ހޮނިހިރު ދުވަހުގެ ފަހުން ހަބަރެއް ނުވެގެން ޒުވާނަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މއ. ޕެރީހީލިއަން، އުމުރުން 25 އަހަރުގެ އަކްރަމް އަދީލް ސައީދު އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ އިއްޔެ އިރުއޮއްސި 7:22 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަކްރަމް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:15 ހާއިރު އޭނަ މިހާރު ދިރިއުޅޭ ހުޅުމާލެ ފޭސް 2 ގެ އެޗް 15 އިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އަކްރަމް ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު ނަމަވެސް އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ބައެއް މީހުން ވީނުވީ ނޭނގިފައިވެސް އެބަ ހުއްޓެވެ.