އޭޕްރީލް 21 ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިނުގައި ރައީސް މިއަދު ހެންވޭރަށް ވަޑައިގެންފިއެވެ.

މި ކެމްޕެއިނަށް ރައީސް މިއަދު ހެންވޭރަށް ވަޑައިގެންފައި ވަނީ މެންދުރު 13:45 ގައެވެ. މި ކެމްޕެއިން ހަރަކާތުގައި ރައީސް ވަނީ މި ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެންފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ހަރަކާތްތައް ރައީސް ޑރ. މުއިއްޒު ފައްޓަވާދެއްވާފައިވާއިރު، މި ކެމްޕެއިން ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އިތުރުން ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި އެ ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ. އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.