އިހުގެ ދިވެހިންގެ ދިރިއުޅުން މިއަދު އަހަރެމެންނަށް ފެންނަން ހުރީ ފޮތް ފޮތްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކާއި މަދު ފޮޓޯއަކުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކާބަފައިންގެ ދިރިއުޅުމުގައި ބޭނުންކުރި ތަކެއްޗާއި އެ ނޫނަސް އެ ޒަމާނުގެ ތަކެތި އަސްލަކަށް ބަލައިގެން އުފައްދާ ތަކެތި މަދުން ވިޔަސް ފެންނަން ހުރި ނަމަވެސް އިހު ދިވެހިން ބޭނުންކުރި އަސްލު ތަކެއްޗާއި ދިވެހިންގެ ފަންނުވެރިކަން ފެނުމުގެ ނަސީބު މިހާރު ލިބޭނީ މަދު މީހަކަށް ކަންވެސް ހަމަ ޔަގީނެވެ.

މާލެ ސަރަހައްދު ނޫނަސް އަތޮޅު ތެރޭގެ ކޮންމެ ރަށަކުންވެސް ދުވަހެއް ދުވަހަކަށް ފެންނަނީ ޒަމާނާ އެއްގޮތަށް ގެތަށްވެސް ތަރައްގީވަމުން އަންނަ މަންޒަރެވެ. ރުއް ލަކުޑިއާއި ބަބުކެޔޮ ލަކުޑިން އެޅި ގެތައް ދޫކޮށް ތެޅި ގަލުގެ އެޅި ގެތަށްވެސް މިހާރު ބިމާ ހަމަކޮށް ނިމެނީއެވެ. މުޅިންހެންވެސް ފެންނަމުންދަނީ ހިލައާއި ހިލަވެއްޔާއި ދަގަނޑުން އެންމެ ޒަމާނީ ފެންވަރަށް ގެތަކަށް ހަދާ ނަލަކޮށްފައިވާ މަންޒަރެވެ. އިހުގައި ހަދާފައިވާ މަދު ގެއެއްގެ ބޭރުން މިހާރު ފެންނަން ހުރި ނަމަވެސް އެތަނެއް ފަޅުވެ، އެތެރޭގައި އޭރު ބޭނުންކުރި ތަކެތިވެސް ވަނީ ވީރާނާވެ ގޮސްފައެވެ.

އެ ފަދަ ގެއެއް އާބާދީ ބޮޑު، ތަރައްގީގެ ސަފުން ކުރި ހޯދައިގެން "ސިޓީ" އެއްގެ ދަރަޖަ ލިބިފައިވާ ފަސްގަނޑެއްގައި ހުންނާނެއޭ ބުނުމުން ގަބޫލު ނުކުރެވުނަސް ކުޅުދުއްފުށީ ސިޓީ، ތަރިޖެހިގެ އެ ހުރީ މީގެ 100 އަހަރު ނުވަތަ ގަރުނެއް ކުރިން ހަދާފައިވާ ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސްއެވެ. އޭރު ބޭނުންކުރި އެކި ނަންނަމުގެ އެނދުތަކާއި އަލަމާރިތަކާއި މޭޒާއީ އޮޅިގަނޑާއި އޭރު ސީލިންގުގެ ގޮތުގައި ބޭނުންކުރި ތަކެތިއްޗާއި އެ ގޭގެ ބަދިގެ އަދި ގިފިލި ވެސް އެ ހުރީ ހަމަ އެހާ ދުވަސްވެފައެވެ.

އެއީ އެ ގޭގައި މިހާރުވެސް ދިރިއުޅެމުން އަންނަ އުމުރުން 88 އަހަރުގެ އަލީ މުހައްމަދު (އަލިބެ) ގެ މައިންބަފައިންގެ ގެއެވެ. އެ ސިޓީގެ ހިމަ ގޯޅިއެއްގެ ތެރެއިން ގޮސް އެގެއަށް ވަދެވުނީ މެންދުރު ވަގުތު ނަމަވެސް އެ ވަގުތުވެސް އަލިބެ އުޅެމުން ދިޔައީ އަވަދިނެތި މަސައްކަތުގައެވެ. މީގެ ކުރިން ކިއްސަރު ވަޑާމުގެ މަސައްކަތް ކުރި އަލިބެ އެ ދުވަހުވެސް އުޅުނީ ލަކުޑި ގަނޑެއް ކީހޭތޯއެވެ. އަލިބެގެ އެ މަސައްކަތުގެ ތެރެއިންވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ ޒަމާނަށް އައި ބަދަލާއެކު އެ މަސައްކަތް ކުރުމަށް ކަރަންޓްގެ އެކި އެކި އާލާތްތައް ވުޖޫދުވެ، ގިނަ ބަޔަކު އެ ތަކެތި ބޭނުންކުރަމުންދާއިރުވެސް އަލިބެ ބޭނުންކުރަމުން ދިޔައީ އާދައިގެ އަތު ކީހެކެވެ.

އަލިބެ ލަކުޑި ގަނޑެއް ކީހުމުގެ މަސައްކަތުގައި/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ ގޯތި ތެރޭގައި ޖޯލިތަކާއި ފަންޖެހި އެނދެއް ބަހައްޓާފައިވާއިރު އިހުގެ އެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.

"މިގޭގައި މިހުރީ އެ ޒަމާނުންފެށިގެން ހުރި އެއްޗެހި. ވަކި އިތުރު ގޮތެއް ނުހަދަން."
އަލިބެ

ބަބުކެޔޮލާއި ރުއް ލަކުޑިން ހަދާ ފަރުމާކޮށްފައިވާ އެ ގެއަށް ވަންނައިރު ދޮރުމަތީގައި އޭރުގެ ގޮތަށް އުސްކޮށް ހަދާފައިވާ އޮޅިގަނޑު އިންއިރު ކުރިމަތިން ދިމާ އެނދު ފެންނަން ހުއްޓެވެ. އެއީ އިހުގައި ކޮންމެ ގެއެއްގެ ވެސް ބޮޑު މީހާ ނިދާ އެނދަށްވާއިރު އަލިބެ ބައްޕަ ނިޔާވުމުގެ ކުރިން އެ އެނދުގައި ނިދީ އަލިބެގެ ބައްޕައެވެ. އެހެންމަވެސް މިހާރު އެ އެނދުގައި ނިދަނީ އަލިބެއެވެ.

އަލިބެ، އޭނާ ދިރިއުޅޭ "ތަރިޖެހި" ގޭގެ ބޮޑު އަށިމަތީގައި އިށީދެލައިގެން/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ ގޭގެ ވާތް ފަޅިން ފެންނަ ހުރީ ބޮޑު އައްޓެވެ. އެ އައްޓާ ދިމާ ބިތްގަނޑު އުވައިން ހަދާފައިވާއިރު އެ ބިތަށް ފައްތާފައި ކަހަލަ ގޮތަކަށް ހުރީ ހަ ފިޔަލީ ތަރިއެކެވެ. އެއީ އެ ގޭގެ ނަމާ ގުޅުން ހުރިން ހުރި އެއްޗެއް ކަމަށް ބެލެވެއެވެ. އެ އަށި މަތީގައި ދެ ދޮރުފަތްލީ ލަކުޑި އަލަމާރިއެކާއި ލަކުޑި ފޮއްޓެއް އަދި އެ ފޮށި މަތީގައި މަލާފަތެއް އިންއިރު އެ އަށި ހަދާފައި ހުރީ މަޅުތައް ނަގައިގެން އެތެރެއަށް އެއްޗެހި އެޅޭ ގޮތަށެވެ. އެ އަލަމާރީގައި އަލިބެގެ ބައްޕަގެ ކޮންމެވެސް ވަރަކަށް އަންނައުނާއި އޭނާގެ ބައްޕަ ކުޅިވަރުކުޅެން ގެންގުޅުނު ތާރަފަދަ ތަކެތިވެސް ހުއްޓެވެ.

އެގޭ އިތުރުން އެ ބޮޑު އަށި މަތީގައި އަލިބެ މަންމަ ލިބާހުގައި އަޅަން ބޯވަޅު ގަތަން ގެންގުޅުނު ގަތާފައިވެސް ބަހައްޓާފައި ހުރިއިރު ފޯއް ތަޅަން ގެންގުޅޭ ކުޑަ ކުޑަ ވަނެއްވެސް އިނެވެ. އެ އަށްޓާ ދިމާ މަތިން އެ ޒަމާނުގެ ގޮތަށް ހަދާފައި ހުރި ސީލިންގެއްވެސް ފެންނަން އެބަ ހުއްޓެވެ. އެ ޒަމާނުގައި ބޮޑު އަށި ބޭނުންކުރަނީ ފާތިހާ ކިޔުމަށާއި އެ ގެއެއްގައި ދިރިއުޅޭ މީހުންގެ ކާ މޭޒެއްގެ ގޮތުގައެވެ.

އެ ގޭ ތެރެއިން ލަކުޑި ގޮޑި ފަދަ ތަކެތި ފެންނަ ހުރިއިރު ގެއިން ވަންނައިރު ޖަހާފައި ހުރި މުޑިއެއްގައި ހަރުކޮށްފައި ހުރި ޗާބީ ގަޑިއެއްވެސް ފެންނަން އިނެވެ.

އަލިބެ ދިރިއުޅޭ "ތަރިޖެހި" ގޭގައި ހަރުކޮށްފައިވާ ޗާބީ ގަޑި/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ ގޭގެ ވާތް ފަރާތުގައި ހުރި މޭޒު މަތީގައި ބެޓެރި ރޭޑިއޯއެއް އިންއިރު އެ ގޭގެ ތެރެއަށް ވަދެގެންދާއިރު ގޭގައި އުޅޭ އަންހެން މީހާ ނިދުމަށް ބޭނުންކުރާ އުތުރު އެނދުވެސް ހުއްޓެވެ. އެ އެނދު ބޭނުން ނުކުރާތާ މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވީ ނަމަވެސް އެ އެނދުމަތީގައި ބާލީހެއް އޮތްއިރު އެ އެނދަށް އަދިވެސް އޮތީ ބެޑްޝީޓް ލައްވާފައެވެ. ގޭގެ އެތެރޭގައި ހުންނަ އެ އެނދު ކައިރީގައި ރުނބައެއް ހުރި އިރު އެތާހުރި ކުޑަ އަލަމާރިއެއް މަތީގައި ލަކުޑި ކުޑަ ފޮއްޓެއްވެސް ހުއްޓެވެ. އަދި ސުތުލި ގޯނީގެ ފައްޖެހި އެނދެއްވެސް އެތާ ކައިރީ ހުއްޓެވެ.

އަލިބެ ދިރިއުޅޭ "ތަރިޖެހި" ގޭގައި ހުރި އުތުރު އެނދު/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ އެނދުގެ މަތީގައި ތަށި އަޅާ ހަރެއް ހުރިއިރު އެ ހަރުގެ މަތީގައި ތަށިތަކާއި ބަތްޕޮޅިއެއް ބަންޑުން ޖަހާފައިހ ހުރިއިރު އެތަކެއްޗަށް އަރާފައިވާ ހިރަފުހުން އެތަކެތި ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން އެނގެއެވެ. ދެން ހުރި އެނދު މަތީގައި ވަޑާން ކުރަން އަލިބެ ބޭނުންކުރާ އެކި އާލާތްތައް ފެންނަން ހުރި އިރު މުޅިންވެސް ފެންނަން ހުރީ އެ ޒަމާނުގެ އާލާތްތަކެވެ.

ބޯފެން އަޅާ ބަނޑިޔަލަކާއި އެ ބަނޑިޔަލުން ފެންނަގަން ނާއްޓެއްގައި ދަނޑިކޮޅެއް ލައިގެން ހަދާފައިއިން އުދުޅިއެއް އިންއިރު ފެން ބޯން ފެން އަޅަން އިނީ ބޯ ތައްޓެކެވެ. އެގޭގެ ތެރެއިން ލަކުޑި ގޮނޑިތަކާއި ސާފުތެޔޮ ބައްތިތަކާއިއި މޫނު ބަލާ ލޯގަނޑުގަނޑުތައްވެސް ފެންނަން ހުރިއިރު މުޅިން ވެސް އެއީ އެ ޒަމާނުގެ ތަކެއްޗެވެ. އެ ގޭގައި އެތެރެގޭ ބައެއް ވެސް ހުރިއިރު އެތަނުގައިވެސް ހުރީ އަލިބެ ވަޑާމަށް ބޭނުންކުރާ ތަކެއްޗެވެ.

އެ ގޭއާ ދުރުގައި ގިފިއްޔަކާއި ބަދިގެއެއް ހުރިއިރު އެތަންތަންވެސް ހުރީ އިހުގެ ގޮތަށެވެ.

"އަހަރެން އުޅެ ބޮޑުވީ މިގޭގައި ވިހެއީވެސް މިގޭގައި"
އަލިބެ
އަލިބެ ދިރިއުޅޭ "ތަރިޖެހި" ގޭގެ ބަދިގެ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެގެއަށް އެންމެ ފަހުންވެސް ބަދަލެއް ގެނެސްފައިވަނީ އަލިބެގެ ބައްޕައެވެ. އެގޮތުން އެގޭގެ ފަންގެ ބާލާ، ޓިނަށް ބަދަލުކުރީވެސް އޭނާގެ ބައްޕައެވެ. އެއީ ގާތްގަނޑަކަށް 1988 ވަނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު އެ ގެއަށް ކަރަންޓްވެސް ލާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރެވެ.

"މިގެއަށް ގެނައި ބަދަލަކީ ފަންގެ ބާލާފައި ޓިނު ޖެހީ. ޓިނު ޖެހީ ގާތްގަނޑަކަށް މާލެއަށް ބަގާވާތް އައި ދުވަސްވަރޭ ބުނެވޭނީ"
އަލިބެ

އެ ގޭގައި ތިން ބޮތްކާއި ތިރީގައި ބައިދާ ފަންކަލެއް ފިޔަވާ އިތުރު ކަރަންޓެއް ބޭނުންނުކުރާއިރު އެ ފަންކަލަށް އަރާފައިވާ ހިރަފުހުން އެނގެނީ އެ ފަންކާވެސް ބޭނުން ނުކުރާ ގިނަ ދުވަސްތަކެއްވެފައިވާ ކަމެވެ.

އަލިބެ ދިރިއުޅޭ "ތަރިޖެހި" ގޭގައި ހަރުކޮށްފައިވާ ބޮތްކެއް/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ ގޭގައި ވިހާ، އެ ގޭގައި އުޅެ ބޮޑުވި އަލިބެ އަދިވެސް އުޅެމުން އެދަނީ އެ ޒަމާނުގެ ދިރިއުޅުކެވެ. ފޯނެއް ވެސް އަދި މިހާތަނަކަށް އޭނާ ގެންގުޅެފައި ނުވާއިރު އޭނާގެ މަސައްކަތްވެސް މުޅިން ބިނާވެފައި ވަނީ ކަރަންޓާ ނުލައެވެ.

އާމްދަނީ ހޯދަން މީގެ ކުރިން ކިއްސަރު ވަޑާމުގެ މަސައްކަތް ކުރި އަލިބެ ބުނީ އޭނާ އެ މަސައްކަތް ކުރީ ގާތްގަނޑަކަށް 40 އަހަރު ކަމަށާއި މިހާރު އެ މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ވަޑާމުގެ މަސައްކަތްތައް އޭނާ ކުރާއިރު އެ މަސައްކަތްތައް އޭނާ ދަސްކުރީ އެ ރަށުގެ މީހެއްގެ ކައިރިންނެވެ.

ބޮޑެތި ބޯޓުތައް ބަނުމުގެ މަސައްކަތްތައް މީގެ ކުރިން ކުރި އަލިބެ މިހާރު ކުރަނީ ކުދި ކުދި މަސައްކަތްތަކެވެ. އޭރުވެސް އޭނާ ހަދަމުން ދިޔައީ އޮށްވަޅު ގޮނޑިއެކެވެ. ދޭފަތާއި އުނދޯއްޔާއި ހުނިގޮނޑި ފަދަ ތަކެތި މިހާރުވެސް ކޮންމެވެސް ވަރަކަށް ހަދަމުން އަންނަ އަލިބެ ބުނީ މިހާތަނަށް ކަރަންޓު އެއްވެސް އެއްޗެއް އެ މަސައްކަތުގައި ބޭނުން ނުކުރާ ކަމަށާއި ނުވެސް ހޯދާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓް އެއްޗެހިން މަސައްކަތް ކުރާއިރު ފަސޭހަ ވެފައި އަވަސްވާނެ ކަން އޭނާވެސް ގަބޫލުކުރެއެވެ.

އަލިބެ ހަދާފައި އުނދޯއްޔެއް/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އަލިބެ ބުނީ އެގޭގައި އެކަނި އުޅެން ކުޑަކޮށް ޖެހިލުންވާ ކަމަށާއި މީގެ ކުރިން ވައްކަމުގެ ކަމެއް ދިމާވި ކަމަށެވެ. އެ ހާދިސާ ކިޔައިދެމުން އަލިބެ ބުނީ އެއް ރޭ އޭނާ ނިދާފައި އޮއްވާ އެގެއަށް ވަތް ބަޔަކު ރުފިޔާ ވަގަށް ނެގި ކަމަށާއި އެހެންނަމަވެސް ވަގަށް ނެގީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނޭނގޭ ކަމަށެވެ. އަދި އެ މީހުން ވައްކަން ކުރަން ވަދެ އުޅެނިކޮށް ހޭލެވުނު ކަމަށްވެސް އަލިބެ ވަނީ ބުނެފައެވެ.

މީގެ ކުރިން ދެ ކައިވެނި ކުރި ނަމަވެސް އެއިން އެއްވެސް ކައިވެންޏަކަށް އަލިބެއަށް ދަރިއަކު ލިބިފައެއް ނުވެއެވެ. އަލިބެ ކުރި ދެ ކައިވެނި ރޫޅި ގިނަ ދުވަސްތަކެއްވެފައިވާއިރު މިހާރު އޭނާގެ ހިތް ހަމަ ޖެހުމަކީ ކޮންމެ ދުވަހަކު އެ ގެއަށް ޒިޔާރަތްކުރާ މީހުންނެވެ. އެ ގެ ބަލާލުމަށާއި އެ ގޭގައި ފޮޓޯނެގުމަށްވެސް ގިނަ ބަޔަކު އެ ގެއަށް ކޮންމެ ދުވަހުހެން ދާއިރު އަލިބެ އެއިން ކޮންމެ މީހަކަށްވެސް މަރުހަބާ ކިޔަނީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.

އަލިބެއަކީވެސް އިހުތިބީންގެ ހުރި ހިތްހެޔޮ ކަމާއި ކެރުންތެރިކަމާއި ހިތްވަރު މިހާރަށް ފެންނަން ހުރި ލާމަސީލު ނަމޫނާއެކެވެ.