އަންނަ މަހު އިންޑިއާގައި ބާއްވާ 6 ހަފްތާގެ އާންމު އިންތިހާބާ ދިމާކޮށް އިދިކޮޅު ކޮންގްރެސް ޕާޓީއާއި ޕާޓީއަށް ފަންޑު ކޮށްދޭ ފަރާތްތަކުގެ އެކައުންޓްތައް ސަރުކާރުން ފްރީޒް [ހިފެހެއްޓުން] ކުރާކަމަށް ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވެއްޖެއެވެ.
ޓެކްސް އާ ގުޅުން ހުރި މައްސަލަތަކެއް ފެންމަތިކޮށް އިންކަން ޓެކްސް ޑިޕާޓުމަންޓުން ވަނީ ކޮންރްގެސް ޕާޓީއަށް ނިސްބަތްވާ އެކައުންޓްތައް ފްރީޒް ކުރަން ފަށާފައެވެ.
މި ކަމާ ގުޅިގެން ރާހޫލް ވިދާޅުވީ, އެއީ ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުދިނުމަށް ކުރާ ކަމެއް ކަމަށާއި މިހާރުވެސް ހަރަދުކުރުމުގައި ދަތިތަކާ ކުރިމަތިވެފައި ވާ ކަމަށެވެ.
"އަހަރެމެންގެ މާލީ ހުރިހާ ހަރަކާތެއް ހުއްޓުވައިފި, ކެމްޕެއިން ކުރާނެ ފައިސާއެއް ނެތް, ކެންޑިޑޭޓުންނަށް ސަޕޯޓު ކޮށްދެވޭނެ ގޮތެއް ނެތް, އިންތިހާބުގައި ވާދަވެރިކަން ދެއްކުމަށް އޮތް ފުރުސަތު ނިގުޅައިގެންފި"
އިންކަން ޓެކްސް ޑިޕާޓުމަންޓުން ވަނީ 2018 އާއި 2019 އާ ދެމެދު ކޮންގްރެސް ޕާޓީން ދައްކަން ޖެހޭ ޓެކްސް ފައިސާއެއް ނުދައްކާ އޮތް ކަމަށް ބުނެ އެ ޕާޓީއަށް ނިސްބަތްވާ ގިނަ އެކައުންޓުތަކެއް ފްރީޒް ކޮށްފައެވެ. އެއީ ގާތްގަނޑަކަށް 16.32 މިލިއަން އެމެރިކާ ޑޮލަރެވެ.
ކޮންގްރެސް ޕާޓީގެ ހަޒާންދާރު އަޖޭ މަކެން ބުނީ ނިމިދޔަ ފެބްރުއަރީ 13 ވަނަ ދުވަހު ޖުމްލަ 25 މިލިއަން ޑޮލަރުގެ ޓެކްސް ދައްކަން ޖެހޭކަމަށް ބުނެ އޭގެ ތެރެއިން 14 މިލިއަން ޑޮލަރު ޓެކްސް ޑިޕާޓުމަންޓުން ހިފަހައްޓާފައި ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ކޮށްފައި ވާ ކަމެއް ކަމަށާއި އެކަން ކޮށްފައި ވަނީ ސީފާ ބޮޑުވަޒީރު މޯދީގެ ސަރުކާރުން ކަމަށެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި އިތުރު ނޯޓިސް އެއް ފޮނުވި ކަމަށާއި އެއީ 1995 އާއި 1996 އާ ދެމެދު މުއާމަލާތަތްކާ ގުޅޭގޮތުން ފޮނުވި ނޯޓިސް އެއް ކަމަށްވެސް ބުނެފައި ވެއެވެ. އެއާއެކު އެޕާޓީން ބުނީ މިއީ ސީދާ ބޮޑުވަޒީރާއި ހޯމް މިނިސްޓަރު ހިންގަވާ ޖިނާއީ ކުށެއް ކަމަށާއި އިންޑިއާ އަކީ ޑިމޮކްރަސީ އެއް ކަމަށް ކިޔާ ދައްކާ ވާހަކަތަކަކީ ރޯބުހުތާނު ދޮގެއް ކަމަށެވެ.
މިދިޔަ މަހު އިންޑިއާ ސްޕްރީމް ކޯޓުން ވަނީ ޕާޓީތަކަށް ފަންޑު ކޮށްދޭ ފަރާތްތަކާއި މާލީ މުއާމަލާތްތަކުގެ ތަފްސީލުތައް ހާމަ ކުރުމަށް އާންމު އަމުރެއްވެސް ނެރެފައެވެ.