ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދޫކުރަން ނުވަތަ ލުއި ދިނުމަށް ނިންމާ ނިންމުމަކީ ކޯޓުގެ ނިންމުމެއް ކަމަށާއި އެ ކަމަކީ ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއް ނޫންކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށާއި ނަމަވެސް ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދޫކުރަން ނުވަތަ ލުއި ދިނުމަށް ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށެވެ.
އިހުސާން މިފަދައިން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތ. ވޭމަންޑޫއިން މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ހައްޔަރުކުރި މީހާ ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމާ ގުޅިގެންނެވެ. އިހުސާން އިތުރަށް ވިދާޅުވީ ތިން ބާރު ވަކިވެފައި އޮންނަ ސިޔާސީ ނިޒާމެއްގައި މިފަދަ މައުލޫމާތު އެނގިފައި އޮތުން މުހިންމު ކަމަށެވެ.
އެ ކާފަ ދޫކޮށްލާފައި ވަނީ އެ ދާއިރާއަށް ވާދަކުރާ މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ވޯޓު އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އާންމު ރައްޔިތުން ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ޑރ. މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މައާފް ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގައި އެދެމުންދާ ކަމަށެވެ.
ރައީސް ވަނީ ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ.