ޑްރަގަށް ފަރުވާ ކުރާ މީހުން ޖަލަށް ލުން ހުއްޓުވާ، އެ ފަރާތްތަކަށް ފަރުވާ ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން އެ ފަރުވާ ފުރިހަމަކުރަން ފުރުސަތު ނުލިބޭކަމަށާއި، ކުރީގެ މައްސަލަތަކުގައި ޖަލަށްދާންޖެހޭ ޖެހުން ބަދަލުކޮށްދެއްވާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ވަނީ މެތަޑޯން ޓްރީޓްމަންޓު ނަގާ ކުދިން އެކަން ކުރަމުން ދަނިކޮށް އަނބުރާ ޖަލަށް ގެންދަން އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ކަން މިހާރަށްވުރެ ހަރުދަނާކުރަން ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތީގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، ފުލުހުން ދަނީ މަސްތުވާތަކެތި ބޭނުންކުރާ އަދި ވިޔަފާރިކުރާ ފަރާތްތަށް ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ދާދި ފަހުން ފުލުހުންގެ މި މަސައްކަތަށް ފަސޭހަ ކުރުމަށްޓަކައި، ކަނޑުދަތުރުކުރާ އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން ވަނީ ނިންމާފައެވެ.

ރައީސް އޮފީހުން ބުނީ ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކާ ކަމަށެވެ.