ޒީކްގެ އެދުމަށް އެއްބަސްވެ ބޯ ޖަހާލަމުން މަޒީން ޒީކްގެ ފޯނުގައި ހިފިއެވެ. އަދި އެބަ އަންނަމޭ ބުނެ ޓެންޓުން ބޭރަށް ނުކުމެގެން ގޮސް މަޒީންގެ ޓެންޓަށް ވަދެ އެ ފޯނު މަޒީންގެ ލެޕްޓޮޕަށް ގުޅާލިއެވެ. މަޒީންގެ ލެޕްޓޮޕްގައިވާ ހުރިހާ މުސްކުޅި ދިވެހި ލަވަތައް އެ ފޯނަށް އަޅައިދިނެވެ. އެ ވަގުތު ކޮޅުގައި މަޒީންގެ ހަނދާނަށް އައީ ދޮންވެލިގަނޑު މަތީގައި ހުރެ ދިވެހި ލަވަ ޖަހަން ފެށުމުން ޒީކް ބުނެލި ބަހެވެ.
{"ކޮން މުސްކުޅި ލަވައެއް ތި ޖަހަނީ... އައި ހޭޓް ދިވެހި ސޯންގްސް... ނިކަން ރޮމޭންޓިކް އިނގިރޭސި ލަވައެއް ޖަހާލަބަލަ...."}
ކުއްލިއަކަށް ޒީކް ދިވެހި ލަވަ އަޑުއަހާ ވާހަކަ ބުނުމުން މަޒީންގެ ހިތުގައި އުފެދުނު ސުވާލުތަކުން ބޮލުގައި ރިހުމެއް އުފެދިގެން ދިޔައެވެ. ހިޔާލަކަށް ގެއްލިފައި ހުރި މަޒީން ކުރަން ބޭނުންވެފައި ހުރި އެތައް ސުވާލުތަކެއް ހުރުމުން އޭނާ އަވަހަށް ޒީކްގެ ފޯނު ޔޫއެސްބީ ވާގަނޑުން ވަކިކޮށްލުމަށްފަހު ފޯނު ހިފައިގެން ޒީކްގެ ޓެންޓުދޮށަށް ހިނގައިގަތެވެ. އޭރު ދަތުރުގެ އެހެން ބައިވެރިން ދޮންވެލިގަނޑު މަތީގައި މަސްކަނޑާ މަހުގައި ލޮނުމިރުސް ހޭކުމުގައި އަވަދިނެތި އުޅުނެވެ.
ޓެންޓުގެ ތެރެއަށް ބޯ ދިއްކޮށްލި މަޒީނަށް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވުނީ ކުރިޔަށް ދާން އޭނާގެ ހިތް ދެކޮޅު ހެދުމުންނެވެ. އެހެންކަމުން ޓެންޓުގެ ބޭރުގައި މަޑުކޮށްލައިގެން ހުރީއެވެ. މަޒީންހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. ފެނުނު މަންޒަރުން ލަދުވެސް ގަނެފައެވެ. ޒީކްގެ ދޮން ހަށިގަނޑުގައި ނިވާ ކަމެއް ނެތެވެ. ނަމަވެސް ޒީކް އެ ވަގުތު ހުރީ ޓެންޓަށް ވަންނަން ހުރި ދޮރަށް ފުރަގަސް ދީގެންނެވެ. ޒީކްގެ ރާޅުބާނި ދިގު އިސްތަށިގަނޑު ވަނީ ކޮނޑުމަތިން އެކީގައި ގެނެސް ކުރިމައްޗަށް ވައްޓާލާފައެވެ. ދޮން ބުރަކަށި ފެންނަން ހުރި އިރު ބުރަކަށީގެ ތިރިން އަރިމަތީގައި ގަދަ މުށި ކުލައިގެ ލަފެއް ފާޑުގެ ތަންގަނޑެއް ފާޅުވާން ހުއްޓެވެ.
ޓެންޓުގެ ބޭރުގައި ހުރި މަޒީނުގެ ލޯމައްޗަށް އަދިވެސް އެ މަންޒަރު ސިފަވަމުން ދިޔަ ކަހަލައެވެ. ދެއަތަށް ބޯ ހޫރާލުމަށްފަހު ނިތްކުރީގައި އަތުގެ އިނގިލިތަކުން ފިރުމާލެވުނީ ސަލާމް ގޮވާނުލައި އެ ޓެންޓު ތެރެއަށް ވަދެވުނު މޮޔަ ހިތަށް އެރުމުންނެވެ. ސަލާމް ގޮވާލަން އަނގަ ހުޅުވާލީ ދޮންވެލިގަނޑަށް ބަލަން ހުރެއެވެ. އަނގައިިން ބަހެއް ބޭރު ނުވަނީސް އެތެރެއިން އިވުނީ ޒީކް މަޒީނަށް ގޮވާލި އަޑެވެ. ތެޅިތެޅި އޮތް ހިތަކާއި އެކީ މަޒީން ޓެންޓުތެރެއަށް ވަނީ އިސް އޮބައިގެން ހުރެއެވެ. ޒީކާ ދިމާލަށް ބަލަން ޖެހިލުންވެހުރެ ހިނދުކޮޅަކު މަޒީނަށް މަޑުކޮށްލެވުނެވެ. އެ ހިމޭންކަމުގެ ވަގުތަށް ނިމުމެއް ގެނައީ ޒީކް ވާހަކަ ދައްކަން ފެށުމުންނެވެ.
"މަޒީން.... އާދެބަލަ މި ވާގަނޑު އައްސާލަ ދޭން... ޕްލީޒް..." ޒީކްގެ ޖުމްލަ ފުރިހަމަ ކޮށްލުމުން މަޒީން އިސް އުފުލާލީ އެ ބުނާ ވާގަނޑެއް ބަލާލުމަށެވެ.
ޒީކް އެވަގުތު ހުރީ ކޮޅަށެވެ. ފަސް އެނބުރިގެންނެވެ. ކަޅުކުލައިގެ ކުރު ހެދުމެއްގައެވެ. ބުރަކަށީގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ހެދުމުގެ ފަހަތުން ބުރަކައްޓާ ދިމާލުގައި ހަންގަނޑު ފެންނާނެހެން ބޮޑުބައެއް ހާމައަށް ފެންނަން ހުރި އިރު، ނާޑުވާ ފަށެއް ކަހަލަ ފޮތިކޮޅެއް ފެންނަން ހުއްޓެވެ. ޒީކް އެބުނާ ވާކޮޅަކީ އެއީކަން މަޒީނަށް ކަށަވަރު ވުމުން ޒީކް ގާތަށް ޖެހިލައި ދެފަރާތުގައިވާ ދެ ވާކޮޅުގައި ހިފާލުމަށްފަހު އައްސަން ފެށިއެވެ. އެ ވާކޮޅު އައްސަމުން ދިޔައިރު ޒީކް އެ ވާ އިތުރަށް ބާރުކޮށްލުމަށް އެދެމުން ދިޔައެވެ.
ވާކޮޅު އައްސާ ނިމިއްޖެއެވެ. އެވަގުތު މަޒީންގެ ކަޅި އަމާޒުވެގެން ދިޔައީ ޒީކްގެ ދޮން ކަނދުރާއަށެވެ. ހިތަށް ކުރަމުން ދިޔަ އަސަރުތައް ވަރަށްވެސް ގިނައެވެ. ނަމަވެސް މަޒީން އޭނާގެ ނަފްސު ކޮންޓްރޯލް ކުރިއެވެ. ޒީކްގެ ކުރި މައްޗަށް ގެނެސްފައިވާ އިސްތަށިގަނޑު ފަހަތަށް އެއްލާލަމުން އޭނާ މަޒީނާ ކުރިމަތިލާން އެނބުރިލިއެވެ. ޒީކްގެ އިސްތަށިގަނޑު މަޒީންގެ މޫނުމަތީގައި ޖެހިލާފަ ދިޔައިރު ހީވީ މަޑުކަމުން ދޫނި ފިޔަ ކޮޅެއްހެންނެވެ. ޒީކް މަޒީނާ ހަތަރުކަޅި ހަމަކޮށްލަމުން އޭނާގެ އަތް ދިއްކޮށްލިއެވެ. "ހުރިހާ ލަވައެއް އެޅީތަ؟؟..."
ޒީކް ކޮށްލި ސުވާލާއެކު މި ޓެންޓުތެރެއަށް އައި މަޤްސަދު ހަނދާންވުމުން ޖީބުގައިވާ ޒީކްގެ ފޯނު ނަގާ ދިއްކޮށްލަމުން ހުރިހާ ލަވައެއް އަޅައިފިން ކަމަށް މަޒީން ބުންޏެވެ. ފޯނުގައި ޒީކް ހިފާލަމުން މަޒީނާ ގާތް ވެލިއެވެ. ހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގި ޒީކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިރޭ ޒީކް ވަރަށް ތަފާތެވެ. ގަދަ މޭކަޕެއް ކޮށްފައި ހުރިއިރުވެސް ޒީކް ހީވަނީ ޕަރީއެއް ހެންނެވެ. މަޒީންގެ މޫނާ ގާތްވަމުން ޒީކް އޭނާގެ އަތުން މަޒީންގެ ކޮލުގައި ފިރުމާލިއެވެ. މަޒީނަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކުރިހެންނެވެ. މަޒީންގެ ކޯތާފަތާއި ޒީކް ކައިރިވެ ކޮލުގައި ބޮސްދިނެވެ. އަދި ކަންފަތް ދޮށުގައި 'ތޭންކްސް' އޭ ވައި އަޑުން ބުނުމަށްފަހު ޓެންޓުން ބޭރަށް ހިނގައިގަތެވެ. އެއްމިޔަކަނުން ހިނިތުންވެހުރެއެވެ.
މަޒީންގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ޖަޒުބާތުން ގައިގައި ހުރި ހުރިހާ ލޯލިތަކެއް އެއްފަހަރާ ކޮޅަށް ޖެހުނެވެ. ކައިރިން ދިޔަ ޒީކްގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މަޒީން ހިތް ފުރެންދެން ފުންނޭވާއެއް އެތެރެއަށް ދަމާލިއެވެ.
ލުއި ހިނިތުން ވުމެއްގައި ހުރެ ޒީކް ހިނގައިގަތީ އަލިފާންގަނޑު ކައިިރީގައި މަސްފިހަން ތިބި ދަތުރުގެ ބައިވެރިންނާ ދިމާލަށެވެ. ނަލަ ހެދިލައިގެން ހުރި ޒީކް ފެނުމުން އެންމެންގެ ނަޒަރު ޒީކަށް އަމާޒުވެގެން ދިޔައެވެ. ޒީކްގެ ގާތަށް ޖެހިލަމުން ތޫބާ އަހާލިއެވެ. "ހެއި.... މިހާރު ކިހިނެއް ވަނީ؟.... ޒީކް މިރޭ އަރާމު ކޮށްލަން ވީނުން..."
ޒީކާ މުޚާތަބުކޮށް ތޫބާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ލީވާން އެ ދެމެދަށް ވަދެ ޒީކާ ދިމާކޮށްލިއެވެ. "ހޫން.... ލަންކާގަ އުޅޭ ކުދިންނަށް ނޭނގޭނެ މި ގޮތަށް ދަތުރު އައިސް އުޅޭކަށް.... ދެން ބޯ އަނބުރާ ހޭ ވެސް ނެތޭނެ.... މާ ބޮޑަށް ޓަޔަޑް ވީދޯ ޒީ...."
ލީވާންގެ ވާހަކަތަކުން ޒީކްގެ ތުންފަތް މައްޗަށް ވެރިވީ ލުއި ހިނިތުން ވުމެކެވެ. އަދި ރައްދުގައި ބޯ ޖަހާލަމުން ލީވާނަށް ޖަވާބުދާރީ ވިއެވެ. "ހޫން.... މޫދަށް އެރުނީމަ މިއަދު ފާޑަކަށް ޓަޔަޑް ވެފަ ހުރީ... އެކަމު މިހާރު އޯކޭ....."
ތޫބާއަށް ފެންނަމުން ދިޔަ މަންޒަރުން ޒީކްގެ ކިބައިން ތަފާތުތަކެއް ފާހަގަ ވަމުން ދިޔައެވެ. ނަމަވެސް އެންމެންގެ ތެރޭގައި އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުރީ ޒީކް އެކަހެރިވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަލިފާންގަނޑު މަތީ ޖަހާފައިވާ ދަލުގައި މަސްފިހަން ތިބި އެންމެންނަށް ކެތް ނުކުރެވިގެން ދިމަދިމާލުން ކޮށްޓަ ކޮށްޓައިގެން ކާން ފެށިއެވެ. އެހިސާބުން ތޫބާ އާއި މިންނާ މެންދުރަށް ކެއްކި މަސްބަތް ތެއްޔާއި ރިހާކުރު ފުޅިއާ ހިފައިގެން އައިސް ތެލީގައި ހުރި ބަތާއި، ރިހާކުރު އެންމެންގެ ތަށިތައްޓަށް އަޅައިދިނެވެ. ދެން ކޮންމެ މީހަކުވެސް ފިހަމުން އައި މަހުން މަސްކޮޅު ނައްޓަމުން، ކަމުން ދިޔައެވެ.
ޓެންޓު ތެރެއިން މަޒީން ނިކުމެގެން އައިއިރު އެންމެންހެން ކައި ނިމެނީއެވެ. މަޒީންގެ ބަތްތަށި ހިފައިގެން އައިސް އަލިފާންގަނޑު ކައިރީގައި އިށީނުމަށްފަހު ކާން ފެށިއެވެ. އަދި ވަށައިގެން އުޅޭ އެންމެންގެ ތެރެއަށް ނަޒަރު ހިންގާލީ ޒީކް ވީ ހިސާބެއް ބެލުމުގެ ބޭނުމުގައެވެ. ކައި ނިމިގެން އަތް ދޮވެގެން މަޒީން ތަށިތަށް ބަހައްޓަން އައި އިރު ތޫބާ ތަށިތައް ނަގާ ތަން ސާފު ކުރުމުގައި އުޅޭތަން ފެނުނެވެ. ތޫބާއާއި އެކީ މިންނާއާއި ޝައްފަ ވެސް މަސައްކަތުގައި އުޅުނެވެ. އެ އެންމެންގެ ތެރެއިންވެސް ޒީކް ފެންނަން ނެތުމުން އެކަމާ މަޒީން ކަންބޮޑުވިއެވެ.
އެންމެންފަހުން މަޒީނު ޒީކް ނުފެނިގެން ތޫބާ ގާތު އަހާލިއެވެ. "ހެއި ކޮބާތަ ޒީ؟...."
މޭޒުމަތީގައި ތަށިތައް އެއްބަރިއަކަށް ބަހައްޓާ ދޮވެގެން ގެނައި ތެލިތައް ބަންޑުން ޖެހުމަށްފަހު ޓެންޓުތަކާއި ދިމާލަށް ހިނގައިގަންނަމުން މަޒީނާ ހަތަރުކަޅި ހަމަކޮށްލުމަށް ފަހު ތޫބާ ޖަވާބުދިނެވެ. "މަށަކަށް ނޭނގެ.... މިތާ އުޅުނު ލީވާން މެންނާއެކީ...."
ތޫބާގެ މޫނުމަތިން ފާޅުވި ކުލަވަރުން ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިކަން މަޒީނަށް އިހްސާސް ވުމުން އިތުރު ސުވާލެއް ނުކޮށް އެނބުރުނީ ވިޝާލްމެން ތިބި ހިސާބަށް ދިޔުމަށެވެ. އޭރު ވިޝާލާއި އީވާނާ ތިބީ އަލިފާން ގަނޑު ދޮށުގައި ސިގިރޭޓް ބޮއެ މަޖާ ކުރާށެވެ. ވިޝާލް ގާތުގައި އިށީނުމުން ސިގިރޭޓެއް ބޯލާށޭ ކިޔައި އީވާން މަޒީނަށް ސިނގިރޭޓެއް ދިއްކޮށްލިއެވެ. މަޒީނަކީ ދުވަހަކުވެސް ސިނގިރޭޓް ބުއި މީހެއް ނޫނެވެ. އެހެންކަމުން ބޭނުމެއް ނޫނޭ ބުނެ މަޒީން ދެއަތަށް ބޯ ހޫރާލިއެވެ.
"ހެއި!.... ޒީކް އެއީ ގައްޑާ ބިޓެއް ދޯ.... ލީވާނަށް މިރޭ ސެޓް ވެފަ ހުރީ... ހިނގައްޖެ އެސޮރާ އެކީ ހިނގާލަން...." އީވާން ދެއްކި ވާހަކަ ތަކުން މަޒީނަށް ސިހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަމުން އެއްވެސް އަސަރެއް ކުރިކަން ހާމަ ނުކުރަން ބަހެއް ނުބުނެ އިނީއެވެ.
މަޒީންގެ މޫނުމަތީގެ ކުލަވަރަށް އަންނަމުން ދިޔަ ބަދަލުތައް ވިޝާލް ދެނެގަންނާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. އެހެންކަމުން ވިޝާލް ބޭނުންވީ އެތަނުން ތެދުވެ މަޒީން ގޮވައިގެން ބޯ ހަމަޖައްސާލަން ހިނގާލަން ދާށެވެ. މަޒީން ފުރަތަމަ ނުދާން ގަދަ ދެއްކިއެވެ. ނަމަވެސް ވިޝާލް ކުރުނުކޮށް އާދޭސް ކުރަމުން ދާތީ ހިނގާލަން ދާން އެއްބަސްވިއެވެ.
*** *** *** *** ***
ގަޑިން ރޭގަނޑު އެގާރަ ޖަހަނީ އެވެ. އަދިވެސް އަތިރި މަތީގައި ޒީކް ހުރީ ލީވާނާ ސަމާސާ ކުރާށެވެ. މިރޭ ލީވާން ހުރީ ވަރަށް އުފަލުންނެވެ. ރަށަށް ޒީކް އައިކަން އެނގުނީއްސުރެއް ޒީކް ކާމިޔާބު ކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ދަތުރުގައި ޒީކް ބައިވެރިވާތީ އެކަމާ ވަރަށް އުފަލުން ހުރެ ދަތުރުދާން އާބަސް ބުނީވެސް އެހެންވެއެވެ. ޒީކްގެ ފަރާތުން ފުރަތަމަ ފެންނަމުން ދިޔަ ރުންކުރު ކަމުން މިކަމަކީ އެހާ ފަސޭހައިން ކާމިޔާބު ވާނެ ކަމެއް ކަމަކަށް ލީވާން ގަބޫލެއް ނުކުރެއެވެ.
ހޭޅިފަށުގައި ހުރި ގަސްތަކުގެ ތެރެއިން ފަތްތައް ހިކިފައިވާ ތިރި ގަހެއްގެ ގޮފިގަނޑު މަތީގައި ޒީކް އިށީނދެގެން އިންއިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. ޒީކް އިނީ އޭނާގެ ދެފައި އެއް ހަމަޔަކަށް ހަލުވާލަ ހަލުވާލައެވެ. ތިރިއަށް އެލުވާލާފައިވާ ފައިތިލަ ބިމުގައި ނުޖެހި ފޫޓެއްހާ ތަން އުސްކޮށްހުއްޓެވެ.
ޒީކްގެ އުނަގަނޑުގައި ހިފާ އެ ގޮފިގަނޑުން ފޭބުމަށް ލީވާން އެހީތެރިވެ ދިނެވެ. ގަހުން މަޑުމަޑުން ފުންމާލި ޒީކްގެ ފައިތިލަ އައިސް ބިމުގައި ޖެހުމުން އިސްއުފުލާލިއެވެ. އޭރުވެސް ލީވާން ހުރީ ޒީކްގެ އުނަގަނޑުގައި ހިފަހައްޓައިގެންނެވެ. ލީވާންގެ ދިގު އިސްތަށިގަނޑު ވައިގެތެރޭގައި އެއްވެސް ތަރުތީބެއްނެތި ހޭވެމުން ދިޔައެވެ. ޒީކް އޭނާގެ އަތުން ލީވާންގެ މޫނު މައްޗަށް އެޅެމުންދިޔަ އިސްތަށިތައް ދުރަށް ޖައްސާލިއެވެ. އެ ދެމީހުންގެ ހަތަރު ކަޅި އަމާޒުވެގެން ދިޔައެވެ.
ލީވާނަށް ކުރަމުން ދިޔަ އިހްސާސްތައް ކިތަންމެހާ ވެސް ފުނެވެ. ޒީކްގެ ލޯބީގައި މަސްތުވެ ދީވާނާ ވެއްޖެއެވެ. ލީވާންގެ ހަށިގަނޑުތެރޭގައި ފޮރުވިފައިވާ ޒީކް އޭނާގެ އަތުތެރެއިން ބޭރުވެގެން ދުއްވައިގަތީ ގަސްތަކުގެ ތެރެއަށެވެ. ލީވާންހެމުން ހެމުން ޒީކްގެ ފަހަތުން ދިޔައެވެ.
ގަސްތަކުގެ ތެރެއަށް ވަދެވުމުން ލީވާނަށް ޒީކް ގެއްލުނެވެ. ޒީކް މިރޭ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެއް ކަމުން އޭނާއަށް ޒީކް ހޯދަން އުނދަގޫވިއެވެ. އެހެން ކަމުން ޒީކްގެ ނަމުން ގޮވަމުން ގަސްތަކުގެ ތެރެއަށް ލީވާން މިސްރާބު ޖެހިއެވެ. ކުރިއަށް ދެވެން ހުރި މަގުތަކުން އެތެރެއަށް ވަންނަމުން ދިޔައިރު ހަނދުވަރުގެ އަލިކަމުން ކުރިޔަށް ދެވެން ހުރި މަގުތައް ސާފުކޮށް ފެންނަމުން ދިޔައެވެ.
ގަހެއްގެ ނިވަލުގައި ފިލާއިން ޒީކް މަޑު ހުނުމެއްގައި މަގުތަކުން އަޅަމުން ލީވާނަށް ފިލަމުން ދިޔައެވެ. ލީވާން ހުރީ ޒީކް އަތު ޖެހިއްޖިއްޔާ ދެން މިރޭ ދޫނުކުރާނަން ކަމަށް ނިންމައިގެންނެވެ. މިރޭގެ ސަމާސާތަކުން ލީވާންގެ ލޭގައި ކެކެމުންދާ ބާރުު އޮއެވަރުގެ ކުޅި ޒީކަށް ދައްކާލަނަމޭ ހިތް ބުނަމުން ދިޔައެވެ. ކުރިމަތިން ފެންނަންހުރި ފަޅުގެއާ އަރާ ހަމަވުމުން ލީވާން އެ ދިމާލަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އެގޭގެ ފާރުގެ އެޅިގާތަށް ނެއްޓިފައިވާ ދިމާލަކުން ޒީކް އެތެރެއަށް ދެމިގަތް މަންޒަރު ލީވާނަށް ފެނުނެވެ. ގާތަކުގެ މަތިން ދުރުދުރުގައި ފިޔަވަޅުއަޅަމުން ލީވާން އެދިމާލަށް މިސްރާބު ބެހެއްޓީ ވަރަށް އުފަލުން ހުރެއެވެ.
- ނުނިމޭ -