ބަދިގެ ތެރެއިން ގިނަ ފަހަރަށް އަހަރެމެންނަށް ފެންނަ ބަޔަކީ އަންހެންވެރިން ކަމުގައި ވިޔަސް، ކެއްކުމުގެ ދާއިރާއިން އަންހެންނާ ފައިތިލަ ހަމަކުރާނެ ފިރިހެނުންވެސް ގިނައެވެ. އެ ދާއިރާގައި ހުނަރުދައްކާ، ނުގުޑާ ވަރުގެ އަޒުމުގައި ތިބޭ މަސައްކަތްތެރި ފިރިހެނުން ރިސޯޓުތަކާއި ސަފާރިތަކާއި ރެސްޓޯރެންޓު، ހޮޓާތަކުންގެ ބަދިގެއިން ފެންނައިރު ދިވެހި ރަހަތަކުގައި ކާތަކެތި ތައްޔާރުކުރުމަށް މައްކާއަށް ގޮސް އުޅޭ ފިރިހެނުންވެސް މަދެއް ނޫނެވެ.

އެގޮތުން ހދ. ނޮޅިވަރަމަށް އުފަން އެ ރަށު ޝާމް އުމުރުން 52 އަހަރުގެ އިބްރާހިމް އަލީއަކީވެސް އެފަދަ ކައްކާއެކެވެ. އެ ރަށުގައި ބާއްވާ ޕާޓީތަކާއި އެކި އެކި ހަފްލާތަކަށް ވެސް ކައްކާ އިބްރާހިމްގެ ވަރަށް ހާއްސަ ބަތެއްގެ މީރު ވާހަކައަކީ އެ ރަށުގައި ވަރަށް ވެސް މަޝްހޫރު ވާހަކައެކެވެ. އެ ބަތުގެ މީރު ވާހަކަ ނުދައްކާ މީހަކާ ދިމައެއް ނުވެއެވެ. ގިނަ ބަޔަކު އެ ބަތަކީ އިބްރާހިމްގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ސިފަކުރަނީ އެއީ އޭގެ މީރު ކަމުން ކަމަށްވިޔަސް އެއީ އޭނާގެ އަމިއްލަ އުފެއްދުމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ މަޝްހޫރު، މީރު ބަތުގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބުމާއެކު އިންޓަވިއުއެއް ނަގަން ބޭނުންވިއެވެ. އެއްވެސް ކަހަލަ ސޯހެއް ނާޅާ ތަރުކާރީ އަޅައިގެން ބާސްމަތީ ހަނޑުލުގެ ބަތުގައި ތައްޔާރުކޮށްފައިވާ އެ ބަތަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ އެ ބަތުގެ ޕެކޭޖުގައި ހިމެނޭ ފިހުނު ކުކުޅު ފަޅިއާއި ތެލުލި އަލުވި ކޮޅުގެ އިތުރުން ސެލެޑްކޮޅުންނެވެ.

އިންޓަވިއު ހަމަޖައްސާ، އެގެއަށް ގޮސް އިންޓަވިއު ނަގަމުން ދިޔައިރު އޭނާގެ ވާހަކަތައް ހީކުރި ވަރަށް ވުރެއްވެސް ޝައުގުވެރިއެވެ. މީގެ 15 ވަރަކަށް އަހަރުކުރިން ބޯޓު ދަތުރަން ދިޔަ އިބްރާހިމް ފުރަތަމަ ދިޔައީ އެ ބޯޓުގެ ކާން ހަދާ، ތަށިމަތި ބެލެހެއްޓުމަށެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ވާނީ ކެއްކުން ކަމަށް ހީކޮށް އެ ދުވަހު ބޯޓުގެ ބަދިގެއަށް އިބްރާހިމް ވަނީ ފަހަރުގައިވެސް މި ދާއިރާއިން ކާމިޔާބު މީހަކަށް ވާނެ ކަމަށް ހީކޮށެއް ނޫނެވެ.

ކެންސަރަށް ފަރުވާ ހޯދަމުންވެސް އިބްރާހިމް ދެއްކީ ނަމޫނާ!

މިހާތަނަށްވެސް ކޯހެއް ހަދާފައި ނުވާ އިބްރާހިމަށް ކެއްކުމުގެ ދާއިރާއިން ގިނަ ކަންތައްތަކެއްވެސް ދަސްވީ އެ ބޯޓުންނެވެ. މީގެ 6 އަހަރު ކުރިން ރަށުގައި އޭނާ ވަނީ ރެސްޓޯރެންޓެއް ހަދާ، ވިޔަފާރިވެސް ފަށާފައެވެ. ރަށުގައި އިބްރާހިމް މަސައްކަތް ފަށާފައިވަނީ ބަލި ހާލަތު ހުރި ގޮތުން ވަޒީފާއަކަށް ދެވެން ނެތުމުންނެވެ.

އިބްރާހިމް އަލީ ކައްކަނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ބަލި ހާލަތުގެ ވާހަކަ ފަށަމުން އިބްރާހިމް ބުނީ ފުރަތަމަ އޭނާ ޑޮކްޓަރަށް ދެއްކީ ބުރަ ކަށީގައި ރިއްސާތީ ކަމަށެވެ. އެހެންނަމަވެސް ވަނީ ކިހިނެތްކަމެއް ނޭނގުނު ކަމަށެވެ. އެއަށްފަހު އެއް ދުވަހު އިބްރާހިމް މޫދަށް ދަނިކޮށް ވެއްޓުނު ގޮތަށް ނުދެދުވެވިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މާލެ ފޮނުވާލިއެވެ. އިބްރާހިމަށް އިށީދެ އިނދެވޭ ވަރުވެސް ވީ މާލޭގައި 10 ދުވަހު ފަރުވާދިން ފަހުއެވެ.

އިބްރާހިމް ބުނީ އެއަށްފަހު ދިޔައީ އިންޑިއާއަށް ކަމަށާއި އެއީ މީގެ 12 އަހަރު ކުރިން 2012 ވަނަ އަހަރުގައި ކަމަށެވެ. ބަލި ދެނެގަތުމަށް އިންޑިއާއަށް ގޮސް ދެއްކި ފުރަތަމަ ހޮސްޕިޓަލުންވެސް ބަލި ދެނެގަނެވިފައި ނުވާއިރު އިބްރާހިމް ބުނީ އޭނާގެ ބަލި ދެނެގަނެވުނީ އިންޑިއާއަށް ދިޔަތާ މަސް ދުވަސްވީ ފަހުންނެވެ.

އިބްރާހިމްގެ ބައްޔަކީ ކެންސަރު ކަމާއި ހުރީ ފުރަތަމަ ސްޓޭޖުކަން އެނގުނީ އިންޑިއާއިން ދެއްކި ދެވަނަ ހޮސްޕިޓަލް، ރީޖަނަލް ކެންސަރު ސެންޓަރު (އާރްސީސީ) އިންނެވެ. އަދި މައިބަދާގެ ދެ ބަދަ ހަލާކުވެފައިވާ ކަން ވެސް އިބްރާހިމަށް އެނގުނީ އެ ހޮސްޕިޓަލުންނެވެ.

"އަސްލު މިކޮޅުން ނޭނގުނު ކޮން ކަހަލަ ބައްޔެއް ކަމެއް އިންޑިއާއަށް ގޮސް އެއް މަސް ފަހުން އެނގުނީ. ފުރަތަމަ ދިޔަ ހޮސްޕިޓަލަކުން ނޭނގުނު ދެން ދެވަނަ ހޮސްޕިޓަލް، އާރްސީސީއަށް ދިޔައީމަ ދެން އެނގުނީ"
އިބްރާހިމް
އިބްރާހިމް އަލީ އިންޓަވިއު ދެނީ / ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އިބްރާހިމް ބުނީ މިހާރު ބޯންމެރޯ ހަދާފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު ވެސް ގިނައިރު ކޮއްޅަށް ހުރުމުން ހަށިގަނޑު ގުދުވާ ކަމަށެވެ.

އިބްރާހިމް ބުނީ މީގެ ކުރިން މަހަކު 21 ދުވަހު ބޭސް ކެއުމަށްފަހު ހަ މަހުން ހަ މަހުން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ޖެހޭ ކަމަށާއި އެހެންނަމަވެސް މިހާރު ބޭސް ކާން ނުޖެހޭ ކަމަށެެވެ. އަދި މިހާރު ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ޖެހެނީ އަހަރަކު އެއް ފަހަރު ކަމަށް އިބްރާހިމް ވަނީ ބުނެފައެވެ.

"މިހާރު ދާން ޖެހެނީ އަހަރަކު އެއް ފަހަރު ކުރީގައި ހަ މަހުން ހަ މަހުން ދިޔައީ މަހަކު 21 ދުވަހު ބޭސް ކައިފާ. މިހާރު ބޭސް ކާކަށް ނުޖެހޭ އަހަރަކު އެއް ފަހަރު ދައްކަން ޖެހެނީ"
އިބްރާހިމް

ކެންސަރާ ހަނގުރާމަ ކުރަމުންވެސް އަދި ފަރުވާއަށްފަހުވެސް އިބްރާހިމްގެ އަޒުމެއް ނުގުޑައެވެ. ކެއްކުމަށް އޮތް ލޯތްބާއެކު މިއަދުވެސް އިބްރާހިމް ކައްކާ ކާ ތަކެތީގެ ރަހައަކީ 3000 ހާހެއްހާ އާބާދީގެ ނޮޅިވަރަމްގައިވެސް އެ ވަރުގެ ދެވަނަ އެއް ނެތް ރަހަތަކެއްކަން ހަމަ ގައިމެވެ.

އުމްރާވެރިންނަށް ކެއްކުމަށް މިހާރުވެސް އިބްރާހިމް ހުރީ މައްކާގައި!

ބޯޓު ދަތުރުކުރުން ހުއްޓާލިފަހުންވެސް އިބްރާހިމްގެ ކާތަކެތި ރަހަ ބަލާލަން ލިބެނީ ހަމައެކަނި ނޮޅިވަރަމްގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ޒަމްޒަމް ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދާ މީހުންނަށްވެސް އު ފުރުސަތު ލިބޭނެއެވެ.

ފުރަތަމަ އުމްރާވެރިންނަށް ކައްކަން ދިއުމަށް ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އިބްރާހިމް ބުނީ އުމްރާއަށް ގޮސް ކެއްކުމުގެ ފުރުސަތު ލިބުނީ އެ ރަށު އެހެން މީހަކަށް ކަމަށާއި އޭނާއަށް ދެވެން ނެތުމުން އިބްރާހިމްގެ ވާހަކަ ގްރޫޕުގައި ބުނި ކަމަށެވެ. އަދި އެ ގްރޫޕުން އިބްރާހިމްގެ ފޯނު ނަންބަރު ހޯދައިގެން އޭނާއަށް ގުޅާ މާލެ ގެންގޮސް ދެ ވައްތަރެއްގެ ހެދިކާއެއް ހަދަން ހަވާލު ކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އިބްރާހިމް އަލީ ކުކުޅު ފިހަން ތައްޔާރުކުރަނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އިބްރާހިމް ހެދި އެ ހެދިކާތައް ރަނގަޅުވެގެން އެ ގްރޫޕުން މިހާރު އޭނާ ވަނީ 12 ވަރަކަށް ފަހަރު އުމްރާވެރިންނަށް ކައްކަން މައްކާއަށް ގޮސްފައެވެ. މިހާރުވެސް އޭނާ ހުރީ އުމްރާވެރިންނަށް ކައްކަން މައްކާގައެވެ.

"ދެން މިހާރު އެ ގްރޫޕުން 12 ވަރަކަށް ފަހަރު [އުމްރާއަށް] ދެވިދާނެ"
އިބްރާހިމް

އިބްރާހިމް ބުނީ އެތަނުގައި ހުރިހާ އަޅުކަމެއް ކުރެވޭތީ އެ ހިތްހަމަ ޖެހުން ލިބޭ ކަމަށާއި އެހެންނަމަވެސް އެތަނުގައި ކަންކަން ވަރަށް އުނދަގޫ ކަމަށެވެ. އެތަނުގައި ގޭހުން ނުކެއްކޭއިރު ހުރިހާ އެއްޗެއްވެސް ކައްކަން ޖެހެނީ ކަރަންޓު ރައިސް ކުކަރުންނެވެ.

އިބްރާހިމް ބުނީ ރިހަ، ބޮނޑިބަތް، ސާގުފަނި އަދި ޕިރިނީ ވިޔަސް ކައްކަން ޖެހެނީ ހަމަ ރައިސް ކުކަރުން ކަމަށެވެ.

އިބްރާހިމް ބުނީ އޭގެ ފަހުން ޒަމްޒަމް ގްރޫޕުގެ އިތުރުން އެހެން ދެ ގްރޫޕަކުންވެސް މައްކާއަށް ގޮސް ކެއްކުމުގެ ފުރުސަތު ލިބުނު ނަމަވެސް ޒަމްޒަމް ގްރޫޕުން ފުރުސަތު ލިބޭތީ މުޅިންވެސް ދަނީ އެ ގްރޫޕުން ކަމަށެވެ.

އިބްރާހިމްގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިއަކީ އަނބިމީހާ!

އިބްރާހިމްގެ އަމިއްލަ އުފެއްދުމެއް މިހާތަނަށް އަދި އުފެއްދިފައި ނުވި ނަމަވެސް އޭނާއަކީ ހުރިހާ ކާތަކެއްޗެއްވެސް ތައްޔާރުކުރަން ދަންނަ ކައްކާއެކެވެ.

އިބްރާހިމް އަލީ ކައްކަނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އިބްރާހިމް ބުނީ އެ މަޝްހޫރު ބަތް ނޫނަސް އޯޑަރުދީފި ނަމަ ސަބްމެރީން، ބާގާ، ޕިއްޒާ، ބިރިޔާނީ އަދި ނަން ހުސްކޮށް ކޮންމެ އެއްޗެއްވެސް އޭނާ ހަދާ ކަމަށެވެ. އެ މަސައްކަތް ނުހުއްޓި ދިއުމަކީ އޭނާގެ ކާމިޔާބީއެއް ކަމަށް އިބްރާހިމް ސިފަ ކުރެއެވެ. އިބްރާހިމް ބުނީ އޭނާގެ އެ މަސައްކަތުގައި އަނބިމީހާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަަމަށާއި މަސައްކަތް ނުހުއްޓި ކުރިއަށް ދަނީ އޭނާއާ އެއް ވަރަށް އަނބިމީހާވެސް މަސައްކަތް ކުރާތީ ކަމަށެވެ.

"އަންހެނުން ވަރަށް މަސައްކަތް ކުރޭ އަހަންނެކޭ އެއް ވަރަށް އަންހެނުން މަސައްކަތް ކުރާތީވެ މި ހިފެހެއްޓެނީ"
އިބްރާހިމް

އިބްރާހިމް ރަށުގައި ހިންގަމުންދާ ރެސްޓޯރެންޓް މީގެ 3 ވަރަކަށް މަސް ކުރިން ހުއްޓިފައިވީ ނަމަވެސް ކޮންމެ ދުވަހަކުވެސް އޯޑަރު ނަގަައިގެން ކައްކާ ހަދައެވެ. އޭނާ ބުނީ ރެސްޓޯރެންޓު ހުއްޓިފައިވަނީ ރަށުން މުވައްޒަފުން ނުލިބޭތީ ކަމަށާއި މިހާރު ބިދޭސީން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިބްރާހިމް އެންމެ ދެކެން ބޭނުންވަނީ އަދިވެސް އޭނާ ކުރަމުންދާ މަސައްކަތް ފުޅާވެ، އިތުރަށް ރަނގަޅުވެގެންދާނެ ދުވަހެއް ކަމަށްވާއިރު އޭނާ އެންމެންނަށް ދޭން ބޭނުންވާ މެސެޖެއްވެއެވެ. އެ މެސެޖަކީ ހުއްޓާ ނުލާ މަސައްކަތް ކުރުމެވެ.

"މަސައްކަތް ކުރާށޭ ކުރެވޭ ވަރަކުން، ވަޒީފާއަކަށް ނުދެވެންޏާ ގޭގައި ކުރާށޭ މަސައްކަތް ނުކޮށް ނުހުންނާށޭ"