ފައިސާ ޗާޕުކުރުން ހުއްޓާލާ، ފައިސާގެ އަގު ހިފެހެއްޓި އިންވެސްޓަރުންގެ އިތުބާރު މިހާރު ހޯދިއްޖެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ހާއްސަ އިންޓަަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުންކަމަށާއި އެކަމުގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓި، އިގުތިސާދުވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދިވެސް ކުރެވޭ އިތުރު ކަންކަމާއެކު ވަގުތު ބޭނުންވާނެކަމަށާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ކުރީ ސަރުކާރުގެ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ހާމަވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، 120 ބިލިއަން ރުފިޔާގެ ދަރަންޏާއެކު ގައުމުގެ އިގުތިސާދު އޮތީ އަނދަވަޅެއްގެ ތެރޭގައިކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައިކަމަށާއި، ރަނގަޅަށް ހިނގާ ކުންފުނިތަކުގެ ފައިދާވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިގުތިސާދު މިންކުރާ ކްރެޑިޓް ރޭޓިންގައިވެސް އޮތީ ވަރަށް ދަށުގައިކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫތައް ކަމަށްވާ ސްކޫލް އިމާރާތްތަކާއި، ސިއްހީމަރުކަޒުތަކާއި، ބަނދަރާއި ފެނާ ނަރުދަމާފަދަ މަޝްރޫތައް ވަކި ހިސާބަކުން ކުރިއަށް ނުގޮސް ހުއްޓިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން އެހެންވީ، ކުރީ ސަރުކާރުގައި މަޝްރޫތައް ހަވާލުކޮށް އެ ކުންފުނިތަކަށް ފައިސާ ދީފައި ނުވުމުންކަމަށެވެ. ރައީސް ވިދާޅުވީ މިފަދައިން ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.