ހޮނިހިރު ދުވަހުގެ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މއ. ޕެރީހީލިއަން، އުމުރުން 25 އަހަރުގެ އަކްރަމް އަދީލް ސައީދު އާއިލާއަށް ހަބަރެއްނުވެގެން ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ އަކްރަމް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:15 ހާއިރު އޭނަ މިހާރު ދިރިއުޅޭ ހުޅުމާލެ ފޭސް 2 ގެ އެޗް 15 އިން ކަމަށެވެ.

ފުލުހުން ބުނީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ އަކްރަމް ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފާހަކަށް އައިސް އާއިލާއަށް ހަބަރު ނުވެގެން މީހުން ހޯދުމަށް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނައިރު، ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެންނަކަން ފާހަގަކުރެވެއެވެ.