ކަރަންޓް އަދި ފެން ބިލު ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފު ކޮށްދެއްވައިފިއެވެ.
އެކަން އިއުލާން ކުރައްވާ ރައީސް ވިދާލުވީ އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ދިނުމުގެ ގޮތުން ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ނުދެއްކި ހުރި ފައިސާ ލުއިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ކުންފުނިތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދެއްވާނެ ކަމަށް މީގެ ކުރިންވެސް ރައީސް ވިދާޅުވެފައިވާއިރު ރަށްރަށުގެ މިސްކިތުގެ ބިލުތައް ޑޮމެސްޓިކް ރޭޓަށް ވަނީ ބަދަލުކޮށްފައެވެ.
އޭގެ އިތުރުން ރައީސް ވަނީ ރޯދަމަހު ޔޫޓިލިޓީ ބިލްތައް ބޮޑެއް ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި ރޯދަ މަހު ކަރަންޓާއި ފެންބިލް އާންމުގޮތެއްގައި ބޮޑު ވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށާއި މިކަމަށް މިފަހަރު އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.