ދިވެހިންނަކީ މުއްސަނދި ސަގާފަތަށް ރިވެތި އާދަކާދަތަކެއް ލިބިފައިވާ ބައެކެވެ. އިހުދިވެހިން އުޅެފައިވާ ސާދާ ދިރިއުޅުމުން ވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެން ދެއެެވެ. ޒަމާނީ ގޮތުން މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ އެ ޒަމާނުގައި ދިވެހިން ބޭނުން ކުރީ އަމިއްލައަށް އުފެއްދި ތަކެއްޗެކެވެ. ގޭގައި ހިފޭ ގެންގުޅޭ ސާމާނުން ފެށިގެން ގޮސް މަސައްކަތުގެ މާހައުލުގައި ބޭނުން ކުރާ އާލާތްތަކަށް ބެލި ނަމަވެސްމެއެވެ. މި ތަކެއްޗަށް ބަލާ، ފިކުރުކޮށްލުމުން ވެސް އެނގިގެން ދަނީ ދިވެހިންގެ މަސައްކަތް ތެރިކަމާ ހުނަރުވެރިކަމެވެ.
މިއަދު ފެންނަން ހުރި އިހުގައި ދިވެހިން ބޭނުން ކުރި ކޮންމެ އެއްޗަކުން އެ ޒަމާނުގެ އެތައް ވާހަކައެއް ބުނެދެއެވެ. ދިވެހިންގެ ތެރޭގައި މިއަދުވެސް އިހު ދިވެހިންގެ ކަންކަމަށް ޝައުގުވެރިވާ، އެކަންކަން ކުރިއަށް ޖީލުތަކަށް ގެންގޮސް ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރާ ދިވެހިން އެބަ އުޅެއެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އިހު ދިވެހިން ބޭނުން ކުރި ތަކެއްޗާއި އެތަކެތި ބޭނުން ކުރެވުނު ގޮތް ނުވަތަ އެ އެއްޗެއްގެ ދައުރު ބަޔަކަށް ކިޔައިދިނުމަށް މަސައްކަތް ކުރާ ދިވެހިން މަދުން ނަމަވެސް ފެނެއެވެ.އެގޮތުން ހދ. ކުޅުދުއްފުށީ، ކޮކާހަނދުވަރުގޭ އާރިފް އަލީއަކީ މިފަދަ ނަމޫނާއެކެވެ.
ރަށްވެހި އާސާރުން ފެންނަނީ އެތައް ދުވަސްތަކެއްގެ މަތިން އެއްކުރި ތަކެތި
ކުޑައިރުއްސުރެ ވެސް އާސާރީތަކެއްޗަށް އޮތް ޝައުގުވެރިކަމާއެކު އާރިފް މިތަކެތި އެއް ކުރަން ފެށިއެވެ. ތަންތަނުން އެއްޗެހި ލިބުނު ވަރަކަށް ގެއަށް އެއެއްޗެހި ގެނެސް އެއްކުރަމުން ދިޔަ އާރިފް އާސާރީތަކެތި ގަނެގެން އެއްކުރަން ފެށީ 2001 ވަނަ އަހަރުއެވެ. އޭރު އޭނާ އެ މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނަށް ވެސް ނޭނގިއެވެ.
އޭގެފަހުން 2004 ވަނަ އަހަރު ސުނާމީއަށްފަހު، އެ ދުވަސްވަރު ވަރަށް ގިނަ ގޭގޭގައި ހުރި ފިޔަފާޅި އަދި ބަނޑަހަގެ ފަދަ ތަންތަން ސާފުކުރުމުގައި އާސާރީ ތަކެތި ކުނިގޮނޑަށް އުކާލާ ތަން ފެނުނު ހިސާބުން އެކަމާ އަދި މާބޮޑަށް ވިސްނެން ފެށި ކަމަށް އާރިފް ބުނެއެވެ. އަދި އެ ތަކެތީގެ ނަން ފޮތެއްގައި ލިޔެފައި އޮތަސް އެ ތަކެތީގެ އަސްލު ބޭނުމާއި ދިވެހިންގެ ދިރިއުޅުމުގައި އެ ތަކެތި އަދާ ކުރި ރޯލު ނޭނގޭނެކަން ވިސްނުނު ކަމަށް އޭނާ ބުނެއެވެ.
ދެން އެ ވިސްނުމުގައި މި ތަކެތި އެއްކުރުމުގެ މަސައްކަތް ކުރިއަށްވުރެ ބާރު ސްޕީޑްގައި ކުރަން ފެށި ކަމަށާއި އެ ތަކެތި ހޯދަން ގޭގެއަށް ދަނީ އޭނާ އަމިއްލައަށް ކަމަށް އާރިފް ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި މީހުންގެ އަތުން ތަކެތި ގަންނަނީ އެމީހަކު ކިޔާ އަގެއް ދިނުމަށްފަހުގައެވެ. އަދި އެ އެއްޗެއް ވިއްކުމަށްފަހު އަލުން އެ އެއްޗެއް ވިއްކި ފަރާތުން ބޭނުންވެއްޖެނަމަ އެއަށް ދިން އަގު އަނބުރާ ދިނުމުން އެ އެއްޗެއް އެމީހަކަށް ދެއެވެ.
އާރިފް އެއްކުރި އާސާރީ ތަކެތި ބެހެއްޓުމަށް ގޭގައި "ރަށްވެހި އާސާރު"ގެ ނަމުގައި ހާއްސަ ތަނެއް ހަދާ، އެތަން ރަސްމީކޮށް ހުޅުވާފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ. އާރިފް ފާހަގަ ކުރި ގޮތުގައި މި ތަނަށް ރަށްވެހި އާސާރުގެ ނަމުން ނަން ދީފައި ވަނީ މި ތަނުގައި ހުރި ތަކެތިން ދައްކުވައިދެނީ ރަށްފުށުގެ ރައްޔިތުން އޭރުގައި ދިރިއުޅުނު ގޮތް ކަމަށްވާތީއެވެ.
ރަށްވެހި އާސާރުން ކިޔައިދެނީ ދިވެހިން ބޭނުން ކުރި ތަކެއްޗާއި ދިރިއުޅުމުގެ އެތައް ވާހަކައެއް
އާރިފް ބުނި ގޮތުގައި ރަށްވެހި އާސާރުން ފެންނަ ކޮންމެ އެއްޗަކީ ވެސް ވަރަށް ބައިވަރު ވާހަކަތަކެއް ބުނެދޭ އެއްޗެއްސެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ އެ ތަނުގައި ބަހައްޓާފައި ހުރި ސިއްކަ ޖެހި ނާށިތަކެވެ. އެތަކެތީގެ މައުލޫމާތު ލިބިގައިނެތް މީހަކު އެއީ ނާށި ތަކެއްގެ ގޮތުގައި ސިފަ ކުރި ނަމަވެސް އެއީ ކުރީ ޒަމާނުގައި ވިޔަފާރި ކުރުމުގައި ތަކެތި މިނެ ކިރުމަށް ދިވެހިން ބޭނުން ކުރި ތަކެތިކަން އާރިފް ފާހަގަ ކުރެއެވެ. ސިއްކަ ޖަހާފައިވާ އެ ނާށިތަކާމެދު ވިސްނާ ފިކުރުކޮށްފިނަމަ، އެއީ ސަރުކާރާ ވިޔަފާރިވެރިން ގުޅިގެން މިނެކިރުން އެއްވަރެއްގައި ހިފެހެއްޓުމަށްކޮށްފައިވާ މަސައްކަތެއްކަން އެނގިގެންދާނެ ކަމަށް އާރިފް ބުނެއެވެ.
އެގޮތުން އެތަނުން ފެންނަ ކޮންމެ އެއްޗަކީ ވެސް ދިވެހިންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެއްޗެއް ކަމަށް އާރިފް ބުނެއެވެ. އަދި ދިވެހިން އުފައްދާފައި ހުރި އެއްޗެއްސަށް ބަލާލާއިރު އޭރުގެ މީހުންގެ ހުރި ތޫނު ވިސްނުން ފެނިގެންދާ ކަމަށާއި މިހާރުގެ އެއްޗެއްސަށް ބަލާނަމަ އެއީ މެޝިނަރީސްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މިހާރާ ހިލާފަށް އޭރުގައި ދިވެހިން ތަކެތި އުފައްދާފައި ވަނީ އަމިއްލަ ސިކުނޑިން ވިސްނައިގެން ކަމަށާއި އެހެން ބަޔަކު އުފައްދާފައިވާ އެއްޗެއްސަށް ބެލުމެއް ނެތިކަމަށް އާރިފް ބުނެއެވެ.
އާރިފް ބުނީ ދިވެހިން އުފައްދާފައިވާ ތަކެއްޗާމެދު ވިސްނާ ފިކުރު ކުރުމުން އަޖައިބުވާ ކަމަށެވެ. މަސައްކަތް ކުރާނެ ވަސީލަތްތައް ނެތް އެ ޒަމާނުގައި އަމިއްލައަށް ތައްޔާރުކޮށްފައި އެހުރި ތަކެއްޗަކީ މެޝިނަރީޒްސް ބޭނުންނުކޮށް ހަދާފައިވާ ތަކެތިކަން މިހާރު އެ ތަކެތި ފެންނަ ކުދިންނަށް ގަބޫލު ކުރަން އުނދަގޫވާނެ ކަމަށް އާރިފް ވަނީ ބުނެފައެވެ.
ރަށްވެހި އާސާރުގައި ހުރި ތަކެއްޗަށް 952،000 ރުފިޔާ ހަރަދުކޮށްފައިވޭ
ފޮތެއްގައި ލިޔެފައި އޮންނަ ނަމެއްގެ ބަދަލުގައި އަސްލު ދިވެހިން ބޭނުން ކުރި އެތި ދެއްކުމާއި އެއާ ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ފޯރުކޯށްދިނުމުގެ އުންމީދުގައި ރަށްވެހި އާސާރު ހަދާފައިވާއިރު އެ ތަނުން ފެންނަ 90 ޕަސެންޓް އެއްޗެއްސަކީ އަސްލު އޮރިޖިނަލް ތަކެއްޗެކެވެ. އިނގިލިން ގުނާލެވޭވަރު މަދު އެއްޗެހިކޮޅެއް އޭގެ އަސްލަށް ބަލައިގެން އާރިފް ހަދާފައިވަނީ އެ އެއްޗެހީގެ އަސްލު ނުލިބިގެންނެވެ.
އިހު ޒަމާނުގައި ބޭނުން ކުރި ގިނަ ތަކެތި އެ އާސާރުގައި ހުރިއިރު އޭގެތެރެއިން 95 ޕަސެންޓް ތަކެއްޗަކީ އާރިފް އަމިއްލައަށް އާމްދަނީ ހޯދަން ކުރި މަސައްކަތުން ގަނެފައި ހުރި ތަކެތިކަން އޭނާ ފަހާގަ ކުރެއެވެ. އަދި ބާކީ 5 ޕަސެންޓަކީ މީހުން ދިން އެއްޗެހި ކަމަށްވާއިރު 2001 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު އޭނާ ގަން އެއްޗެއްސަށް ޖުމްލަ 952،000 ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް އާރިފް ވަނީ ބުނެފައެވެ.
އެތަނުގައި ވެސް ފެންނަން ގިނަ އަދަދެއްގެ އާސާރީ ތަކެތި ހުރިއިރު އޭގެ ތިން ގުނަ އެއްޗެހި އަދިވެސް ހުންނާނެ ކަމަށް އާރިފް ބުނެއެވެ. އޭނާގެ އަތުގައި ނެތް އެއްޗެހި ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނައިރު އެކަން ކުރުމަށް އެއްވެސް މީހެއްގެ އަތުން ފައިސާއެއް ހޯދުމަކީ އޭނާ ގެންގުޅޭ ވިސްނުމެއް ނޫނެވެ. މިހާތަނަށް މިކަމަށް މީހެއްގެ އަތުން ލޯ ލާރިއެއްގެ މިންވަރު ވެސް އޭނާ ހޯދަފައެއް ނުވެއެވެ.
ރަށްވެހި އާސާރުން ނަފާއެއް ލިބޭނެ ގޮތަށް އެ ތަނަށް ޒިޔާރާތް ކުރާ މީހުންގެ އަތުން ފީއެއް ނެގުމަށް ގިނަ ބަޔަކު ހިޔާލު ދިން ކަން ފާހަގަކޮށް އާރިފް ބުނީ އެ ތަނުން ނަފާއެއް ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. 45 އަހަރު ދުވަހުން އެ ތަކެތި އެއްކޮށް، މީހުންނަށް ފެންނާނެހެން އާސާރެއް ހަދާ ބަހައްޓާފައި އެ ވަނީ އެއްވެސް ހާލެއްގައި އެކަމުން ނަފާއެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި އަދިވެސް އެފަދަ ހިޔާލެއް ނެތް ކަމަށް އާރިފް ބުނެއެވެ. ނަމަވެސް އޭނާ ކުރާ މަސައްކަތް ބަލައިގަނެ ހެޔޮހިތުން މީހަކު އެއްޗެއް ދިނުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ބުނެއެވެ.
ގިނަ ބަޔަކު ރަށްވެހި އާސާރަށް ޒިޔާރަތް ކުރޭ
އާރިފް ބުނި ގޮތުގައި ރަށްވެހި އާސާރުގައި ހުރި ތަކެތި ބަލާލުމަށާއި އެ ތަކެއްޗާ ގުޅޭ މައުލޫމާތު ހޯދަން ގިނަ ބަޔަކު އެ ތަނަށް ޒިޔާރަތް ކުރެއެވެ. އެ ތަނަށް މީހުން ނުދާ ދުވަހެއް ދާދި މަދު ކަމަށާއި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން އެހެން ރަށްރަށުގެ މީހުން ވެސް އެ ތަނަށް ޒިޔާރާތް ކުރެއެވެ.
އެގޮތުން އެންމެ ފުރަތަމަ ރަށްވެހި އާސާރަށް ޒިޔާރަތް ކުރީ އަފީފުއްދީން ސްކޫލުގެ ދަރިވަރުން ކަމަށާއި އެ ރަށުގެ ހުރިހާ ސްކޫލުތަކަކުން ވެސް ދިވެހި ފިލާވަޅުގެ އެކިއެކި ކަންކަމުގައި ސްކޫލު ދަރިވަރުން ގޮވައިގެން އަންނަކަން އޭނާ ފާހަގަ ކުރެއެވެ. އަދި ކުޅުދުއްފުށީގައި ބޭއްވި އެތްލެޓިކްސް މުބާރާތުގައި ބައިވެރިވުމަށް އެ ރަށަށް ދިޔަ ގއ. ވިލިނގިލީ ސްކޫލުގެ ދަރިވަރުން ޒިޔާރަތް ކުރި ކަމަށާއި ކޮވިޑްގެ ކުރީގައި ވިލާ ކޮލެޖުގެ ދަރިވަރުން ވެސް އެތަނަށް ޒިޔާރަތްކޮށްފައިވާކަން އާރިފް ވަނީ ފާހަގަކޮށްފައެވެ. ކުދިކުދި ޓީމުތަކުގެ ގޮތުގައި އެކި ރަށްރަށުގެ މީހުން އައިސްފައިވާއިރު ރަށްރަށުގެ އަންހެނުން ކޮމިޓީ ފަދަ ކޮމިޓީތަކުގެ އިތުރުން މާލޭގެ އިޖުތިމާއީ ހަރަކާތްތައް ހިންގާ އެކިއެކި ކޮމިޓީތަކާއި، ކްލަބްތަކުން އަދި ދައުލަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް އެތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށް އާރިފް ބުނެއެެވެ.
ސްކޫލުތަކުން ޒިޔާރަތް ކުރާނަމަ، ޒިޔާރަތް ކުރާނެ ދުވަހާ ގަޑިއާއެކު އެ ފުރުސަތު ދިނުމަށް އެދި ސިޓީއަކުން ހުށަހަޅާ ކަމަށް އާރިފް ބުނެއެވެ. އަދި އެ ގަޑިއަކަށް އޭނާ ކުރާ މަސައްކަތް މެދުކަނޑާލުމަށްފަހު، އެ ވަގުތެއް ހުސްކުރަނީ އެ ކުދިންނަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އާރިފްގެ މަގުސަދަކީ ދިވެހިން އުފައްދާފައިވާ ތަކެތީގެ މައުލޫމާތާއި ދިވެހިންގެ ދިރިއުޅުމުގެ ކަންކަން ގިނަ ބަޔަކަށް ފޯރުކޮށްދިނުންކަން ފާހަގަކޮށް އޭނާ ބުނީ ރަށްވެހި އާސާރު މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދެމުން ދަނީ އެ ބޭނުމުގައި ކަމަށެވެ. އަދި އޭނާގެ މަގުސަދު މިއަދު ހާސިލް ކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއެވެ. އަދި މިކަމަށް ޝައުގުވެރިވެ މި މައުލޫމާތުތައް ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމުގައި ގިނަ ބަޔަކު މަސައްކަތް ކުރާތަން ދެކެން އޭނާ ބޭނުންވެއެވެ.
ފޮތުގައި އެއްޗެއްގެ ނަން ލިޔެފައި އޮތުމަށްވުރެ، އެ ތަކެތި ފެންނަން ހުރެ އެއާ ބެހޭ މައުލޫމާތު ލިބިގެން ދިއުމަކީ އާރިފް ގަބޫލު ކުރާ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ. ދަ ޕްރެސްގެ ޓީމް ރަށްވެހި އާސާރަށް ކުރި ދަތުރުން އެނގިގެން ދިޔައީ އާރިފްއަކީ ހަމައެކަނި އެ ތަކެތި އެއްކޮށް މީހުންނަށް ދެއްކުމަށް ބަހައްޓާފައި ހުރި މީހެއް ނޫން ކަމެވެ. ދިވެހިން ބޭނުން ކުރި ގިނަ އަދަދެއްގެ ތަކެތި އެ ތަނުން ފެންނަން ހުރިއިރު އެ ހުރިހާ އެއްޗެއްގެ ފުރިހަމަ މައުލޫމާތު އާރިފްއަށް އެނގެއެވެ. ކޮންމެ އެއްޗެއްގެ ބޭނުމާއި އެ އެއްޗެއްގެ ދައުރެވެ. ދިވެހިންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތެވެ.
ތީ އެރަށުގަ އެކި މީހުންނަށް ސިހުރު ހަދާ ވަރަށް ނުބައި ނުލަފާ މީހެއް