ހދ. ވައިކަރަދޫ، ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެރަށަށް ބޭނުންވާ 250 ކިލޯވޮޓު ގެ އައު ޖަނަރޭޓަރު އެ ރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ވައިކަރަދޫގައި މާދަމާ އައު ޖެނަރޭޓަރު އިންސްޓޮލޭޝަންގެ މަސައްކަތް ކުރެވިގެން ދާނެކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިން ފެނަކައިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވައިކަރަދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭ އާ ޖެނަރޭޓަރު ބަހައްޓައި ހިދުމަތް ދެވެން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ކަރަންޓުގެ މައްސަލަ ހައްލުވަންދެން ރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލްކޮށް ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން މިހެން ބުނެފައި ވާއިރު، ،ކަރަންޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމާއި ގުޅިގެން ރޭ އަރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި ރަމަޟާން މަހު ކަރަންޓު ނެތި އުޅެންޖެހުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.