ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަމުން އަންނަ ލޯކަލް ސެޓްފިކެޓްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރުކޮށް، މުއައްސަސާތަކުން ތައްގަނޑުޖެހުން ހުއްޓާލުމަށް ނިންމާފައިވާމަށް އެ އެތޮރިޓީ އިން ބުނެފިއެވެ.

މިއަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނީ 2016 ވަނަ އަހަރުން ފެށިގެން އެ އެތޮރިޓީއިން އިން ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން ހުއްޓާލުމާ ގުޅިގެން އެކިއެކި މުއައްސަސާތަކުން ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަކުރަމުން ދާ ކަމަށެވެ.

މި ގޮތުން ވަޒީފާއަށް އެދި ހުށަހަޅައި ފަރާތްތަކުން ހުށަހަޅަމުން އަންނަ ލޯކަލް ސެޓްފިކެޓްތަކުގައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރު ކުރެވިފައި" މި ގޮތަށް ބަޔާންކޮށް މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއިކުރަމުން އަންނަަކަމަށް އެ އެތޯރިޓީއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މަހުގެ 25 ވަނަ ދުވަހު ފެށިގެން މި ގޮތަށް އިބާރާތްކޮށް ސޮއިކުރުމަކީ މަނާކަމެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އޮތޯރިޓީއިން ބުނީ ސަނަދުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މަތީ ތައުލީމުދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމި ކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާއެކު މުއައްސަސާތަކަށް ހުށަހެޅިދާނެކަމަށެވެ. އަދި ހުށަހަޅާފައިވާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެ ހާލަތެއްގައި ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމްކިޔުއޭ އަށް އެ ސަނަދާއި އެ ސަނަދާ ގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ އެދިފައެވެ.