ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ސަރުކާރުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލެއް ނެރެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި 'ދައުލަތުގެ މުވައްޒަފަކާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް ހިންގުމާ ބެހޭ އުސޫލު' ގައި ބަޔާން ކޮށްފައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ ލިބުނު ނަމަވެސް ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅުން އޮތް ފަރާތަކާ އެކު އެއްވެސް ހާލަތެއްގައި ވިޔަފާރީގެ މުއާމަލާތެއް ނުހިންގޭނެއެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް މުވައްޒަފާއި ފައިސާއާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސް މުވައްޒަފާއި، އެ ޕްރޮކިއުމަންޓަކާ ގުޅޭ ޑިޕާޓްމަންޓެއްގެ އެންމެ އިސް މުވައްޒަފެވެ. އޭގެ އިތުރުން ޕްރޮކިއުމަންޓަށް ހުއްދަ ދޭ އެގްޒެކެޓިވް ފަންތީގެ މުވައްޒަފުންނާިއ، ބިޑު ކޮމެޓީ އާއި ޕްރޮކިއުމަންޓާ ބެހޭ އެހެނިހެން ކޮމެޓީތަކުގެ މެންބަރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ބިޑު ނުވަތަ ބީލަން އިވެލުއޭޓު ކުރާ ނުވަތަ ވަޒަން ކުރާ ފަރާތްތައް ނުވަތަ ވަޒަން ކުރުމަށް އެހީވެދޭ ފަރާތެއް ނުވަތަ އެކަން ކުރާ ކޮމެޓީގެ މެންބަރުންނާއި މާލީ ޒިންމާދާރު ވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި ބިޑް ޑޮކިއުމަންޓު ނުވަތަ ޓެންޑާ ޑޮކިއުމަންޓު ތައްޔާރުކުރުމުގައި ބައިވެރިވާ ނުވަތަ އެހީވެދޭ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންޓުނާއި އެކަމާ ބެހޭ މާހިރުން ވެސް ހިމެނެއެވެ.

އެ އުސޫލުގައި ބުނާ ގޮތުގައި އެ ފަރާތްތަކާ ގުޅުން އޮންނަ ގޮތަކަށް ސަރުކާރުން ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނީ، މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި ހާލަތެއް ދިމާވެގެންނެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެެތް ހާލަތެއްގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ފަހު ލިޔުމަކުން ހުއްދަ ލިބިގެން ނޫނީ ވިޔަފާރީގެ މުއާމަލާތް ނުކުރެވޭނެ ކަމަށް އެ އުސލުގައި ބުނެއެވެ.

އެ ނޫން ހާލަތްތަކުގައި ނުވަތަ ދައުލަތުގެ އެހެން މުވައްޒަފުންނާ ގުޅުން ހުރި ފަރާތްތަކާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނީ، އެ މުއާމަލާތެއް ފެށުމުގެ ކުރިން ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ވެސް އެ އުސޫލުގައި ބަޔާން ކޮށްފައި ވެއެވެ. އެފަދަ ހާލަތްތަކުގައި ވިޔަފާރި މުއާމަލާތްތައް ކުރާނެ މިންގަނޑު ވެސް އެ އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ.

އެގޮތުން ވިޔަފާރި މުއާމަލާތުގެ ޖުމްލަ އަގު 35،000 ރުފިޔާއާ ހަމައަށް ހުއްދަ ދޭނީ މާލީ ޒިންމާދާރު ވެރިޔާ ނުވަތަ އެ ޒިންމާ އަދާކުރަން ލިޔުމަކުން އޭނާ ހުއްދަ ދީފައިވާ ފަރާތަކަށެވެ. 35،000 ރުފިޔާ އާއި 5،000،000 ރުފިޔާއާ ދެމެދުގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ބިޑު ކޮމެޓީނ ކަމަށާއި ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ މުއާމަލާތްތަކަށް ހުއްދަ ދޭނީ ނެޝަނަލް ޓެންޑާ ބޯޑުން ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.