އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ އެއްވެސް އަސާސެއް ނެތި އިދިކޮޅު (އެމްޑީޕީގެ) ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ އަނިޔާވެރިކަމާއި ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ. އަދި އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، މާދަމާ މެންދުރުފަހު 3:00ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމާ ގުޅިގެންނެވެ. ފައްޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައި ވަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބަލަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރުޑީސީއިން ހިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ.

ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް ފައްޔާޒް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ