ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ކުޑަ ގައުމެއް ނަމަވެސް ރާއްޖޭގައި ބޭނުން ކުރާ ކާތަކެއްޗަށް ބަލާނަމަ ތަފާތު ގިނަ ރަހަތައް ފެންނަން އެބަހުއްޓުވެ. އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބެލި ނަމަވެސް މެއެެވެ. މީގެތެރެއިން ބައެއް ކާތަކެއްޗަކީ ވަކި ރަށަކަށް ނިސްބަތް ކުރެވޭ އަދި އެ ރަށަކަށް ހާއްސަ ކާތަކެއްޗެވެ.
އެގޮތުން ބަލާއިރު ބައެއް ރަށްރަށަށް މަޝްހޫރު ތަކެތީގެ ގޮތުގައި އެއް ބާވަތައްވުރެ ގިނަ ބާވަތުގެ ކާތަކެތި ހުރި ރަށްރަށް މަދެއް ނޫނެވެ. ހާލު ފޮޅި ފިހުމަށް ހާއްސަ ރަށެއްގެ ގޮތުގައި މަޝްހޫރު ކުޅުދުއްފުއްޓަކީ ވެސް މިފަދަ ރަށެކެވެ. ހާލު ފޮޅީގެ އިތުރުން މި ރަށުގައި ތައްޔާރު ކުރާ މަސްބޮނޑިއަކީ ވެސް ކުޅުދުއްފުއްޓަށް ހާއްސަ ކާތަކެތީގެ ތެރެއިން ހިމެނޭ ކާތަކެތީގެ ބާވަތެކެވެ.
މަސްބޮނޑި ހެދުމަށް މަޝްހޫރު މި ރަށުގައި މަސްބޮނޑި ހަދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެެވެ. ކުރީގައި ޒަމާނުގައި ކައްކާ ބޮޑެތި ކެއުންތަކުގައި ވެސް މަސްބޮނޑިއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. އީދު ދުވަސް، ރަބީއުލްއަވަލް މަހު 12 ދުވަސް ފަދަ ދުވަސްތަކުގައި ކައްކާކެއުންތަކުގައި ވެސް ސުފުރާމަތި ފަޅުފިލުވާލަދިން ބައިވެރިއެއްގެ ގޮތުގައި މަސްބޮނޑި ވަނީ ހިމެނިފައެވެ.
މަސްބޮނޑި ހެދުމުގައި 5 އަހަރުގެ ހޭދަކޮށްފައިވާ ކުޅުދުއްފުށީ ޝަރީފާ ހުސައިން ވަނީ މަސްބޮނޑި ހަދާނެ ގޮތް ދަ ޕްރެސްއާ ހިއްސާކޮށްފައެވެ. ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ކުރަމުން އަންނަ އުމުރުން 55 އަހަރުގެ ޝަރީފާ ބުނާގޮތުގައި އޭނާ މި މަސައްކަތް ކުރަން ފެށީ ދަރިއަކު ސްކޫލަށް ގެންދަން ހެދި މަސްބޮޑީގެ ރަހަ ރަނގަޅުވެ، މިކަން ވިޔަފާރިއެއްގެ ގޮތުގައި ކުރުމުގެ ހިޔާލު އައި ހިސާބުންނެވެ.
މަސްބޮނޑި ހެދުމަށް ބޭނުންވާ ތަކެތި:
- ކާށި ހުނި
- ހިކަނދިފަތް
- ހިކި މިރުސް
- ކޮތަންބިރި ހަވާދު
- ރީނދޫ
- އަސޭމިރުސް
- ކާފޫރުތޮޅި
- ދިރި
- އިނގުރު
- ލޮނުމެދު ފިޔާ
- ގިތެޔޮ މިރުސް
ޝަރީފާ ކިޔައިދިން ގޮތުގައި މަސްބޮނޑި ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ ހުނިގަނޑު ފުޑަނީއެވެ. މިހާރު ހުނިގަނޑު ފުޑަނީ ކަރަންޓު ދައިން ނަމަވެސް ކުރިން ހުނިގަނޑު ފުޑާ އުޅުނީ މިކްސަރުން ކަމަށް އޭނާ ބުނެއެވެ. އެގޮތުން ހުނިގަނޑު ފުޑުމަށް ބޭނުން ވަނީ ކާށި ހުނި، ހިކަނދިފަތް، ހިކި މިރުސް، ކޮތަންބިރި ހަވާދު، ރީނދޫ، އަސޭމިރުސް އަދި ކާފޫރުތޮޅިއެވެ. މި ތަކެތި ފުޑުމުން އެހުރީ ހުނިގަނޑު ތައްޔާރު ކުރެވިފައެވެ.
ދެން އެއަށްފަހު ތައްޔާރު ކުރަނީ މީރު ހަވާދެވެ. މިއީ ދިރި، އިނގުރު، ލޮނުމެދު، ފިޔާގެ އިތުރުން ގިތެޔޮ މިރުސް ބޭނުންކޮށްގެން ހަދާ ހަވާދު ގަނޑެއް ކަމަށް ޝަރީފާ ބުނެއެވެ. މި ހަވާދުގަނޑު ހެދުމަށްފަހު ކޮށާފައިވާ މަހާ، ފިޔާ އަދި ހިކަނދިފަތް އަދި ބިލުމަގުކޮޅުގެ އިތުރުން ރަހަލާ ވަރަށް ލޮނުކޮޅެއް އަޅާލުމަށްފަހު މޮޑެލާނީއެވެ. އެއާއެކު މީގެތެރެއަށް ތައްޔާރު ކުރި ހުނިގަނޑާއި މީރު ހަވާލު އެއްކޮށްލުމުން އެ ހުރީ މަސްބޮނޑި ފިހަން ތައްޔާރުކުރެވިފައެވެ.
ޝަރީފާ ބުނީ އޭނާ މަސްބޮނޑި ފިހެ އުޅެނީ ދުނބުރި ގަހުގެ ފަތަށް އެޅުމަށްފަހު ބޮންތި ފަނުން އައްސައިގެން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މަސްބޮނޑި އެއްސުމަށްޓަކައި ދިއްގާ ގަހުގެ ވަކަ ބޭނުން ކުރާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އާންމު ގޮތެއްގައި މަސްބޮނޑި ފިހެ އުޅެނީ އަލިފާންގަނޑުގެ ތެރެއަށް ލައިގެން ކަމަށްވާއިރު، ބައެއް މީހުން ގޭސް އުނދުނުގައި ރޮށި ފިހާ ތަވާ މަތީގައި ބާއްވައިގެން ވެސް މަސްބޮނޑި ފިހެއުޅެއެވެ.
ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ކުރާ ޝަރީފާ ކިޔަދިން ގޮތުގައި އޭނާ އެންމެ ގިނައިން ތައްޔާރުކޮށް އުޅެނީ 40 ނުވަތަ 45 މަސްބޮނޑިއެވެ. ހެނދުނުގަޑީގައި މަސްބޮނޑި ހެދުމަށް ބޭނުންވާ ބައެއް މަސައްކަތްތައް ނިންމާފައި ހުންނައިރު މަސްބޮނޑި ހެދުމަށް ހޭދަވަނީ ގާތް ގަނޑަކަށް 2 ގަޑިއިރު ކަމަށް އޭނާ ބުނެއެވެ.
ބަތާއެކު ނުވަތަ ރޮއްޓާއެކު ވެސް ކެއުމަށް ބޭނުން ކުރާ މަސްބޮނޑި އެންމެ ގިނައިން ވިކެނީ ހެނދުނުކަން ޝަރީފާ ފާހަގަ ކުރެއެވެ. އަދި މި މަސައްކަތަކީ ކެރިގެން ކޮށްފިނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.