މަގުމައްޗަށް ކުނި އަޅައިގެންނާއި ގަވާއިދާ ހިލާފަށް މަގުމަތީ ވިޔަފާރިކުރި ގިނަ އަދަދެއްގެ ބަޔަކު ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން އެކި ފަރާތްތައް ޖޫރިމަނާ ކުރަމުންދާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާނަމަ މާލެ ސިޓީ ކައުންސިލުން ދަނީ 500 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ. އަދި އާންމުންނަށް ހިނގާބިނގާވުމަށް ދަތިވާ ގޮތަށް ދުވާރުމަތީ މުދާ ބަހައްޓައިގެން ވިޔަފާރި ކުރާނަމަ އެ ފަރާތްތައްވެސް ކައުންސިލުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މިއީ މި ރަމަޟޯން މަހާ ދިމާކޮށް މާލޭގައި އާންމުވެފައި ކަމަށްވާއިރު ސިޓީ ކައުންސިލުން ބުނީ އިއްޔެ އެކަނިވެސް މަގު މައްޗަށް ކުނި އަޅައިގެންނާއި ގަވާއިދާ ހިލާފަށް މަގުމަތީ މުދާ ބަހައްޓައިން ވިޔަފާރިކުރި 18 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިފަދަ އަމަލުތައް ގިނައިން ހިންގަނީ ބިދޭސީން ކަމަށްވާއިރު ޖޫރިމަނާ ފިޔަވާ މާބޮޑެތި ފިޔަވަޅުތަކެއް އެމީހުންނާމެދު ނާޅައެވެ.

މިއަހަރު ރަމަޟާން މަހު މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް ކަމާއި ބެހޭ އިދާރާތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މާލެ ސަރަހައްދުގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މިސްކިތްތަކުގެ ބޭރުގައި ނަމާދުކުރަން، ހާއްސަކޮށް ހުކުރުކުރަން ހަދާ ސަފުތައް ހެދުމަށް ފަސޭހަވާނެހެން، މަގުގައި ގިބްލަ ޑިރެކްޝަން އެނގޭގޮތަށް ހުދު ލައިންވަނީ ކުރަހާފައެވެ. މީގެ އިތުރުން ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ގެ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.