ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ "ލެޓާ އޮފް އެކްސްޗޭންޖު" ގައި މިއަދު ސޮއިކޮށްފިއެވެ.

ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު 05 އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެއެވެ.

މިއަދު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، އެ ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަ ކުރިއެވެ.

ސިއްހީ ވުޒާރާގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.