ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ކުރިއާ މެދުވެރިކޮށް އެތެރެ ކުރި 2 ޕެކޭޖެއް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރި ޕެކޭޖްތަކުން ތެރެއިން އެއް ޕެކޭޖްއިން 3.1 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އިތުރު އެހެން ޕެކޭޖެއްގެ ތެރެއިން 210 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތެކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކުރާ ގިނަ އަަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެތަކެތި އެތެރެ ކުރާ މީހުން ހައްޔަރު ކުރަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި ވެސް މަސްތުވާތަކެއްޗާއެކު ރާއްޖެއައި ޕާކިސްތާނުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ވައިގެ މަގުން ރާއްޖެ އެތެރެވި އެމީހާ ގެނައި ދަބަހެއްގެ ތެރެއިން ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.