ސަރުކާރާ ދެކޮޅު ބަޔަކު ހޮވައިގެން މިސްރާބު ދާނީ އަނެއްކާވެސް އޮޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އަބްދުއް ސައްތާރު މުހައްމަދު (ސަޓޯ) ގެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ކުރާނެ މެންބަރުން ހޮވަންވީ ސަބަބުތައް ސާފުކޮށް ފެންނަން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދާތާ ވީ 4 މަސް ދުވަހުގެ ތެރޭގައިވެސް ވަރަށް ގިނަ ސަބަބުތައް ފެންނަން އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަކީ ޒިންމާދާރުކަމާއެކީގައި ރައްޔިތުންގެ ހައްގުގައި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު ޑޮލަރު ރައްކާކުރަން މީގެ ކުރިން ހަދާފައިވާ ސޮވެރިން ޑިވަލޮޕްމަންޓް ފަންޑުގެ ހާލަތު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވީ އެ އެކައުްންޓުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި އެހެންނަމަވެސް މި ހަތަރު މަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު އޭގައި ރައްކާކޮށްފައިވާ ކަމަށެވެ. އަދި އެ ރޭޓުގައި ގެންދެވި މި އަހަރު ނިމޭއިރުގައި 100 ވަރަކަށް މިލިއަން ޑޮލަރު ރައްކާކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަންޑުގައި ހުރި ޑޮލަރު ރައްޔިތުންގެ ބޮލުގައި އެޅިފައި ހުރި ބޭރުގެ ދަރަނިތަކަށް ބޭނުންކުރަން ބެހެއްޓުމުގެ ބަދަލުގައި ބޭނުންކުރަން ބަހައްޓާ އެއްޗަކަށް ވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އޭގައި ހުރި ޑޮލަރު ކޮޅު މިދިޔަ ސަރުކާރުގައި ރުފިޔާއަށް ބަދަލުކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފަންޑަކީ ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑަކަށް އަނބުރާ ބަދަލުކޮށްފައިވާ ކަމަށާއި އެ ފަންޑަށް ހާއްސަ ގާނޫނެއް މަޖިލިސް ތެރެއިން ފާސްކުރަން ބޭނުންވާ ކަމަށް ކެމްޕެއިންގެ ތެރޭގައިވެސް ވިދާޅުވެފައިވާނެ ކަމަށެވެ.

އެ ގާނޫނު ފާސްކުރުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު މަގުން ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުން 14 ހަފްތާގެ ލެޖެންސްލޭޓިވް އެޖެންޑާގެ ތެރެއިން އެންމެ ފުރަތަމަ ހުށަހެޅި ބިލަކީވެސް އެ ފަންޑް ހިމާޔަތްކުރުމާ ބެހޭ ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުން އެ ފަންޑް ވިއްސި ވިހާލިކޮށް، ފައިސާ ކޮޅު ހުސްކޮށްލީ ކަމަށާއި އެކަން ރަނގަޅު މިސްރާބަށް ބަދަލުކުރެއްވީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ބިލު މިހާރު ބޭރުކޮށްލާފައިވާ ކަމަށާއި އެކަން ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް މި މަޖިލީހަށް ހޮވަންވީ ކީއްވެތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

އެންމެ މިސާލަކުންވެސް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަން އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސްރާބު ދާނީ އަނެއްކާވެސް އޮޔާކަމަށާއި އިގްތިސޯދު ވެއްޓޭނީ އަނދަވަޅަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިސްރާބު ކައްސާލައިގެން ގޮސް އިގްތިސޯދު އަނދަވަޅަކަށް ވެއްޓި ދީން ހަލާކުވެގެން ގޮސް އަޅުގަނޑުމެންގެ މިނިވަންކަން އޮޔާގޮސްފައި އޮއްވާ ދިވެހިންގެ ބުރަ މަސައްކަތުން ތި ހުރިހާ ލޮބުވެތި ރައްޔިތުންގެ ގައުމީ ވިސްނުމުގައި ދިވެހިންގެރާއްޖެއަށް އަޅުގަނޑުމެން ފަށާފައިވާ މި ދަތުރު ފުރިހަމަވާން އޮތީ އޭޕްރީލް 21 ވަނަ ދުވަހު ތިބޭފުޅުން އެ މަސައްކަތްވެސް މަޖިލީހަށްވެސް ދެއްވައިގެން"
ރައީސް

ރައީސް އިތުރަށް ވިދާޅުވީ ކުރިން ވެއްޓުނު އަނދަވަޅުން ނަގާ، ކޮޅަށް ޖަހައިގެން ދިވެހިންގެ ރާއްޖޭގެ މިސްރާބު ގެންދަން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިކަމުގައި ގައުމީ ވިސްނުމެއްގައި އެކައްޗެއް ކިޔުއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.