އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބު ބާއްވާ ދުވަސް ފަސްކުރުމަށް، ފާސްކޮށްފައެވެ. އެހެންކަމުން އިންތިހާބު ބާއްވާ ތާރިހަށް ގެނައި ބަދަލާއެކު 18 އަހަރު ފުރުނު 561 ޒުވާނުންނަށް އަލަށް ވޯޓުލުމުގެ ހައްގުވަނީ ލިބިގެން ގޮސްފައެވެ.

މި އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އީސީ އިން ތައްޔާޜުވަމުން އަންނައިރު އެ ކޮމިޝަނުން ވަނީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައްވެސް ބާއްވާފައެވެ. އެހެންނަމަވެސް އިންތިހާބު ބާއްވާ ތާރީހަށް އައި ބަދަލާ ގުޅިގެން އިންތިހާބުގައި މަސައްކަތްކުރާނެ އިތުރު އޮފިޝަލުން ބޭނުންވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.