ގަހެއްގެ ނިވަލުގައި ފިލާ ހުރި ޒީކް މަޑު ހުނުމެއްގައި މަގުތަކުން އަޅަމުން ލީވާނަށް ފިލަމުން ދިޔައެވެ. ލީވާން ހުރީ ޒީކް އަތު ޖެހިއްޖިއްޔާ ދެން މިރޭ ދޫނުކުރާނަން ކަމަށް ނިންމައިގެންނެވެ. މިރޭގެ ސަމާސާތަކުން ލީވާންގެ ލޭގައި ކެކެމުންދާ ބާރުު އޮއެވަރުގެ ކުޅި ޒީކަށް ދައްކާލަނަމޭ ހިތް ބުނަމުން ދިޔައެވެ. ކުރިމަތިން ފެންނަންހުރި ފަޅުގެއާ އަރާ ހަމަވުމުން ލީވާން އެ ދިމާލަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އެގޭގެ ފާރުގެ އެޅިގާތަށް ނެއްޓިފައިވާ ދިމާލަކުން ޒީކް އެތެރެއަށް ދެމިގަތް މަންޒަރު ލީވާނަށް ފެނުނެވެ. ގާތަކުގެ މަތިން ދުރުދުރުގައި ފިޔަވަޅުއަޅަމުން ލީވާން އެދިމާލަށް މިސްރާބު ބެހެއްޓީ ވަރަށް އުފަލުން ހުރެއެވެ.
އެ ގޭގެ ފުރާޅު ނެތުމުގެ ސަބަބުން ހަނދުވަރުގެ އަލިކަމުން ތަންދޮރު ވަކިވާ ވަރުގެ އަލިކަމެއް ލިބުނެވެ. އެގޭގެ ވަށައިގެން އެތަން މިތަނުން ފާރުގެ ބައިތަށް ފައިބާފައި ވުމުން ހީވަނީ ގާފުންޏެއް މަތީ އުޅެވޭހެންނެވެ. ވެއްޓިފައިވާ ފާރު ބުރިއެއްގެ މަތީގައި އިށީންދެގެން ލީވާނާ ދިމާލަށް ޒީކް ބަލަންހުރީ މަސްތީ ގޮތަކަށެވެ. އަތުގެ ޝަހާދަތް އިނގިލިން ކައިރިއަށް އައުމަށް ޒީކް އިޝާރާތް ކުރަމުން އައީ އެއްމިޔަކަނުން ހިނިތުން ވެހުރެއެވެ.
ފެން ބޮވައިގެންފައިވާ ހިޔަޅެއް ފަދައިން ޒީކްގެ ހަށިގަނޑަށް އަރައިގަތެވެ. ޒީކްގެ ހަށިގަނޑުގައި ބާރަށް ބައްދާލުމަށް ފަހު އޭނާގެ ހަށިގަނޑުން ހޫނުކަން ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ.
މޫދުގެ ލޮނުގަނޑުގައި ޖެހި އެއްގަމަށް އަންނަމުން ދިޔަ ވައިރޯޅީގައި ތެތްފިނި ކަމެއް އެކުލެވިފައި ވެއެވެ. މި ޖެހޭ ފިނި ވައިރޯޅީގެ ސަބަބުން ލީވާން ހުރީ ހީކަރުވާފައެވެ. ޒީކްގެ ހަށިގަނޑާ ގާތަށް ޖެހިލީ އެވަގުތު ހީ ފިލުވާލަން ބޭނުން ވުމުންނެވެ. ފާރުބުރިމަތީ އިށީނދެގެން އިން ޒީކްގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓި ހުރި ލީވާން ޒީކްގެ ދެއަތުގައި ހިފާލިއިރު އިހްސާސްވީ ފިނިކަމެވެ. ޒީކްގެ އަތްތިލަ ހީވަނީ ފިނިކަމުން ގަނޑުފެންގަނޑެއް ހެންނެވެ.
"ޒީ... ހީކަރުވާފަތަ.... ހޫނު ކޮށްދޭންވިތަ؟..." ލީވާން ވާހަކަތަކުން ޒީކު ގާތަށް ހިނި އައެއް ކަމަކު އަނގައިން ބަހެއް ނުބުނެއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ލީވާނެވެ.
"ޒީ ޔުއާ ސޯ ބިއުޓިފުލް..... ފިނި ފިނި ތުނި ލޯބި ހަންގަނޑެއް.... އެއްވެސް ހުރަހެއް ނެތި ބައްދާލެވޭނަމަ.... ސީރިއަސްލީ ޒީ... އަހަރެން ޒީ ވަރަށް ބޭނުން.... އެއްރޭ މަށާއެކީ ހޭދަކޮށްލިއަސް ކެތްނުވާނެ....." ޒީކްގެ އަތުގެ ކުޑަހުޅުން މައްޗަށް ލީވާންގެ އަތް ހަރަކާތްކުރަމުން ދިޔައެވެ. ކަނދުރާއާ ހަަޔަށް ދިޔުމުން ޒީކްގެ ކަރުދަށުގައި ހިފާލަމުން ލީވާންގެ މޫނާ މޫނު ގާތްކޮށްލިއެވެ.
ޖެހުނު ވައިރޯޅިއާ އެކީ ޒީކްގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ވިހުރިލިއެވެ. ޒީކްގެ މޫނު އޭރު ހުރީ ލީވާންގެ މޫނާމޫނު ޖެހޭހާ ކައިރީގައެވެ. ދެލޯ މަރާލާފައިވާ ލީވާންގެ ތުންފަތް ޒީކާ ދިމާލަށް ދިއްކޮށްގެން ގާތްވަމުން ދިޔައެވެ. ލީވާނަށް ލޯ ހުޅުވާލެވުނީ ފައިތިލައިގައި ފެން ޖެހި ފިނިކަން އިހްސާސް ކުރުުމުންނެވެ. ލޯހުޅުވާލަމުން ފައިތިލަ އާއި ދިމާލަށް ބަލައިލި އިރު ފައިދަށުން ގައި މިވަނީ ބޮޑު ފެންގަނޑެކެވެ. ފެންގަނޑު ހުރި ދިމާލުން އަތިރިމައްޗަށް ބަލާލެވުނެވެ. މޫދު ލޮނުގަނޑާ ވީ ފަރާތުން އެއްގަމަށް އުދަ އަރަމުން ދިޔައެވެ.
ޒީކާ ދިމާލަށް އެނބުރުނު އިރު ލީވާނަށް އެހިސާބުން ފަރު ހަކިވަސް ދުވަން ފެށުމުން ނޭފަތުގައި އަތް އަޅައިގެން ދުރަށް ޖެހިލެވުނެވެ.
"ޒީ ހިނގާ މިތަނުން ދާން.... ހާދަ ނުބައި ވަހެކޭ އެދުވަނީ... އަނެއްކޮޅުން އެއޮއް އުދަ އަރަނީ...." ލީވާން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޒީކް ހުރީ އިސްޖަހައިގެންނެވެ.
ޒީކްގެ އަތުގައި ހިފާ ލީވާން ލައްކެއް ޖަހާލިއެވެ. ލީވާންގެ ހަށިގަނޑަށް ހުއްޓުމެއް ގެނުވީ ލީވާން ޒީކްގެ އަތުގައި ހިފާ ދަމާލުމުންވެސް ޒީކްގެ ހަށިގަނޑަށް ގުޑުމެއް ނައިސް ހުރުމުންނެވެ. ޒީކް ހާދަ ވަރުގަދައޭ ހިތަށް އެރިއެވެ. އަދި ޒީކާ ކުރިމަތިލާން ލީވާން އެނބުރިލިއެވެ.
އިސް ޖަހައިގެން އިން ޒީކްގެ ހޭވިފައިވާ އިސްތަށިތަކުން އޭނާގެ މޫނު ވަނީ ފޮރުވިފައެވެ. ޖެހެމުން ދިޔަ ވައިރޯޅި ދިޔައީ ފަހަރެއް ފަހަރެއް ގަދަވަމުންނެވެ. ވަޔާއި އެކުވެގެން އަންނަ ވެލިކޮޅުތަކުގެ ހަމަލާއިން ސަލާމަތްވާން ލީވާން ލޯ ހަނިކޮށްލަމުން އެ ތަނުން ދިޔުމަށް ޒީކް ގާތުގަ ދެވަނަ ފަހަރަށް އެދުނެވެ. ނަމަވެސް ޒީކް ޖަވާބެއް ނުދީ އެއިން ގޮތަށް އިނީއެވެ.
ޒީކްގެ އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. މޫނުމަތީގައި ތަފާތުތަކެއް ފެންނަން ހުއްޓެވެ. ދެލޯވަނީ ރަތްވެފައެވެ. މޫނުގެ ދެދިމާލެއް ވަނީ ޒަޚަމްވެފައެވެ. ތުންފަތުގެ އެއްމިޔަކަނުން އޭރުވެސް ލޭއައިސްފައި ހުއްޓެވެ. ޒީކް ހުރިގޮތް ފެނުމުން ލީވާނަށް އޭނާގެ ތުންފަތުގައި ދޫ ހާކާލެވުނެވެ. ލިބުނު ހައިރަންކަމުން އޭނާގެ ތުންފަތުގައި އަތްޖައްސާލިއެވެ. އަދި އަތުގެ އިނގިލިތަކަށް ބަލާލިއެވެ. ލީވާނުގެ އަތުގެ އިނގިލިތަކުގައި ލޭ ހޭކިފައި ހުރުމުން އޭނާއަށް ތެޅިގަނެވުނެވެ. "މީކޮން ލެޔެއް...." ބިރެއްފެނިގެންހެން ތުރުތުރުލާ އަޑަކުން ލީވާން ވާހަކަ ދައްކަމުން ޒީކަށް ބަލާލިއެވެ.
ޒީކް އިށީންދެގެން އިން ފާރު ބުރި މަތިން ތެދުވެއްޖެއެވެ. އޭނާގެ ހަށިގަނޑަށް ވަނީ އޭރު ވަރަށް ބޮޑެތި ބަދަލުތަށް އަންނަން ފަށާފައެވެ. ހަންގަނޑުވަނީ ރޫ ޖެހި ހުދުވެފައެވެ. ޒީކްގެ ސިފައަށް އައިސްފައިވާ ބަދަލުތަކުން ލީވާންގެ ހިތުގައިވާ ބިރުވެރިކަން ދިޔައީ ފަހަރެއް ފަހަރެއް ބޮޑުވަމުންނެވެ.
"ޒީކް.... ޒީކަށް ކިހިނެއް ތިވަނީ..." ލީވާނަށް މިހެން ބުނެވުނު އިރު ވަށައިގެން ވާ މާހައުލަށް ބަލާލެވުނީ ސަލާމަތްވެގެން ދުވެފައި ފިލަން ދާންވީ ދިމާލެއް ހޯދަމުންނެވެ.
ޒީކް އޭނާގެ އަތުގެ ޝަހާދަތް އިނގިލި ލީވާނާ ދިމާލަށް ދިއްކުރަމުން އަމުރުވެރި ގޮތަކަށް ވާހަކަ ދެއްކިއެވެ. "ޒީކެއް ނޫން.... މީ ރަނާ...." ޒީކްގެ އަޑުވަނީ މުޅިންހެން ބަދަލުވެފައިވެ. އަޑު ބަރުވެފައި ތަފާތު ބިރުވެރިކަމެއް އެކުލެވިފައިވެއެވެ.
ޒީކްގެ ސިފައިގައި ލީވާންގެ ކުރިމަތީގަ ހުރި އަންހެން ކުއްޖާއާ ދުރަށްދާން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ރަނާ ލައިގެން ހުރި ކުރު ހެދުމުގެ ފަސްބައި ދިގުވަމުން ދިޔައެވެ. ހެދުމުގެ ކުލަ މަޑުވަމުން އަޅިކުލައަށް ބަދަލުވަމުން ދިޔައެވެ. އަޖައިބު ކުރުވަނިވި މި މަންޒަރަށް ބަލަން ލީވާނަށް ހުރެވުނީ އަނގައިން ބަހެއްވެސް ބޭރު ނުވެފައެވެ. ފަސްފަހަތަށް ޖެހެމުން ދިޔަ ލީވާނާ ދިމާލަށް ރަނާ އަންނަމުން ދިޔައީ ނުލަފާ ހިނިތުންވުމަކާ އެކީގައެވެ.
އުދައިގެ ފެންގަނޑު ތެރެއިން ރަނާ ކުރިއަށް އައީ މަޑުމަޑުންނެވެ. ލީވާންގެ ނަޒަރު ހުއްޓުނީ ރަނާގެ ފައިތިލައަށެވެ. ރަނާ ކުރިޔަށް އަންނަމުން ދިޔަ ނަމަވެސް އޭނާ ފިޔަވަޅު އަޅަމުންދާކަން ފާހަގައެއް ނުވެއެވެ. އެހެންކަމުން މިކަމުގައި ނުބައެއް އުޅޭކަން ލީވާން ދެނެގަންނަން މާގިނަ އިރެއް ނުނެގިއެވެ. ދުއްވައިގަންނަން ހިތަށް އަރަމުން ދިޔަ ނަމަވެސް ބިރުގެންފައިވާ ވަރުން މޭތެރޭގައި އޮތް ހިތް ނެގިނެގިފައި ޖެހޭވަރުން ހީވީ މޭ ފަޅާފައި ނިކުމެދާނެހެންނެވެ.
ގޮނޑުދޮށާވީ ފަރާތަށް އެނބުރުމަށްފަހު ފެންގަނޑުތެރޭއިން ހަލުވިކޮށް ފިޔަވަޅު އަޅަމުން ދުއްވައިގަންނަން ލީވާން މަސައްކަތްކުރިއެވެ. ނަމަވެސް އެ ކުރި މަސައްކަތް ވީ ބޭކާރެވެ. ރަނާ ލައިގެން ހުރި ހެދުމުގެ ދިގުވެފައިވާ ފަސްބައި ލީވާންގެ ފައިގައި އޮޅާލިއެވެ. ބާރުލާފައި ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުން އެރުމުން ކޮންޓްރޯލުން ކެނޑި ލީވާން ބަންޑުން ގާތަކުގެ ތެރެއަށް ވެއްޓުނެވެ.
ސަލާމަތަށް އެދި ލީވާން އާދޭސް ކުރަން ފެށިއެވެ. ނަމަވެސް ރަނާއަށް އެއިން އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. ފެންގަނޑު ތެރޭގައި ލީވާން ބަކަތަޅަމުން ދުރަށް ދާން މަސައްކަތް ކުރަމުން ދިޔައެވެ. ގާތަކުގެ މަތީގައި ޖެހުމުން ނިއްކުރިމަތިން ނަގަމުން ދިޔަ ދިލައިން އެތަނުގައި އަތްއަޅާ އަތަށް ބަލާލިއެވެ. ލޭގެ އަސަރު ފެންނަން ހުރުމުން ލީވާންގެ ހެޔަށް ގޮތް ވާން ފެށިއެވެ. ލީވާނަކީ އަބަދުވެސް ލޭ ފެނުމުން ހެޔަށް ގޮތްވާ މީހެކެވެ.
މިހާރު ރަނާ ލައިގެން ހުރި ހެދުން މުޅިންހެން ވަނީ ހުދުކުލަޔަށް ބަދަލުވެފައެވެ. ފަޒާގެ ތެރެއަށް އޭނާގެ ދެއަތް އުފުލާލި ވަގުތު ޖެހުނު ބާރު ވައިރޯޅިން ރަނާގެ ދިގު ފަން އިސްތަށިގަނޑާއި ލައިގެންހުރި ހުދުކުލައިގެ ހެދުމުގެ ފަސްބައި ވަޔާއި އެކު ނަށަންފެށިއެވެ.
އުދަ އަރަމުން ދިޔަ ދިމާލުގެ އަތިރިމަތިން ލާފައި ލީވާން މަސައްކަތްކުރީ އެ ފަޅުގެއާ ދުރަށް ދާށެވެ. ނަމަވެސް ބިރުންހުރެ ފަސް އެނބުރި ބަލާލެވެއެވެ. ނިއްކުރިމަތިން ނަގަމުން ދިޔަ ދިލަތަދުން އަނެއްކާވެސް އަތްޖައްސާލިއެވެ. ނިތްކުރިން ފައިބަމުން ދިޔަ ތާޒާ ލޭގެ އަސަރު އަތުގެ އިނގިލިތަކުން ފާޅުވޭވޭ ހުއްޓެވެ. މާގިނަ އިރެއް ނުވެ ކަނޑާލި ރުކެއްހެން ލީވާން ލޮނުގަނޑު ތެރެއަށް ވެއްޓިއްޖެއެވެ.
މޫދުގެ ރާޅުޖަހާ ހިސާބުން ހިނގަމުން ދިޔައިރު ވިޝާލް ހުރީ އިންތިހާއަށް ހީކަރުވާފައެވެ. ވިޝާލް ހުރީ ސޯޓުގެ ޖީބަށް އެއްް އަތްޖަހައިގެން ތުނބުގައި ސިނގިރޭޓެއް ޖަހައިގެންނެވެ. އެކި ކަހަލަ ވާހަކަތައް ހިއްސާ ކުރަމުން ދިޔައިރު މަޒީނު ހުރީ އިރުއިރުކޮޅާ އޭނާގެ ފޯނުގެ ޑިސްޕްލޭއަށް ބަލަބަލައެވެ.
"ކޯއްޗެއް ތި ބަލަނީ؟..... ދައްކަބަލަ މަށަށްވެސް ތިބަލާ އެއްޗެއް..." މަޒީންގެ ސަމާލުކަން ހޯދަންވެގެން ވިޗާލް ސަމާސާ ރާގަކަށް ބުނެލިއެވެ.
"އަސްލު ޒީކް ވީ ހިސާބެއް ބަލާލަން ހިތައް އަރުވައިގެން މީނީ.... އީވާންއެހެން ބުނީމަ އަސްލު މަ ވަރަށް ހިތްހަމަ ނުޖެހުނު.... ޒީއަކީ އެބުނާ ކަހަލަ ކުއްޖެއް ނޫން... ޝީޒް ގުޑް.... އެންޑް ޑިފަރެންޓް..." މަޒީންގެ ހިތުގައި ސިއްރުކޮށްގެން ހުި ވާހަކަތައް އެކުވެރިޔާއާ ހިއްސާ ކުރިއެވެ.
"ހޫން.... މަށަށްވެސް އިނގޭ ތިކަން.... ތޫބާ މަށަށް ކިޔައިދިން ޒީކްގެ ގޮތް.... ޒީކަކީ ވަރަށް ބަސްއަހާ ކިޔަވާ ހީވާގި މަންޖެއެއް... ދެންސަކަ ގޮތެއް ހުރެދާނެ... ބަޓް ހަމަ ވަރަށް އިނޮސެންޓް..." ވިޝާލަށް ފެންނަ ގޮތް އޭނައަށް ހާމަކޮށްދިނެވެ.
"ހެއި މިހާރު އެއޮއް ބާރަ ޖަހާ ބޮޑުވީ.... ހިނގާ ޒީކް ކޮބާތޯ ބަލަން... އައި ޑޯންޓް ޓްރަސްޓް ލީވާން..." ފޯނުން ގަޑި ބަލާލުމަށްފަހު ރޯ މަހެއްހެން މަޒީން ތެޅިގަތެވެ.
ޖީބުގައިވާ ފޯނު ނެގުމަށްފަހު ވިޝާލް ތޫބާއަށް ގުޅާލިއެވެ. އަދި އިޝާރާތުން މަޒީން ކައިރީ ވާހަކަ ނުދެއްކުމަށް ވިޝާލް އެދުނެވެ.
"ހެލޯ..." ތޫބާ ވާހަކަ ދެއްކީ ވަރަށް އާދައިގެ ގޮތަކަށެވެ.
"ހެއި ބޭބީ.... ނުނިދަންތަ؟... މަ މިއުޅެނީ މަޒީނާއެކީގަ؟.... މިހާރު މިއުޅެނީ ނިދަން ދާން ކަމަށް..." ވިޝާލް ވާހަކަ ދެއްކީ ވަރށް ދުރުދުރުންނެވެ.
"ހޫންންންން... ނިދާފަ މިއޮތީ..... ވިޝާލް ގުޅީމަ މިހޭލެވުނީ.... ލަސްނުކޮށް އަވަހށް ނިދަންދޭ.... އިނގޭ..." ފަހުބަސް ބުނެލި އިރު ތޫބާ އާފުރެލި އަޑު އިވުނެވެ.
"ކޮބާ ޒީކް؟.." އެންމެ ފަހުން ވިޝާލް އަހަން ބޭނުންވި ސުވާލުކޮށްލިއެވެ.
"އޭނަ އެބައޮތް ނިދާފަ..... އޮކޭ ތޫ ނިދަނީ.... ވަރަށް ޓަޔަޑް... ގުޑްނައިޓް... ލަވްޔޫ.." ތޫބާ ކަންނެތް ގޮތަކަށް މިހެން ބުނެލިއެވެ.
"އޯކޭ ބޭބް... ގުޑްނައިޓް.. ލަވްޔާ.." ވިޝާލް ފޯނު ބޭއްވުމުން މަޒީން ދެލޯ ބޮޑުކޮށްގެން ވިޝާލަށް ބަލަން ހުރީ ތޫބާ ދިން ޖަވާބު އަޑު އެހުމުގެ ބޭނުމުގައެވެ.
"ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން.... އޭނަ އެބައޮތް ނިދާފަ... އީވާންމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ...." މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާ އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ ފޯނަށް ޖަވާބު ދިނީ ޒީކެވެ. ފޯނު ކުރިންވެސް އޮތްތަނުގައި ބޭއްވިއެވެ. ތޫބާގެ ބޯ ދަށަށް ލައިގެން އޮތް ބާލިސް ކައިރީގައެވެ. އެއަށްފަހު ޒީކް އޭނާގެ ހެދުން ބަދަލުކޮށްގެން ތަންމަތީގައި އޮށޯވެލިއެވެ. އަދި ލޯމަރާލި އިރު ތުންފަތް މައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
- ނުނިމޭ -