މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކެމްޕެއިން އަށް ގއ. މާމެންދޫ އަށް ވަޑައިގަތުމުން އޭނާއަށް ހަމަލާދީފިއެވެ.

ނަރީޝްއަށް ހަމަލާދީފައި ވަނީ ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާމެންދުއަށް ވަޑައިގެން އެ ރަށު ބަނދަރަށް ފޭބިތަނުން މީހަކު ގޮށްމުށް ކަވާފައި ނަރީޝްގެ ބުރަކަށީފައި ދެ ފަހަރު ޖަހައެވެ.

މީގެ އިތުރުންވެސް ދަނގަޑު ހޮޅިބުރިއަކުން ވެސް އޭނާއަށް ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެތާ އެވަގުތު ތިބީ މީހުން އެކަމަށް ވަނީ ހުރަސް އަޅާފައެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ނަރީޝް އަށް ހަމަލާ ދީފައި ވަނީ އެ ރަށުގެ އިދިކޮޅު އެމްޑީޕީ އެކްޓިވިސްޓެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާމެންދޫގައި ކުރިއަށް ދިޔަ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ނަރީޝަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހަވީރު 5:00 ލިބިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.