ހާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަޒީފާ ދީފިއެވެ.

މިކަމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ފަރާތްތަކަށް ވަޒީފާ ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

ހާއްސަ އެހީއަށް ބޭނުންވާ 25 ފަރާތަކަށް މިއަދު ލިޔުން ހަވާލުކޮށްފައިވާއިރު ޖަލްސާއަށް ނާދެވުނު 5 ފަރާތަކަށް ފަހުން ލިޔުން ހަވާލު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ މުޖުތަމައުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވަރަށް ހުނަރުވެރި ގާބިލް ބައެއް ކަމަށާއި ފުރުސަތު ދެވިއްޖެނަމަ މުޖުތަމައުގައި ވަރަށް މުހިންމު ހިއްސާއެއް އަދާކުރާނެ ބަޔަކަށް ވެގެންދާނެ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް އެޗްޑީސީން ވަޒީފާ ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އަދި މިއަދު ވަޒީފާ ލިބުނު ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަން ފާހަގަ ކުރައްވާ ޒުހައިރު އިތުރަށް ވިދާޅުވީ، މިހާރުވެސް އެޗްޑީސީގެ އެކި ޑިޕާޓްމަންޓުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ ބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ކަމަށާއި ވަޒީފާ ދިނުމާއި ވަޒީފާގެ މާހައުލުގައިވެސް އެހެން މުވައްޒަފުންނާ އެއްވެސް ތަފާތުކުރުމެއް އެޗްޑީސީން ނުގެންގުޅޭ ކަމަށެވެ.

އަދި އެ ފަރާތްތަކަކީ ގައުމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ މި މުޖުތަމައުއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ އެކަކު އަނެކަކާ އެހީތެރިވާ އުފާވެރި މުޖުތަމައުއެއް ކަމަށެވެ.