މި ސަރުކާރުން ފެށި އެންމެ ބޮޑު އެއް މަޝްރޫއު، "ރަސްމާލެ" މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށައިފިއެވެ.

އޭސީސީން މައުލޫމާތު ދިންގޮތުގައި ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ވުމުން އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭސީސީ އިން ބުނީ މައްސަލަ ހުށަހަޅާފައި ވަނީ، އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ 70 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން އެމްޑީޕީ ކެމްޕެއިންގެ ތަރުޖަމާން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް 70 ހެކްޓަރުގެ ބިން ގްރޭޓާ މާލެ ސަރަހައްދުން ދީގެން ކަމަށެވެ.

މީގެއިތުރުން ގްރޭޓާ މާލެ ސަރަހައްދުން އެންމެ ކުޑަ ރޭޓުން ވެސް ބިން ވިއްކާފައި ވަނީ އަކަފޫޓަކަށް 6500 ރުފިޔާގެ ރޭޓުން ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ހުޅުމާލޭ ބީޗު ސަރަހައްދުން ވިއްކި ބިންތަކުގެ އަގު އަކަފޫޓަކަށް 10،200 ރުފިޔާއަށް އަރާފައި ހުރި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ. އެތަނުގެ 1153 ހެކްޓަރު ހިއްކާއިރު ބިން ހިއްކަނީ ހުޅުމާލެ އާއި ފުށިދިއްގަރު ފަޅުން ބިން ވިއްކަން ކޮންޓްރެކްޓަރަށް ފުރުސަތު ދޭ ގޮތަށެވެ. އެގޮތުން އެޗްޑީސީން ބުނެފައިވަނީ އެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށް ކަމަށެވެ.