހުމާ ހޭންޑްކްރާފްޓުގެ މަސައްކަތަކީ ނައްބެގެ ލެޔާއި ގުޅިފައިވާ މަސައްކަތަކަށްވާއިރު މިދާއިރާގައި ނައްބެ ކުރާ އުއްމީދުތައް ވަަރށް ގިނައެވެ. ރާއްޖޭގެ އާޓިސްޓުންކުރާ މަސައްކަތް ބަލައިގަނެ އެކަމުން ރަނގަޅު މަންފާއެއް ލިބި މިދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ހުރިހާ ދޮރެއް ހުޅުވެން ނައްބެ ބޭނުމެވެ. ފަސޭހަކަމާއެކު ފަންނުވެރިންގެ މަސައްކަތްތައް ބޭރު ދުނިޔޭގައި މާކެޓްކުރެވޭނެ ފަސޭހަ ގޮތްތަކަށް ބޭނުންވެއެވެ.