މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ރިސްކް އެލަވަންސް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަތާޝާ ވަނީ އެމްޓީސީސީ އާއި އެޗްޑީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކުރަނީ ވަރަށް ބުރަ މަސައްކަތްތައްކަން ފާހަގަކޮށް އެތަންތަނުގެ ރިސްކް އެލަވެންސް ނުލިބޭތީ އެކަމަށް ރައީސްއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ސުވާލުކޮށްފައެވެ. އަދި އެކަންތައްތައް ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ނަތާޝާ ވަނީ އެދިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކި ކުންފުނިތަކުގައި ކުރަން ހުންނަނީ އެކި ކަހަލަ މަސައްކަތްތައް ކަމަށާއި އެ ކުރާ މަސައްކަތުގެ ރިސްކް ހިމެނޭ ކަމަށް ވަނީނަމަ އެކަން ހަމަޖެއްސޭނީ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން ކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ވަނީ އެމްޓީސީސީއިން ބަނދަރު ހެދުމާއި އެ ފަދަ މަސައްކަތްތަކުގައި އުޅޭ ފަރާތްތާއި އެކަހަލަ އެއްވެސް އައުޓްޑޯ މަސައްކަތެއް ނުވަތަ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާ ފަދަ މުވައްޒަފުން އުޅޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ހައި ރިސްކް އެންވަޔަރަމަންޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގައި ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ރަނގަޅަށް ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވެންސް ތައާރަފްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.