އުންމީދަކީ މޭ މަހުގެ ތެރޭގައި އީ-ވޮލެޓްގެ ހިދުމަތް ތައާރަފްކުރެވިގެން ދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މއ.ނައިޓްލައިޓް، އަބްދުﷲ އިނާން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އީ-ވޮލެޓްގެ ހިދުމަތަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރަމުން އިނާން ވަނީ އެ ހިދުމަތް ތައާރަފްކުރެވޭނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވަރަށް ބާރަށް އެކަމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށާއި އުއްމީދުކުރައްވަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީ- ވޮލެޓުގެ ހިދުމަތް ތައާރަފްވެގެން ދާނެ ކަމަށެވެ.

އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދުމާއެކު ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފައެވެ.

އީ-ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ރާއްޖެއަށް ޕޭޕަލް ލިބޭ ގޮތް ހަދަން އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.