ތިނަދޫއަށް ސިޓީގެ ދަރަޖަ ދީ، އިދާރީ ބަދަލުތައް ގެނެސްފިއެވެ.

އެގޮތުންގދ. ތިނަދޫ ކައުންސިލަކީ، ތިނަދޫ ސިޓީ ކައުންސިލް ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.

އެގޮތަށް ހަމަޖައްސަވާފައިވަނީ އިއްޔެއިން ފެށިގެން ކަމަށްވާއިރު ރައީސް މިގޮތަށް ހަމަޖައްސަވާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 51 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.

މިބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވަނީ "Secretariat of the Thinadhoo City Council" ކަމަށް ވެސް ވަނީ ހަމަޖައްސަވާފައެވެ. އަދި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީ ނަންބަރު ޖެއްސެވުމަށް ހަމަޖައްސަވާފައި ވަނީ މިހާތަނަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ހަމަޖައްސަވައިފައިވާ ނަންބަރު 415 ގައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިގޮތަށް ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

މިބިލަކީ، މާޗް 18، 2024 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް 1 އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހުގައި ކަމަށެވެ. ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިސްލާހުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.