ރަށްރަށުގެ ވާހަކަތައް ދެކެވޭއިރު ބައެއް ރަށްރަށުގެ ނަން ބޭނުންނުކޮށް އެ ރަށަކީ ކޮން ރަށެއްކަން ބުނެދެވޭނެ ގޮތްތަކެއް ހުރެއެވެ. އެގޮތަށް އެ ރަށެއްގައި ހިނގާފައިވާ ހާދިސާތަކާއި އެ ރަށް ހާއްސަ ވާ ކަމެއް ނުވަތަ އެ ރަށެއްގައި ތައްޔާރުކުރާ ހާއްސަ ކާ ތަކެއްޗަކަށް އިޝާރާތްކޮށްގެން ވެސް ރަށް ރަށުގެ ނަން ބޭނުންކޮށް އުޅެއެވެ. މަޖާޒީ ކޮށް މިފަދަ ގޮތަކަށް ރަށްރަށުގެ ނަން ބޭނުން ކުރިޔަސް ގިނަ ފަހަރަށް އެއީ އެ ރަށެއްގެ ފަހުރެވެ. ޝަރަފެވެ.

ކުޅުދުއްފުށީ ސިޓީގެ ވާހަކައެއް ދައްކާނަމަ އެ ރަށަށް ހާއްސަ "ހާލުފޮޅީގެ" ވާހަކަ ނުދައްކަނީ ކާކުހެއްޔެވެ؟ ކޮންމެ މީހަކުވެސް ހާލުފޮޅީގެ ވާހަކަދައްކައެވެ. ހާލުފޮޅި ފިހާތަން ބަލާލުމަށާއި އޭގެ ރަހަ ބެލުމަށް ދަތުރު ހަދައިގެން އެ ރަށަށް ގިނަ ބަޔަކު ދެއެވެ. ބޭރުގެ ވަފުދެއް އެ ރަށަށް ޒިޔާރަތްކުރިޔަސް އޭގެ ރަހަ ދައްކައެވެ. ހާލުފޮޅި ތައްޔާރުކުރާތާ ގިނަ އަހަރުތަކެއްވެފައި ވީނަމަވެސް މިއަދުވެސް އެ ފޮޅީގެ ވާހަކަތަކަކީ އަދިވެސް ދައްކާ އާ ވާހަކަތަކެވެ. ކިތަންމެ ގިނަ ދުވަހެއް ވިޔަސް އޭގެ ރަހައަކަށް ބަށްޓަމަކަށް ކުލައަކަށްވެސް ބަދަލެއް ނާދެއެވެ.

ހިޔާލަށްވެސް ނުގެނެވޭ ގޮތަށް ހަދާ އެ ތުނި ތުނި ފޮޅި ފިހެވޭނީ ވަރަށް ކެތްތެރި އަދި ކުޅަދާނަ ހުނަރުވެރިންނަށް ކަން ހަމަ ޔަގީނެވެ. ކުރެހުންތެރިން ނޫނަސް އެއީވެސް ހަމަ އާޓިސްޓުންނެވެ. އެ މީހުން ތަވާގައި އެ ހަދާ މަންޒަރަކީ ބަދަލުވުމެއް ނެތް، ރީތި މަންޒަރެކެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ނޫން ކަން ހުދު އަހަރެންގެ އަމިއްލަ ތަޖުރިބާއިންވެސް އެނގެއެވެ.

ކުޅުދުއްފުށީ ސިޓީއަށް ދެވުމުން އެހެން މީހުން ފަދައިން އަހަރެންވެސް ހާލުފޮޅި ފިހާތަން ބަލާލާ ހިތްވިއެވެ. އެ ފުރުސަތު ލިބުނީ ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ކުރަމުންދާ ޕިންކްރޯސް ގެއިންނެވެ. ހާލުފޮޅި ފިހުމުގައި ހަލުއިވެފައި ފަރިތައެވެ. ތަލިން ކުޅުހިކު ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންވެސް ހުރީ އެ ފަދަ ހުނަރުވެރިން މީގެ ކުރިން ފެނިފައި ނުވާތީ ކަމަށްވެސް ވެދާނެއެވެ.

ގާތްގަނޑަކަށް 20 އަހަރު ވަންދެން އެ ގޭގައި އެ މަސައްކަތް ކުރަމުން އައީ އެ ގޭ އުމުރުން 69 އަހަރުގެ ޒުލްފާ ހަސަންއެވެ. އެހެންނަމަވެސް މީގެ 4 ވަރަކަށް އަހަރު ކުރިން އޭނާ އެ މަސައްކަތް ހުއްޓާލި ނަމަވެސް އެ ގެއިން އެ މަސައްކަތެއް ނުހުއްޓާލައެވެ. މިހާރު އެ ގޭގައި އެ މަސައްކަތް ކުރަމުން ދަނީ ޒުލްފާގެ ދަރިއެކެވެ.

ޒުލްފާގެ ދަރިއަކު ހާލުފޮޅި ފިހަނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ހާލުފޮޅީގެ މަސައްކަތް ކުޅުދުއްފުށީގައި ފުރަތަމަ ފެށުނީ ކޮންއިރަކު ކަން ބުނެދޭން ނޭނގޭކަން ފާހަގަކުރަމުން ޒުލްފާ ބުނީ ކުޑައިރުން ފެށިގެންވެސް އޭނާގެ މާމަމެނެ ހާލުފޮޅި ފިހާތަން ފެންނަ ކަމަށެވެ. އެ ޒަމާނުގައި މީހުންގެ ގައިގާ ހާލުފޮޅި އަޅަން ބުނާ ނަދުރާ ގުޅިގެން ކުޅުދުއްފުށީގެ ހާލުފޮށި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް ގެންދެއެވެ.

"އަހަރެމެން ވަރަށް ކުޑައިރުވެސް އަހަރެމެން މާމަމެން ފޮޅި ފިހާތަން ދެކެން ދެން އަހަންނަކަށް ނޭނގެ ކުރީގައި ކިހިނެތް ކަމެއް އެ މަސައްކަތް ފެށުނީކީއެއް"
ޒުލްފާ

ހުކުރު ދުވަސް ނޫނީ ކޮންމެ ދުވަހުވެސް އެ ގޭގައި ހާލު ފޮޅި ފިހާއިރު ކޮންމެ ދުވަހެއްގެ މެންދުރު ކުރީގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އެ މަސައްކަތަށެވެ. ކޮންމެ ދުވަހަކުވެސް އެ ގޭގައި ދެލާހި ނުވަތަ ތިން ލާހި ހަނޑުލުގެ ފުށުގެ ހާލުފޮޅި ފިހާއިރު ބައެއް ދުވަސް ދުވަހު ނާޅިއެއްގެ ހަނޑުލު ފުށުގައިވެސް އެ ގޭގައި ހާލު ފޮޅި ފިހެއެވެ. އަދި އޯޑަރުތައް ނަގައިގެން އެއަށްވުރެ ގިނައިންވެސް ހާލުފޮޅި ފިހާ ދުވަސް ދުވަސް ދާ ކަމަށް ޒުލްފާ ބުނެއެވެ.

ޒުލްފާ ބުނީ ހަނޑޫ ލާއްސަކުން އާންމުކޮށް ފިހެވެނީ 50 ހާލުފޮޅި ކަމަށެވެ.

ހާލުފޮޅި/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

ހާލު ފޮޅީގެ އަގު 25 ލާރިން ދެ ރުފިޔާއަށް!

ކޮންމެ ގަޑިއެއްގައިވެސް ކާލަން ރަނގަޅު ސައި ގަޑިއަށް އެވަރެއް ނެތް ހާލުފޮޅިއަކީ މަޑު ފޮނިރަހައެއްލާ މުރަނަ ފޮޅިއެކެވެ. އާމްދަނީ ހޯދުމަށް އެ ރަށުގެ ގިނަ ބަޔަކު ހާލުފޮޅި ފިހުމުގެ މަސައްކަތް ކުރާއިރު ޒުލްފާ ބުނީ އޭނާ މީގެ ކުރިން އެ ފޮޅި 25 ލާރީގެ މަގުން ރުފިޔާއަކަށް ހަތަރު ފޮޅިވެސް ވިއްކި ކަމަށާއި އެއަށްފަހު ބައި ރުފިޔާއަށް ފޮޅިއެއްވެސް ވިއްކި ކަމަށެވެ.

އެ ރަށުގެ ގިނަ ބަޔަކު އެ މަސައްކަތް ކުރިނަމަވެސް މިއަދުވެސް އެ ފޮޅިއަށް "ޑިމާންޑް" ބޮޑެވެ. އަތުފަތު ނުޖެހި ވިކިގެންދާ ފަހަރުވެސް ދިމާވެއެވެ. މިއަދު ހާލުފޮޅިއެއްގެ އަގަކީ 2 ރުފިޔާއެވެ.

"މިހާރު 100 ރުފިޔާއަށް 50 ފޮޅި މި ވިއްކަނީ. 2 ރުފިޔާއަށް ފޮޅިއެއް ކަމަށް. ތަންކޮޅެއް ކުރިން ބައި ރުފިޔާއަކަށްވެސް ފޮޅިއެއް ވިއްކައިފިން. ދެން އޭގެ ކުރިންވެސް 4 ފޮޅި ވިއްކައިފިން ރުފިޔާއަކަށް"
ޒުލްފާ

ޒުލްފާ ބުނީ ތަންކޮޅެއް ކުރިން ހާލުފޮޅި ވިއްކަން މާލެ ފޮނުވި ނަމަވެސް މިހާރު މާލެ ނުފޮނުވާ ކަމަށެވެ. މިހާރު ކޮންމެ ދުވަހަކު ފިހާ ފޮޅި ދެތިން ދުވަހެއްގެ ތެރޭގައި ވިކިގެންދާ ކަމަށާއި ރަށުގެ މީހުންގެ އިތުރުން ބީރައްޓެހިންވެސް އެ ގެއިން ހާލުފޮޅި ގަންނަ ކަމަށް ޒުލްފާ ވަނީ ބުނެފައެވެ.

"ތަންކޮޅެއް ކުރީގައި މާލެވެސް ފޮނުވިން މިހާރަކު ނުޖެހޭ ފޮނުވާކަށް. މިހާރު ވާ ގޮތަކީ އަހަރެމެން ގެއަކު ނުހުރޭ އެއްގޮތަކަށްވެސް އެ ފޮޅިއެއް. ދެ ދުވަސް ތިން ދުވަސް ވާއިރަށް ހުންނަނީ ވިކިފައި"
ޒުލްފާ

ހާލު ފޮޅި އަޅަން އަދިވެސް ކަމުދަނީ މުށި ތަވަޔާއި ދަރު އުނދުން:

ޒަމާނަށް ބަދަލުތަކެއް އައިސް މަސައްކަތްތަކަށް ލުއި ފަސޭހަތަކެއް ލިއްބައިދޭ ގިނަ ވަސީލަތްތަކެއް ވެސް ވަނީ ވުޖޫދުވެފައެވެ. އެހެންނަމަވެސް އެ ރަށުގެ ގިނަ ބަޔަކު މިއަދުވެސް ހާލުފުޅި ފިހަން ބޭނުންކުރަނީ އެންމެ ކުރިންވެސް ބޭނުންކުރި މުށި ތަވަޔާއި ދަރު އުނދުނެވެ.

ހާލު ފޮޅި ފިހުމުގެ މަދު ކަންކަމަކަށް ބަދަލު އަޔަސް އޭގެ ރަހައަކަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މީގެ ކުރިން ހިލަ ދައިމަތީ ހަނޑޫ ފުނޑި ނަމަވެސް މިހާރު ބޭނުންކުރަނީ މިކްސަރާއި ކަރަންޓް ދައެވެ. އަދި ބައެއް މީހުން ގޭސް އުނދުނާއި ތަތް ނުލަވާ ތަވާ ބޭނުންކޮށްގެން ހާލުފޮޅި ފިހާ ނަމަވެސް ޕިންކްރޯސް ގޭގައި އަދިވެސް ހާލުފޮޅި ފިހަނީ އެންމެ ކުރިން ބޭނުންކުރި އާދައިގެ މުށި ތަވައާއި ދަރު އުނދުނެވެ.

ހާލުފޮޅި ފިހަނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

މީގެ ކުރިން އަތްވަށް ލައިގެން ހާލުފޮޅި ހިއްކާ، މުރަނަކޮށް ހެދިޔަސް މިހާރު އެކަންކޮށް އުޅެނީ ފަންކަލުގެ ވައިންނެވެ. ބައެއް މީހުން މިހާރުވެސް ހާލު ފޮޅި އަތްވަށްލާ ހަދާއިރު މީގެ ކުރިން ވިއްސާރަ ދުވަހެއްގައި ހާލުފޮޅި ހިއްކަނީ އަލިފާން ގަނޑުމަތީގައި ކޮންމެވެސް އެއްޗެއް ބަހައްޓައިގެން ކަމަށް ޒުލްފާ ބުނެއެވެ.

ޒުލްފާ ބުނީ އެ މަސައްކަތަށް މީގެ ކުރިން އަޅިން ހަދާ އުނދުން ބޭނުން ކުރި ނަމަވެސް މިހާރު ބޭނުން ކުރަނީ ސިމެންތިން ހަދާ އުނދުން ކަމަށެވެ. އެހެންމަވެސް އޭގެ އުނދުނުގެ ބައްޓަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ހާލުފޮޅި ފިހުމަށް ގިނަ ވަގުތު އަލިފާން ކައިރީގައި ހޭދަކުރަން ޖެހުނު ނަމަވެސް އެ ފޮޅި ފިހަން ބޭނުންވަނީ ފަސޭހައިން އަތު ޖެހޭ މަދު އެއްޗެކެވެ. ޒުލްފާ ބުނީ ހާލުފޮޅިއަށް ބޭނުންވަނީ ހަނޑޫ ފުޑާއި ބިހާއި ހަކުރު އަދި ފެން ކަމަށެވެ. އެންމެ ފުރަތަމަ ހިމޫންކޮށް ހަނޑޫ ފުނޑުމަށްފަހު އެ ހަނޑޫކޮޅުގެ ތެރެއަަށް ފެން އަޅާ ފުރާނާނީ ކަމަށާއި އެއަށްފަހު އެހެން އެއްޗެއްގައި ބިހާއި ހަކުރު ގިރުމަށްފަހު ފުރޭނި ބައި އެއްކޮލުމުން އޭރުން އެ ހުރީ ހާލުފޮޅި ފިހުމަށް ތައްޔާރުވެފައި ކަމަށް ޒުލްފާ ކިޔައިދިނެވެ.

ޒުލްފާ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ މަސައްކަތުގައި ޒުލްފާމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރު ނުލިބުން ކަމަށްވާއިރު އޭނާ ބުނީ ބައެއް ދުވަސް ދުވަހު ދަރު ގަނެގެން ހާލުފޮޅި ފަހަން ޖެހޭ ދުވަސް ދުވަސްވެސް ދާ ކަމަށެވެ. ޒުލްފާ ބުނީ އޭނާގެ އެ މަސައްކަތުގައި ދަރިންގެ އެއްބާރުލުން ފުރިހަމައަށް ލިބޭ ކަމަށާއި އެހެންނަމަވެސް އަދި އެ މަސައްކަތް ކުރަނީ އޭނާގެ އެންމެ ދަރިއެއް ކަމަށެވެ.

ކުޅުދުއްފުށީގެ ޝަރަފެއް ކަމަށްވާ ހާލުފޮޅީގެ އެ ސަގާފަތް ދަމަހައްޓަން ޒުލްފާ ހުރީ ހަމަ ތައްޔާރަށެވެ. އޭނާ ބުނީ އޭނާ ކައިރިއަށް ދަސްކުރަން ބޭނުންވެގެން އަންނަ ކޮންމެ ކުއްޖަކަށްވެސް އޭނާ ދަސްކޮށްދޭނެ ކަމަށެވެ.