އެމެރިކާއިން އަބަދު ވެސް "ސައިޒް ކުރަން" މަސައްކަތް ކުރާ އެހެނަސް ހަތުރުވެރިކަން ބޭއްވެއް ނެތް ޗައިނާގެ ރައީސް ޝީ ޖިންގްޕިން އަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގުޅުއްވައިފިއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުގެ އިތުރުން ހައިޔާރުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ވާދަ ކުރާ މި ދެގައުމުގެ ތެރެއިން އެމެރިކާ އަކީ ފާޅުކަން ބޮޑު ގޮތެއްގައި ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު ޗައިނާ އަކީ ދުނިޔެއަށާއި އިންޑޯ ޕެސިފިކާއި އަދި އޭސިއާ ޕެސިފިކަށް ހުރި ނުރައްކަމެއް ކަމަށް ބުނާ ގައުމެކެވެ. އެއާ ހިލާފަށް ޗައިނާ އަކީ އެހެން ބަސް ބުނެ ފާޑުކިޔާ ގައުމެއް ނޫނެވެ. ނަމަވެސް ޗައިނާއާ ބެހެ ގޮތުން އެމެރިކާއިން ދައްކާ ވާހަކައިން ހިތްހަމަ ނުޖެހިއްޖެ ނަމަ، ރުޅިވެރިކަމާއެކު "ރަތް ރޮނގު ހުރަސް ނުކުރުމަށް ބުނެ" އެމެރިކާއަށް އިންޒާރު ދެއެވެ.
މި އަރާރުމެއްގެ ތެރޭގައި މި ދެގައުމު އޮތް އިރު އެމެރިކާއިން ޗައިނާއާ މެދު ޖެހިލުންވަނީ، ޓެކްނޮލޮޖީގެ ރޮނގުގައި އެމެރިކާ އަށް ވުރެ ޗައިނާ ކުރިއަރާ ދާތީއާއި ޗައިނާގައި އޮންނަ މާސިންގާ އަސްކަރީ ލަޝްކަރާއި ބާރާއި މުއްސަނދިކަމުގެ ސަބަބުންނެވެ.
މިދިޔަ ނޮވެމްބަރަށް ފަހު ފުރަތަމަ ފަހަރަށް ބައިޑަން، ޝީ އަށް ގުޅުއްވާފައި ވާ އިރު ވައިޓްހައުސް އިން ބުނީ، ބައިޑަން ގުޅުއްވީ ވަކި ކަމެއް ހާސިލް ކުރައްވަން ނޫން ކަމަށާއި ދެން ގުޅުއްވާލެއްވީ ކަމަށެވެ. އަދި އެ ކޯލުގައި ދެ ލީޑަރުން އެކިއެކި ކަންކަމާ ވާހަކަ ދައްކަވާލެއްވި ކަމަށާއި އެގޮތުން އެކުގައި ކުރެވިދާނެ މަސައްކަތްތަކާއި ހިޔާލުތަފާތުވާ ކަންކަންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި ދެގައުމުން ވެސް 'ރަތް ރޮނގު ހުރަސް ނުކުރުމަށާއި' ހަމަޖެހުން ހިފެހެއްޓުމާއެކު ނުތަނަވަސްކަމަށް ނުދިޔުމަށް ދެ ލީޑަރުން ވާހަކަ ދެއްކެވި ކަމަށް ވައިޓްހައުސް އިން ބުނެއެވެ.
ބައިޑަން ޝީ އަށް ފޯނު ކުރެއްވި އިރު، މި ހަފްތާގައި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވެސް ޗައިނާއަށް ވަޑައިގަތުމަށް ވަނީ ތާވަލު ކޮށްފައެވެ.