ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނައިރު ހެދުން ހުންނަން ޖެހޭނީ ފަލަމަސްގަނޑުން ތިރިއަށްކަމަށް ބުނެ ގަވައިދު އިސްލާހުކޮށްފިއެވެ.

ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ބަޔާންކޮށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ބަދަލު ގެނެސްފައިވާއިރު، މި ގަވައިދު މިހާރު ބުނާގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ފަލަމަސްގަނޑުން ތިރިއަށް ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ.

އިޖުތިމާއީ މިންގަނޑަށް ނުފެތޭގޮތަށް އަންހެން މުވައްޒަފުން ހެދުން އަޅާ ވަޒީފާއަށް ދާކަމުގެ ޝަކުވާ އަކީ އަބަދުވެސް ބޮޑުވެފައިވާ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސިވިލް ސާވިސް ކޮމިޝަނުން ގެނައި ބަދަލުގައި އިތުރަށް ބުނެފައިވަނީ އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވިދާނެކަމަށާއި ނަމަވެސް އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށް އޮފީސް މާހައުލާ އެކަށޭނެ ގޮތަކަށް ކަމަށެވެ.

އަދި ފަޓުލޫނާއި ހަރުވާޅު ފަދަ ތަކެތި ފަހާފައިވާ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާންޖެހޭނެ ކަމަށާއި، ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ދެވޭގޮތަށް ސިވިލް ސާވިސްގެ ގަވައިދުގެ 145 ވަނަ މާއްދާވެސް މިއަހަރު ވަނީ އިސްލާހުކޮށްފައެވެ. މި އިސްލާހުގައި ބަޔާންކޮށްފައި ވާގޮތުގައި މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފަކު ނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.