އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރު ފާސް ކުރުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެ ގަރާރަށް މަރުހަބާ ކިޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ގަރާރެއް ފާސް ކުރަން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. އަދި އެ ގަރާރު ފާސްކޮށް އިޒްރޭލުންވެސް އެ ގަރާރަށް ފުރިހަމައަށް ބޯ ލެނބުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމަށް ކަމަށެވެ. އަދި ހަމައެހެންމެ އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވާ އަދި ގާޒާގެ ރައްޔިތުންނަށް މުޅި ދުނިޔެއިންވެސް އިތުރު މަސައްކަތްތަކެއް ކޮށްދޭންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ އުއްމީދަކީވެސް މި މާތްވެގެންވާ ރަމަޟޯން މަހުގެ ރޫހު ގާޒާގެ މުސްލިމުންނަށް ގެނުވަދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ބޭރު ދުނިޔޭގެ އެހެން ގައުމުތަކުންވެސް މަރުހަބާ ކިޔަމުންދާއިރު މީގެ ކުރިންވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރުތައް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާ ފަދަ ގައުމުތަކުން ގަރާރު ވީޓޯ ކުރުމުގެ ސަބަބުން ގަރާރު ފާސްނުވެ އޮތުމަށްފަހު މިފަހަރު ގަރާރު ފާސްވެފައި ވަނީ އެމެރިކާއިން ވީޓޯ ނުކޮށް އަދި ވޯޓުގައިވެސް ބައިވެރި ނުވުމުންނެވެ. އެމެރިކާއިން ވޯޓުގައި ބައިވެރި ނުވުމުން އިޒްރޭލުން ދަނީ އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލަށް ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ގެއްލި 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ނަމަވެސް ހަމަލާތައް ހުއްޓުމުގެ ވިސްނުމެއް ޔަހޫދީ އިޒްރޭލުގެ ނެތްއިރު އެމީހުން ދަނީ ގާޒާގެ ރަފާހް ސިޓީ އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.