މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފައިވާ މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާހް ރަޝީދު ސަސްޕެންޑުކުރި މުއްދަތު އިތުރު ތިން ހަފްތާ އަށް ދަންމާލައިފިއެވެ.

ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު މިއަދަށް ހަމަވުމުން، މާދަމާ ފެށޭ އޭޕްރިލް މަހުގެ 21 ގެ ނިޔަލަށް އޭނާގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކުރިކަން ޕީސީބީން ވަނީ އެނާ އަށް އަންގައިފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ސަސްޕެންޑުކޮށް ނެރުނު ކުރު ބަޔާނެއްގައި ޕީސީބީން އޭރު ބުނީ، ޝަމާހާ ގުޅޭ ކޯޕަރޭޓް ގަވަނަންސާ ގުޅޭ މައްސަލަަތަކެއް އެ ބޯޑަށް ހުށަހަޅާފައިވުމުން ބަލަމުންދާ ކަމަށާއި، އެކަމުގެ ފުރިހަމަ އިންކުއަރީ އެއް ހިންގުމަށް 14 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑުކުރާ ކަމަށެވެ،

ޝަމާހާ ބެހޭ ގޮތުން ޕީސީބީއަށް ހުށަހެޅި ޝަކުވާގެ ލިސްޓު ދިގެވެ. އެގޮތުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި އޭނާގެ އާއިލީ ގުޅުން އޮންނަ ފަރާތްތަކާއި ރައްޓެހިންނަށް ކުންފުނީގެ ވަޒީފާ ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

އެގޮތުން ޖުމްލަ 12 ކަމެއް ފާހަގަކޮށް ޝަމާހަށް ޕީސީބީން ފޮނުވި ސިޓީއެއްގައި ބުނީ, މިފްކޯ އާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.