މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުނޅަދުއް ނެގުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދު ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، މާލެ ސަރަހައްދުން 230 އެއްގަމު އުޅަނދު ޓޯ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ތާޖުއްދީން ސްކޫލް އަދި ހިރިޔާ ސްކޫލް ވަށައިގެންވާ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ 60 އުޅަނދާއި މި މަހުގެ 13 ވަނަ ދުވަހު އަމީނީ މަގުން 15 ވެހިކަލެއްގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު ޓޯ ކުރި 40 ވެހިކަލް ހިމެނެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު 48 ވެހިކަލެއް ޓޯ ކޮށްފައިވާއިރު، ހޯމަ ދުވަހުގެ ރޭ 41 ވެހިކަލެއް ވަނީ ޓޯ ކޮށްފައެވެ.

ފަހަކަށްއައިސް ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ. އެގޮތުން މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަންދުތައް ޓޯ ކުރުމުގެ މަސައްކަތް ކޮންމެ ރެޔަކު ފުލުހުން އަންނަނީ ކުރަމުންނެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް މައިގަނޑު 6 ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އެގޮތުން މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތައް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިނގަން ހާއްސަކޮށްފައިވާ ޕޭމެންޓުގައި 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.